އެބައަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ އަދި އެކަލާނގެއާއި އެންމެ ބޮޑަށް ކުއްތަންވެގެންވާ އަޅުތަކުންގެ ސިފަތައް-: ޝެއިޚް މުހައްމަދު ސިނާން

ކިޔުމަށް ހޭދަވާނީ 8މ 45ސ
އެބައަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ އަދި އެކަލާނގެއާއި އެންމެ ބޮޑަށް ކުއްތަންވެގެންވާ އަޅުތަކުންގެ ސިފަތައް-: ޝެއިޚް މުހައްމަދު ސިނާން

ޢާއިޝަތު ރަފާޙް ޢަލީ

 

ފުރްގާން ސޫރަތުގެ 63 ވަނަ އާޔަތުން ފެށިގެން 74 ވަނަ އާޔަތައް ވަނީ ޙާއްސަ ސިފަތަކެއް ބަޔާންކޮށް ދެއްވާފައެވެ. އެ ސިފަތަކަކީ އެންމެ އޯގާވަންތަ ރަސްކަލާނގެ އެބައެއް ދެކެ

ލޯބިވެވޮޑިގެންވާ އަދި އެކަލާނގެއާއި އެންމެ ބޮޑަށް ކުއްތަންވެގެންވާ އަޅުތަކުންގެ ސިފައެވެ.  

މި ސިފަތައް އެކަލާނގެ ފައްޓަވާފައި ވަނީ ރަހްމާންވަންތަ އިލާހުގެ އަޅުތަކުންގެ ކިބައިގައި ހުންނާނެ ސިފަތައް ކަމުގައި ބަޔާންކޮށް ދެއްވަވަމުންނެވެ. މި ސިފަތަކުން ސިފަ ލިބިގަތުމަށްޓަކައި މަސައްކަތް ކުރުމަކީ އެކަލާނގެ ރުއްސެވުމާއި ފުއްސެވުން ލިބުމަށް އެދޭ ކޮންމެ އަޅަކު ލިބިގަތުން މުހިއްމު ސިފަތަކެކެވެ.  

1. މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާބިނގާވެ އުޅުން: 

އެކަލާނގެ ފުރްގާން ސޫރަތުގެ 63 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. وَعِبَادُ ٱلرَّحْمَٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًا ﴿٦٣﴾‏ 

މާނައީ: "رحمن ވަންތަ ރަސްކަލާނގެ އަޅުންނީ، މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާ އުޅޭމީހުންނެވެ. އެބަހީ: ބޮޑާކަމާއި އަނިޔާވެރިކަމާއެކު އުޅޭ ބައެއް ނޫނެވެ. މީހުންނަށް އުނދަގޫވާގޮތަށް އަދި ދުއްތުރާވާ ގޮތަށް ބިމުގައި ހިނގާބިނގާވެ ދަތުރުކޮށް އެބައިމީހުން ނޫޅޭނެއެވެ. 

2. ޖާހިލުން ޖަދަލުކުރަން އުޅެފިނަމަ ސަލާމްއޭ ބުނެ އެކަމުން ދުރުވެގަތުމެވެ.: 

މާތް ﷲ ފުރްގާން ސޫރަތުގެ 63 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. وَإِذَا خَاطَبَهُمُ ٱلْجَٰهِلُونَ قَالُوا۟ سَلَٰمًا ﴿٦٣﴾‏ މާނައީ: އަދި އެއުރެންނާ ޖާހިލުން مخاطب ކޮށް ވާހަކަދައްކައިފި ހިނދަކު، އެއުރެން سلام އޭ ބުނެތެވެ." އެބަހީ: އެބައިމީހުންގެ ޖަދަލުގައި ބައިވެރިނުވެ ސަލާމްއޭ ބުނެ އެކަމުނެ ދުރުވެ ގަންނާނެއެވެ. ޖާހިލުންނާއި ޖަދަލުކުރުމަކީ ވަގުތު ބޭކާރުވެ އެކަމުން ލިބޭނެ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެ ކަމެއްކަން އެބައިމީހުން ދަނެއެވެ.  

3. ރޭއަޅުކަން ކުރުން: މާތް ﷲ ފުރްގާން ސޫރަތުގެ 64 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. وَٱلَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَٰمًا ﴿٦٤﴾‏ 

މާނައީ: "އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުޅައުމަށް، سجدة ކުރުމުގައްޔާއި، قيام އަށްތިބުމުގައި، ރޭގަނޑުގެ ވަގުތު ހޭދަކުރާ މީހުންނެވެ." 

4. ނަރަކައިގެ ޢަޛާބުން ސަލާމަތް ކޮށްދެއްވުމަށް އެދި ދުޢާ ކުރުން: މާތް ﷲ ކީރިތި ގުރްއާނުގެ ފުރްގާން ސޫރަތުގެ 65 އަދި 66 ގައި ވަހީ ކުރައްވާފައިވެއެވެ.  

وَٱلَّذِينَ يَقُولُونَ رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا ﴿٦٥﴾‏ إِنَّهَا سَآءَتْ مُسْتَقَرًّا وَمُقَامًا ﴿٦٦﴾‏ 

މާނައީ: "އަދި އެއުރެންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ނަރަކައިގެ عذاب، އަޅަމެންގެކިބައިން ދުރުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އެތާނގެ عذاب އަކީ، ވަކިނުވެ ދެމިހުންނަ ކަމެކެވެ. (65) ހަމަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، قائم ވެތިބޭ ވަޒަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ. (66)" 

5. ހޭދަކުރާއިރު މެދުމިންވުން: މާތް ﷲ ކީރިތި ގުރްއާނުގެ ފުރްގާން ސޫރަތުގެ 67 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. وَٱلَّذِينَ إِذَآ أَنفَقُوا۟ لَمْ يُسْرِفُوا۟ وَلَمْ يَقْتُرُوا۟ وَكَانَ بَيْنَ ذَٰلِكَ قَوَامًا ﴿٦٧﴾‏ މާނައީ: "އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފިނަމަ إسراف ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ. (67)" މީގެ ތެރޭގައި އަމިއްލަ ނަފްސަށާއި. އަނބިދަރިންނަށާއި ގާތްތިމާގެ މީހުންނަށާއި، އެހެން މީހުންނަށް ކުރާ ހޭދަތައްވެސް ހިމެނެއެވެ. 

6. ﷲ ނޫން ފަރާތަކަށް ދުޢާކޮށް ނުހެދުން: މާތް ﷲ ކީރިތި ގުރްއާނުގެ ފުރްގާން ސޫރަތުގެ 68 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. (وَٱلَّذِينَ لَا يَدْعُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ) މާނައީ: "އެއުރެންނީ اللَّه އާއެކު އެހެން إله އަކަށް ގޮވައި ނަހަދާމީހުންނެވެ." އެބަހީ އެބައިމީހުން ކަންކަމުގައި އެބައިމީހުން ހަމައެކަނި ދުޢާކުރާނީ މާތް ﷲ އަށެވެ. އެކަލާނގެ ދުޢާ އިޖާބަ ކުރައްވާނެކަމަށް އެބައިމީހުން ޔަގީންކުރެއެވެ. އަދި އެކަލާނގެއަށް ދުޢާކުރުމާއެކު އެހެން އިލާހުންނަށް ގޮވާ ނަހަދައެވެ.   

7. ޙައްގު ގޮތުގައި ނޫނީ ގަތުލުކޮށެއް ނުހަދާނެއެވެ. 

وَلَا يَقْتُلُونَ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ 

މާނައީ: އަދި اللَّه، حرمة ތެރި ކުރައްވާފައިވާ نفس އެއް، حق ގޮތުންނޫނީ، ނުމަރާ މީހުންނެވެ." އެބަހީ މާތް ﷲ ޝަރުޢު ކުރައްވާފައިވާ ގޮތުގެ މަތީން މަރުގެ އަދަބެއް ކަނޑައެޅިފައިވާ ކަމެއްގެ ސަބަބުން އެއައިސްފައިވާ ގޮތުގެ މަތީން ނޫން ގޮތަކަށް މީހުން މަރާ ނަހަދާނެއެވެ.  

8. ޒިނޭ ނުކުރާނެއެވެ. وَلَا يَزْنُونَ މާނައީ: "އަދި ޒިނޭނުކުރާ މީހުންނެވެ." އެބަހީ ކައިވެނި ކުރަން އުޅޭ މީހަކާ ކަމުގައިވީ ނަމަވެސް އަދި އެނޫން މީހަކާ އެކީގައި ކަމުގައި ވީނަމަވެސް ކައިވެންޏެއްގެ ކުރިންވިޔަސް ކައިވެއންޏެއްގެ ފަހުންވިޔަސް އެބައިމީހުންނަކީ ޒިނޭކުރާނެ މީހެއް ނޫނެވެ. 

9. ދޮގު ހެކި ނުދޭނެ:  

މާތް ﷲ ފުރްގާން ސޫރަތުގެ 72 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. وَٱلَّذِينَ لَا يَشْهَدُونَ ٱلزُّورَ މާނައީ: އަދި އެއުރެންނީ ދޮގުހެކިނުދޭ މީހުންނެވެ." އެބަހީ އެމީހާގެ އަމިއްލަ ނަފްސުގެ މައްޗަށް ކަމުގައިވީ ނަމަވެސް އަދި އެހެން މީހެއްގެ މައްޗަށް ހެކި ދޭ ކަމުގައި ވީނަމަވެސް ޢަދުލުވެރިކަމާއި އިންސާފާއެކު ހެކި ދޭ މީހުންނެވެ.  

10. ބޭކާރު ކަންކަމުން ދުރުވާނެ: މާތް ﷲ ފުރްގާން ސޫރަތުގެ 72 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. وَإِذَا مَرُّوا۟ بِٱللَّغْوِ مَرُّوا۟ كِرَامًا ﴿٧٢﴾‏ މާނައީ: "އަދި ބޭކާރު ބަސްތަކާއި ކަންތައް ދިމާވާހިނދު، މާތްމީހުންގެ ގޮތުގައި ފަހަނަޅައިދާ މީހުންނެވެ. (72)"  

އެބަހީ: ބޭކާރު ވާހަކަތައް ދެއްކުމުގައާއި ބޭކާރު ކަންކަން ކުރުމުގައި އެމީހުން ނުތިބޭނެއެވެ. މާތް ﷲ ހުއްދަ ކުރައްވާފައިވާ އިމުގެ ތެރެއިން ދުނިޔެވީ ގޮތުން ނުވަތަ އުޚްރަވީ ފައިދާހުރި ބަސްތަކާއި، ކަންކަމުގައި ނޫނީ އެބައިމީހުން ނޫޅޭނެއެވެ. އެފަދަ މަޖިލިހަކަށް ނުވަތަ ކަމަކަށް ހުށަހެޅިއްޖެނަމަ މާތް ހެޔޮ މީހުންގެ ގޮތުގައި ދުރުވެގަންނާނެއެވެ.  

11. މާތް ﷲ ގެ އާޔަތްތައް އަޑުއަހާ ޢަމަލުކުރާނެއެވެ. މާތް ﷲ ފުރްގާން ސޫރަތުގެ 73 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.   

وَٱلَّذِينَ إِذَا ذُكِّرُوا۟ بِـَٔايَٰتِ رَبِّهِمْ لَمْ يَخِرُّوا۟ عَلَيْهَا صُمًّا وَعُمْيَانًا ﴿٧٣﴾‏ 

މާނައީ: "އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތައް ހަނދާންކޮށްދޭހިނދު ބީރު ކަނު ބައެއްގެ ގޮތުގައި، އެ آية ތަކުގެ މައްޗަށް ވެއްޓި ނުގަންނަ މީހުންނެވެ. (73)" އެބަހީ އެކަލާނގެ އާޔަތްތައް އެބައިމީހުން ހަމައެކަނި އަޑުއަހާލާ ކިޔާލާ ހަދާލާނީއެއް ނޫނެވެ. އެއިގެ ބަދަލުގައި އާޔަތްތައް އަޑުއަހާ ކިޔެވުމާއެކު ތެދުހިތުން އާޔަތްތަކުގައިވާ ކަންކަން ގަބޫލުކޮށް ކިޔަމަންތެރިވެ އެ އާޔަތްތަކަށް ޢަމަލު ކުރާނެއެވެ.

 

މިއަދު އޮންލައިން