މީހުންގެ މަސައްކަތްތައް ބުރަވެ ގިނަވުމުން އަޅުކަންކުރުމަށް ދެވޭ ވަޤުތު އޮންނަނީ މަދުވެފައެވެ. މިބުނަނީ އަޅުކަން ކުރަން ގިނަ ވަޤުތު ހޭދަކުރަން ޖެހުނަސް އެކަން ނުކުރެވޭ ވާހަކައެވެ. އެފަދަ މީހުންނަށް ތިރީގައިވާ ލިޔުމުން ފައިދާކުރާނެއެވެ. އިން ޝާ ﷲ
ބޭނުމަކީ އެޒުވާނާ އެބުނާ ގޮތަށް ކަންކަން ކުރުމުން އެންމެ ފުރިހަމަ ގޮތުގައި އަޅުކަންކުރެވުނީ ކަމަށް ބުނުމެއް ނޫނެވެ. ނަމަވެސް އެންމެ ކުޑަމިނުން ވީހާ ގިނައިން އަޅުކަންކުރަން ސަމާލުކަން ދޭން ހިތްވަރުދިނުމެވެ. އަޅުކަން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ އެކަމެއް ކުރަން އޮތް ގޮތަށް ކުރުމުންނެވެ. އެކަން އަބަދުވެސް ހިތުގައި ބާއްވަން ވާނެއެވެ. މިޘާލަކަށް ޚަތިމް ކުރިކަމަސްވާނީ ހަމަ ޚަތިމް ކުރުމުންނެވެ.
އިންސާނުން ދުނިޔޭގައި ލައްވަވާފައިވަނީ ﷲ ތަޢާލާއަށް އަޅުކަންކުރުމަށެވެ. އެހެންކަމުން ކިތަންމެ ގިނައިންވެސް އަޅުކަންކުރަންވީއެވެ. ކިތަންމެ ގިނައިން އަޅުކަންކުރިނަމަވެސް ހަމައެކަކުވެސް ޤިޔާމަތް ދުވަހުން ޘަވާބު ދެއްވަވާ ގިނަވެގެނެއް ނުއުޅޭނެއެވެ. އުޅެންޖެހޭނީ ހަމަ މަދުވެގެންނެވެ. އެހެންކަމުން ދަރުސް ފެށުމުގެ ކުރިން މިކިޔައިދެނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.
ސަހަރުގެ ކޮންމެ ފިރިހެނަކުވެސް އެ އަންހެނާ އާއި ކައިވެނިކުރަން ބޭނުންވެއެވެ. ނަމަވެސް އޭނާގެ ޝަރުޠުތައް އަޑުއިވުމުން ގައިން ހީބިހި ނަގައި ބިރުން ދުވެ ފިލަނީއެވެ. ސަބަބަކަށްވަނީ އޭނާގެ ޝަރުޠުތަކަކީ އެމީހުންނަށް ފުއްދައިދެވޭނެ ޝަރުޠުތަކެއް ނޫންކަން ޤަބޫލުކުރެވުމެވެ.
އޭނާއަކީ އެ ސަހަރުގައި ރީތި ކަމަށް އެންމެ މަޝްހޫރު އަންހެނާއެވެ. އޭނާގެ ކައިވެނީގެ ޝަރުޠުތަކުގެ ގޮތުގައި ހުށަހެޅީ ވަރަށް އާދައާއި ޚިލާފް ކަންތައްތަކެކެވެ. އޭނާގެ ޝަރުޠުތަކަކީ ކޮންމެ ދުވަހަކު ޚަޠިމްކުރުމާއި ކޮންމެ ދުވަހަކު ރޯދަ ހިފައި އަދި ކޮންމެ ރެއަކު ރޭ އަޅުކަމުގައި ހޭދަކުރުމެވެ.
ސަހަރުގެ ހުރިހާ ފިރިހެނުން ވެސް އޭނާ ޢާއި ކައިވެނިކުރަން ބޭނުންވިއެވެ. ނަމަވެސް އެއީ ފުރިހަމަ ކުރެވޭނެ ޝަރުޠުތަކަކަށް ނުވާތީ އެއްވެސް މީހަކަށް ކައިވެންޏާއި ކުރިމަތިލާން ނުކުރެފައި ތިއްބައި ޒުވާނަކު ކުރިމަތިލުމުން ކައިވެނީގެ ކަންކަން ފުރިހަމަކުރެވިއްޖެއެވެ.
ކައިވެނި ކުރެވުނު ނަމަވެސް ފިރިމީހާ އެ ޝަރުޠުތައް ފުރިހަމަކުރާ ތަން ނުފެނުމުން ދުވަސްކޮޅެއްފަހުން ވަރިވުމަށް އެދި ކޯޓަށް ހުށަހެޅިއެވެ.
ފިރިމީހާ ކޯޓަށް ހާޒިރުކޮށް ސުވާލުކުރުމުން އޭނާ ބުނީ 3 ޝަރުޠުވެސް ފުރިހަމަކުރާ ކަމަށެވެ. އެކަންކަން ކުރާ ގޮތްވެސް އޭނާ ކިޔައި ދިނެވެ.
"އަޅުގަނޑު ކޮންމެ ދުވަހަކު އިޚްލާޞް ސޫރަތް 3 ފަހަރު ކިޔަވަމެވެ. އިޚްލާޞް ސޫރަތަކީ ކީރިތި ޤްރްއާނުގެ ތިންބައިކުޅަ އެއްބައި ނޫންތޯއެވެ؟ ޥީއިރު އެ ޝަރުޠު ފުރިހަމަ ނުކުރެވޭތޯއެވެ؟ އަޅުގަނޑު ކޮންމެ ރެއަކު ޖަމާޢަތުގައި ޢިޝާ ނަމާދާއި ފަތިސް ނަމާދު ކުރަމެވެ. އެއީ މުޅި ރޭ އަޅުކަން ކުރުން ކަމަށް ނުވޭތޯއެވެ؟ އަޅުގަނޑު ރަމަޟާން މަހު ރޯދަ ހިފީމެވެ. އަދި ޝައްވާލު މަހުން 6 ރޯދަ ހިފީމެވެ. ވީއިރު އަޅުގަނޑަށް އެވަނީ އަހަރުގެ ހުރިހާ ދުވަހަކު ރޯދަ ހިފިފައި ނޫންތޯއެވެ؟"
"ފަނޑިޔާރު ވިދާޅުވިއެވެ. ތިއަ ވާހަކަތަކުގައި ރަނގަޅުކަމެއްވެސް އެބަހުއްޓެވެ. ތިއަ ބުނި ކަންކަން ކުރުމަކީ ހަމަ ތިއަ ބުނި ފަދައިން ބެލެވެންހުރި ކަންކަމެވެ. ނަމަވެސް އަނބިމީހާ ޝަރުޠުކުރި ކަންކަން ޝަރުޠުކުރި ގޮތަށް ކުރެވުނުކަމަށް ބެލެވޭކަށް ނެތެވެ.
ނަމަވެސް ކައިވެނި ރޫޅާލައިދޭކަށް ނެތީމެވެ. އެއީ ކޮންމެ ރެއަކު އެކުގައި ރޭ އަޅުކަން ކުރުމަށް ހޭލައި ހުރުމާއި އަހަރުގެ ހުރިހާ ދުވަހަކު ރޯދަ ހިފުމަކީ އަހަރެމެން ކުރަން ރަސޫލް ﷲ އިރުޝާދު ދެއްވަވާފައިވާ ކަންކަން ކަމަށް ނުވާތީއެވެ. ރޭ އަޅުކަން ކުރަންވާނީ ރޭގަނޑުން ބައެއްގައި ނިދުމަށްފަހުގައެވެ. އެންމެ ގިނައިން ވެސް ރޯދަ ހިފަންވާނީ 2 ދުވަހުން 1 ދުވަހުއެވެ."
މިއީ ޢިބްރަތްތެރި ވާހަކައެކެވެ. މިވާހަކަ ކިޔައި ދިނުމުގެ ބޭނުމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަޅުކަން ކުރުމަށް ނަޞޭޙަތްތެރިވުމެވެ. ރަސޫލް (ﷺ) ދެއްވަވާފައިވާ އިރުޝާދުތަކާއި އެއްގޮތަށް އަޅުކަން ކުރަން ނަޞޭޙަތްތެރިވުމެވެ. އުފުލަން އަނގަވާފައި ނެތް ތަކުލީފްތައް އުފުލަން މަސައްކަތް ކުރުމުގެ ބަދަލުގައި އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އަޅުކަން ކުރަން މަސައްކަތް ކުރަން ނަޞޭޙަތް ދިނުމެވެ. ﷲ ތަޢާލާ ލޯބި ކުރައްވަވަނީވެސް އެމީހަކަށް ކެރި ކުޅަދާނަވީ މިންވަރަކުން އަޅުކަން ކުރުންމަތީގައި ސާބިތުވެ ހުރުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން