ލޮބުވެތި ކަނބަލުންނޭވެ! ތަޤްވާވެރި، ހެޔޮލަފާ އަންތބަކަށްވުމަށް ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ދޮގު އިލްޒާމްތައް އަޅުވާނެ ބައަކު ތިބޭނެއެވެ. އެއީ އަބަދުވެސް އެކަން ހިނގަމުން އަންނަ ގޮތެވެ. އެކަމަށް ކަންބޮޑުނުވާށެވެ!
އިސްލާމީ ސިޔަތަރަތަށް ބަލާށެވެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތަށް ބަލާށެވެ! އަނބިކަނބަލުން ޢާއިޝަތުގެފާނަށް ކުރިމަތިވެވަޑައިގެނެވި މުޞީބާތްތަކަށް ވިސްނާށެވެ. އެކަމަނާގެ އިސްތަށިފުޅުގައި އެޅުވީ ކޮންފަދަ ނުބައިކަން ބޮޑު އިލްޒާމެއް ހެއްޔެވެ؟ އެޙާލަތުން ﷲ ތަޢާލާ އެކަމަނާ ސަލާމަތްކުރެއްވެވި ގޮތާއިމެދުވެސް ވިސްނައިލާށެވެ! 7 އުޑުމަތިން ވަޙީ ބާވައިލެއްވެވީއެވެ.
މިއަދަކު ވަޙީ ބާވައެއް ނުލައްވަވާނެތެވެ. ނަމަވެސް އަނިޔާވެރިންގެ މަކަރުވެރިކަން ބޭޒާރުކުރައްވަވާނެތެވެ. އެމީހުންގެ ނުބައި މަކަރުތަކުން ސަލާމަތްކޮށް ދެއްވަވާނެތެވެ. ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. ޢާއިޝަތުގެފާނުގެ ފަދައިން ތެދުވެރިވުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ އެގޮތުގައި ދިރިއުޅުމެވެ.
ގިނަ މީހުން ޙަސަދަވެރިވާނީ އެމީހުންނަށް ނުބައިކަމެއް ކޮށްގެނެއްވެސް ނޫނެވެ. ތަްްވާވެރި ރިވެތި ދިރިއުޅުމެއް އުޅެން މަސައްކަތްކުރާނަމަވެސް ހަސަދަވެރިވާނެ ބައަކު އުޅޭނެއެވެ. ދެމަފިރިންގެ މެދުގައި މައްސަލަ ނުޖެހި ލޯބިން ދިރިއުޅޭނަމަވެސް ޙަސަދަވެރިވާނެ ބައަކު އުޅޭނެއެވެ. މިއީ ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ ކަންކަމެވެ.
ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުން ޢަމަލުކުރަނީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކަމުގައިވާނަމަ އެއޮތީ އެމީހާގެ ދައުރު އަދާކުރެވިފައެވެ. ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! ޙަސަދަވެރިންނަށް ދެދުނިޔޭގައިވެސް ލިބޭނީ ނާކާމިޔާބީއެވެ.
ފިރިހެނުންނަށްވެސް ބުނެލަން އޮތީ ތެދުވެރިވާށެވެ! ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ތިބޭށެވެ. ޙަސަދަވެރިންނަށް ޖެހޭނީ ބަލިކަށިވެ ނިކަމެތިވާށެވެ. ދެމަފިރިންވެސް ވިސްނާށެވެ. އެކަކު އަނެކަކަށް ތެދުވެރިނަމަ ދެމަފިރިންގެ ދިރިއުލުމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން