ޝައިޠޯނާ ގޭގައި ހާލިހަދައިފިނަމަ އެގެއަކުން ފެންނާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޝައިޠޯނާ ގޭގައި ހާލިހަދައިފިނަމަ އެގެއަކުން ފެންނާނެ ބައެއް ކަންކަން-

ގޭގައި ދިރިއުޅެނީ ދެމަފިރިން އެކަނި ނަމަވެސް އަދި ޢާއިލާގެ ގިނަ ބައަކު ނަމަވެސް އެގެއަކަށް ބޭނުންވާބޯފެނާއި ކާބޯތަކެތި ވެއްދުމަށްވުރެވެސް ބޮޑު ކަމެއް އެބަ އޮތެވެ. އެއީ ޝައިޠޯނާގެ ކިބައިން އެގެއެއް ސަލާމަތްކުރުމެވެ. ގޭގައި ހާލިހަދައި ވަޒަންވެރިވުމުގެ ފުރުޞަތު އޭއްޗަށް ނުދިނުމެވެ.  

ނިކަން ވިސްނައިބަލާށެވެ. ޔޫސުފްގެފާނު ފެންވަޅަށް ވައްޓައިލި އަޚުންނަށް މަޢާފް ދެއްވަވައި ވިދާޅުވި ބަސްފުޅަށެވެ. ހަމަ ކަށަވަރުން އެކަން ހިނގައިދިއައީ ޝައިޠޯނާގެ ހުރި ޢަދާވާތްތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވި ބަސްފުޅަށެވެ.  

ޙަޤީޤަތަކީ ކޮންމެ ޢާއިލާއަކަށްވެސް ނުފޫޒު ފޯރުވަން ޝައިޠޯނާ މަސައްކަތްކުރާނެ ކަމެވެ. ފިތުނަ އުފައްދުވައި ބައިބައިކުރުވަން ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމެވެ. ވީމާ އެކަމަށް ތިބެން ޖެހޭނީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.  

މިސާލަކަށް ކުރިމަތިވާ ކަމެއްގައި ޢާއިލާގެ މެދުގައި ވާހަކަ ދެއްކުން މަދުވެދާނެއެވެ. ކޮންމެވެސް ބައަކު ވާހަކަ ނުދައްކައި ތިބެންވެސް ފަށައިފާނެއެވެ. މެދުވެރިވާ ކުދިކުދި ކަންކަން ހޫނުވެ ބޮޑެތި މައްސަލަތަކަށް ބަދަލުވާން ފަށައިފާނެއެވެ. މިފަދަ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ޔަޤީން ކުރަންވީ އިބިލީސް ޢާއިލާގެ ތެރެއަށް ވަދެގެންފިކަމެވެ. އިބިލީހުގެ ހީލަތްތެރިކަމާ ފިތުނައިން މިންޖުވުމަށް އަވަހަށް ގަދައަޅައި މަސައްކަތްކުރަން ފަށާށެވެ.  

އިބިލީހުގެ ހަމައެކަނި މަސައްކަތަކީ މީސްތަކުން ނަރަކައަށް ގެންދިއުމެވެ. އޭތި ހޭބޯ ނާރައި ކުރާ މަސައްކަތަކީ އޭނާއާއިއެކު ވީހައި ގިނަ ބައަކު ނަރަކައަށް ގެންދަން ކުރާ މަސައްކަތެވެ. ޢާއިލާތަކުގެ މެދުގައި ފިތުނަ އުފެއްދުމަކީވެސް ހަމަ މީސްތަކުން ނަރަކައަށް ގެންދަން ކުރާ މަސައްކަތެވެ. އެކަމަށް ހޭލުންތެރި ނުވެއްޖެނަމަ ޢާއިލާގެ މެދުގައި ބޮޑެތި ފިތުނަތައް އުފެދި ހަސަދަވެރިކަން އިތުރުވެ ގިނަބައަކު ކުރާ ހެޔޮ އަމަލުތައް، އަލިފާން ދަރު އަންދައި ހުސްކުރާ ފަދައިން އަންދައި ހުސްކޮށްލާނެއެވެ. އެކަމުގެ ސަބަބުން ނަރަކައަށް ދާންޖެހުން ވަރަށް ގާތެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން