އެންމެ 20 މިނިޓްއިރު ޤުރްއާން ކިޔަވާލައިގެން މުޅިރޭ އަޅުކަންކުރި ކަމުގެ ޘަވާބު ހޯދަން ބޭނުންވާ މީހުންނަށް އޮތް ވަރަށް ފަސޭހަ ގޮތެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 27ސ
އެންމެ 20 މިނިޓްއިރު ޤުރްއާން ކިޔަވާލައިގެން މުޅިރޭ އަޅުކަންކުރި ކަމުގެ ޘަވާބު ހޯދަން ބޭނުންވާ މީހުންނަށް އޮތް ވަރަށް ފަސޭހަ ގޮތެއް-

ރޭއަޅުކަންކުރުން ބުރަކަމަކަށްވެގެން އުޅޭއިރު ލުއި ފަސޭހަމަގުން ޘަވާބު ހޯދަން މަސައްކަތްކުރުމަކީވެސް ވަރަށް ފައިދާހުރި ގޮތެކެވެ. އެހެންވެ ފުރަތަމަ މިޙަދީޘްފުޅަށް ވިސްނާށެވެ.

ޢަބްދު ﷲ ބިން ޢަމްރު ބިން އަލްޢާޞް ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. ރަސޫލު ﷲ ޙަދީޘްކުރެއްވިއެވެ: ”ރޭއަޅުކަމުގައި ދިހަ އާޔަތް ކިޔަވައިފި މީހާ، ޣާފިލުވި މީހުންގެ ތެރެއިން ނުލިޔުވޭހުއްޓެވެ. އަދި ރޭއަޅުކަމުގައި ސަތޭކަ އާޔަތް ކިޔަވައިފި މީހާ، ގާނިތުން (އެބަހީ: ކިޔަމަންތެރިކަމާއި އަޅުވެރިކަމުގައި ދެމިތިބޭ މީހުން) ގެ ތެރެއިން ލިޔެވޭހުއްޓެވެ. އަދި ރޭއަޅުކަމުގައި އެއް ހާސް އާޔަތް ކިޔަވައިފި މީހާ، މުގަންޠިރީން (އެބަހީ: ގިންޠާރުގެ މިންވަރަށް ގިނަގުނަ ސަވާބު ހޯދާ މީހުން) ގެ ތެރެއިން ލިޔެވޭހުއްޓެވެ.“

(ނޯޓު: ގިންޠާރަކީ ހަތްދިހަ ހާސް ދީނާރުކަމަށް ބުނެވެއެވެ.) 

މިޙަދީޘްފުޅުން އެނގޭ ގޮތުގައި ރޭގަނޑު 100 އާޔަތް ކިޔަވައިފިނަމަ އެމީހަކު ޤާނިތުންގެ ތެރޭގައި ލިޔުއްވަވާނެތެވެ. ވީމާ އެމީހަކު ހިމެނިގެން އެދަނީ ކިޔަމަންތެރިކަމާއި އަޅުވެރިކަމުގައި ދެމިތިބޭ މީހުންގެ ތެރެއިންނެވެ. 

ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ދަމުނަމާދުގައި ނުކިޔެވުނަސް މިޢަދަދަށް އާޔަތްތައް ކިޔެވުމުން އެކަމުގެ ޘަވާބު ދެއްވަވާނެތެވެ. ވީއިރު މިއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ޤަބޫލުކުރަމާ ހެއްޔެވެ؟ އަދި ކިހައި ފަސޭހައިން ކުރެވެން އޮތް ކަމެއް ހެޔެވެ؟ 

ރޭއަޅުކަމުގެ ނަމާދުގައި އަލްހަމްދު ކިޔަވާތީ އަލްޙަމްދުގެ އާޔަތްތައް 100 އާޔަތް ކިޔެވުމުގެ ތެރޭގައި ހިމެނޭނެތޯ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް ޢާޞިމް އަލްޙަކީމް ވިދާޅުވީ ނުހިމެނޭނެ ކަމަށެވެ. ސަބަބެއް ކަމަށްވިދާޅުވީ އެއީ ކޮންމެ ރަކްޢަތެއްގައި ކިޔަވަން ކޮންމެހެން ޖެހޭ ސޫރަތަކަށްވާތީ ކަމަށެވެ. 

ކޮންމެ ރެއަކު 100 އާޔަތްކިޔަވަން ވަރަށް ފަސޭހަ ގޮތެއްވެސް ބުނެފާނަމެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ އާދަކޮށް ކޮންމެ ރެއަކު ސަޖިދަ ސޫރަތާއި މުލްކް ސޫރަތް ކިޔަވާ ބައެކެވެ. މި ދެ ސޫރަތް ކިޔެވުމުން 60 ޢާޔަތް ކިޔެވޭނެއެވެ. މި ދެ ސޫރަތް ކިޔެވުމަށްފަހު އިތުރަށް ޚަޠިމް ކުރަން 40 އާޔަތް ކިޔަވައިފިނަމަ 100 އާޔަތް ކިޔެވުނީއެވެ. 

އަދިވެސް ވަރަށް ފަސޭހަ އިތުރު ފޯމިޔުލާއެއްވެސް ބުނެފާނަމެވެ. އެހައިމެ ފައިދާވެސް ބޮޑު ގޮތެކެވެ. ކޮންމެ ރެއަކު އަލްވާޤިޢާ ސޫރަތް ކިޔަވާ މީހަކަށް ހައިހޫނުކަމުގައި ހުންނަން ނުޖެހޭނެ ކަމަށް ޙަދީޘްފުޅުގައި އެބައޮތެވެ! (ނަމަވެސް އެއީ ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ޟަޢީފް ޙަދީޘްފުޅެކެވެ.) ފާހަގަ މިކުރީ އެސޫރަތް ކިޔަވަން ގިނަ ބައަކު އާދަކޮށްފައިވާތީއެވެ. އެސޫރަތުގައި 76 އާޔަތްވެއެވެ. ވީމާ އަލްވާޤިޢާ ސޫރަތާއި ސަޖިދަ ސޫރަތާއި އަލްމުލްކް ސޫރަތް ކިޔަވައިފިމަ 136 އާޔަތް ކިޔެވުނީއެވެ. މިކަމަށް ނަގާނީ ގިނަވެގެން 20 ވަރަކަށް މިނިޓްއިރެވެ. ފަރިތަކޮށް ކިޔަވާ މީހުންނަށް 15 މިނިޓް އިރުންވެސް ކިޔެވޭނެއެވެ. 20 މިނިޓް އިރުން ކިހައި މަތިވެރި ޘަވާބު ޙާޞިލުކުރެވެން އެބަ އޮތްހެއްޔެވެ؟ 

އަހަރެމެންގެ ތެރެއިން ގިނަ ބައަކު މިހާރަކަށް އައިސް ނަމާދަށް ދަނީވެސް ގެންގުޅޭ ސްމާޓް ފޯން ހިފައިގެންނެވެ. ވީއިރު ނަމާދު ނިންމައި މިސްކިތުން ނުކުރުމުގެ ކުރިން ކީރިތި ޤްރްއާނުން 10 ވަރަކަށް ޢާޔަތް ނަމަވެސް ކިޔަވައިލުމަކީ އެހައި ބުރަކަމެއް ކަމުގައި ނުދެކެމާ ހެއްޔެވެ؟ އެކަމަށް ހޭދަވާނި ގިނަވެގެން އެންމެ 3 މިނިޓް ނޫންހެއްޔެވެ؟ އެންމެ 3 މިނިޓް އިރު އިތުރަށް މިސްކިތުގައި މަޑުކޮށްލުމަކީ ލޯބިން ކުރާ ހިތުން ކުރާ ކަމެއް ކަމަށް ހަދައިފިނަމަ އެއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އަދި އެހައިމެ ފައިދާވެސް ކުރާނެ ކަމެކެވެ. 

ފަހުން ހަމަޖެހިލައިގެން ކީރިތި ޤްރްއާން ކިޔަވަން ހުންނަ މީހާއަށް އޮންނަނީ އެކަން ނުކުރެވިފައެވެ. އަމިއްލަ ނަފްސާއި ސުވާލުކޮށްލުމުން އެމީހަކަށް ކީރިތި ޤްރްއާން ކިޔެވޭ މިންވަރު އެނގޭނެއެވެ! ވީމާ ދިރިއުޅުމުގެ ޙާލަތަށް އައިސްފައި މިވާ ބަދަލުތަކާއިއެކު ވެސް ތިމާ ކުރަންޖެހޭ ހެޔޮ އަމަލުތައް ކުރުން ތަރްތީބް ނުކޮށްފިނަމަ ތިމާއަކީ ފެއިލްވެފައިވާ މީހަކަށްވުމުގެ ބިރު ވަރަށް ބޮޑުކަން ވިސްނާށެވެ! 

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ޢާންމުކޮށް ކޮންމެ ދުވަހަކުވެސް ވަކި ސޫރަތްތަކެއް ކިޔަވާ ބައެކެވެ. އެހެންކަމުން އެ ސޫރަތްތައް ވަރަށް ފަރިތަކޮށް ކިޔަވައިލެވުނު ނަމަވެސް މުޅި ޚަތިމް (ޚަތިމްކުރަން) ކިޔެވުމަކީ އެކަމަށް ފަރިތަ ނުކުރާނަމަ ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ. ވީމާ ކޮންމެ ދުވަހަކު ޢާންމުކޮށް ކިޔަވާ ސޫރަތްތައް ކިޔެވިނަމަވެސް ޚަޠިމް ކުރަން ކިޔަވަންވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން