ސަމާލުވާންޖެހޭ ކަމެއް!: ބައިވެރިޔާއަށް ހެޔޮކޮށް ހިތައިގެން ލިބުނު ޘަވާބު ދޫކޮށްލައި ޢަޛާބުލިބިގިގަންނަ މީހުން ވަރަށް ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ސަމާލުވާންޖެހޭ ކަމެއް!: ބައިވެރިޔާއަށް ހެޔޮކޮށް ހިތައިގެން ލިބުނު ޘަވާބު ދޫކޮށްލައި ޢަޛާބުލިބިގިގަންނަ މީހުން ވަރަށް ގިނަ!

ކައިވެނިކޮށް ލޯބިން އެކުގައި އުޅުމާއި އެކަކު އަނެކަކަށް އެހީތެރިވުމަކީ އަޅުކަމުގެ ތެރެއިން ހިމެނޭ ކަންކަމެވެ. އަދި އެގޮތަށް ލޯބިން އެކުގައި އުޅޭއިރު އެކަކު އަނެކަކަށް ކަންކަން ކޮސްދީ އެހީތެރިވުމަކީ ގިނަ ބައަކުކުރާ ކަމެކެވެ. އެހެންވެ އެކަންކުރާ މީހުންނަށް ދާނީ އެކމުގެ ޘަވާބު ލިބެމުންނެވެ. 

މައްސަލަ ޖެހެނީ ކޮންމެވެސް ސަބަބުތަކެއް މެދުވެރިވެ ދެމަފިރިން ވަކިވާންޖެހުމުންނެވެ. އެޙާލަތުގައި ކުރިމަތިވާ އެއް މައްސަލައަކީ އެކަކު އަނެކަކަށް ކޮސްދީފައި ހުންނަ ކަންކަމުގެ ވާހަކަ ދެއްކުމެވެ. ދުރުމީހުންގެ ގާތުގައިވެސް ދައްކައެވެ. އެފަދަ ވާހަކަތައް ދައްކަނީ ކޮންމެ ނިޔަތެއްގައި ނަމަވެސް އެފަދަ ވާހަކަތައް ދެއްކުމުން ކުރިމަތިވާ މައްސަލަ އެނގޭ ހެއްޔެވެ؟ އެހިސާބުން ކުރިމަތިވާނެ ކަމަކީ ބައިވެރިޔާއަށް އެކަންކަން ކޮށްދިނުމުން ލިބިފައިވާ ޘަވާބު އަތުން ގެއްލިގެން ދިއުމެވެ. އަދި ކަލަގޮވުމުގެ ފާފަ ބޮލުގައި އަޅަންޖެހުމެވެ. 

މިފަދަ ވާހަކަތައް ގިނަމީހުން ދައްކަނީ ތިމާ އަނެކާއަށް ހެޔޮކޮށް ހިތި މިންވަރު ބަޔާންކުރުމަށެވެ. އެއީ މީސްތަކުންނަށް އަންގަންޖެހޭ ކަމެއް ނޫނެވެ. އެކަންކަން އެންމެ ފުރިހަމައަށް މާތް ﷲ ދެކެދެނެވޮޑިގެންވެއެވެ. އެކަންކަން ވަނީ މަލާއިކަތުން އެމީހެއްގެ ފަތުގައި ލިޔުއްވަވައިފައެވެ. ވީމާ އެއްވެސް މީހެއްގެ ގާތުގައި އެފަދަ ވާހަކަތައް ދައްކަންޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. އޮތީ ﷲ ތަޢާލާ ދެއްވަވާނެ ޘަވާބަށް އުންމީދުކުރުމެވެ. އެކަމަށް އިންތިޒާރުކުރުމެވެ. ފައިދާކުރާނީ އެއިރުންނެވެ. 

ދެން އޮތީ ބައިވެރިޔާ ތިބާއަށް ނުބައިކޮށް ކަންކަން ކުރުމެވެ. ބޭވަފާތެރިވުމެވެ. އަނިޔާވެރިވުމެވެ. ނިކަމެތިކޮށްލުމެވެ. އެކަންކަމަށްވެސް ޝަކުވާނުކުރާށެވެ. އެމީހަކު ކުރި ނުބައިކަމަކަށް ޙައްޤު ޖަޒާ އެމީހަކަށް ދެއްވަވާނެތެވެ. އެއީ ތިބާ ވިސްނަން ޖެހޭ ކަމެއް ނޫނެވެ. 

މިބުނާ ވާހަކައިގެ ޙަޤީޤަތް އަބަދު މިދަނީ ފެންނަމުން ނޫންހެއްޔެވެ؟ އަނެކާއަށް ދެރައެއް ދީފައި ޙަޤީޤީ އުފާވެރިކަމެއް ލިބުނީ ކާކަށް ހެއްޔެވެ؟ ދުނިޔޭގައިވެސް އެދަނީ އެކަންކަމަށް ރިއި ހިތާމަކުރަންޖެހެމުންނެވެ. 

ވީމާ ކޮންމެ ސަބަބެއް ދިމާވެގެން ދެމަފިރިން ވަކިވިނަމަވެސް މިބުނި ކަންކަމަށް ސަމާލުކަންދޭށެވެ. ދިރިއުޅުނުއިރު އަނެކާއަށް ހެޔޮކޮށް ހިތައިގެން ތިމާއަށް ލިބުނު ޘަވާބު ދޫކޮށްލައި ޢަޛާބް ލިބި ނުގަންނާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން