ސަމާލުވެ ހުންނަންޖެހޭ ކަމެއް!: ކިތަންމެ ގިނައިން ހެޔޮ ޢަމަލުކުރިނަމަވެސް ސުވަރުގެ ނުވަދެވިދާނެ މީހުން ވަރަށް ގިނަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
ސަމާލުވެ ހުންނަންޖެހޭ ކަމެއް!: ކިތަންމެ ގިނައިން ހެޔޮ ޢަމަލުކުރިނަމަވެސް ސުވަރުގެ ނުވަދެވިދާނެ މީހުން ވަރަށް ގިނަ-

ބައެއް މީހުންނަށް ފާފަކުރެވޭތީ ފާފަކުރުމާއި ދުރުހެލިވާން ބުނުމުން ދޭ ޖަވާބަކީ އަހުރެން ހެޔޮ ޢަމަލުކުރަމެވެ. ބުނަން ހެއްޔެވެ؟ ތިއައީ ހަމަ މުޅިން ގޯސް ވިސްނުމެކެވެ. ފުރަތަމަ ކަމަކީ ﷲ ތަޢާލާއަށް ބިރުވެތިވެވޭނަމަ އެކަލާނގެ ރިހިވޮޑި ނުގަންނަވާނެ ކަންކަން ކުރަން ބިރުވެތިވެވޭނެ ކަމެވެ. އެކަން އެގޮތަށް ހިތުގައި ނެތްނަމަ އޭނާގެ އީމާންކަން ކޮބައިހެއްޔެވެ؟ 

ބައެއް މީހުންނަކީ ދުނިޔޭގައި ގިނައިން ހެޔޮ އަމަލުކުރި ބައެކެވެ. އެމީހުންނާއި ސުވަރުގެ އާއި ދެމެދަށް ހުރަސް އެޅެނީ އެމީހުން ޖެހި ނުބައި ހިސާބެވެ. ގެންގުޅުނު ނުބައި ވިސްނުމެވެ. އެއީ އެމީހުން ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައިތިބީތީއެވެ. 

މިހެން ބުނަން މިޖެހެނީ ބައެއް މީހުންނަށް ހީކުރެވެނީ އެމީހުން ހެޔޮ ޢަމަލުކުރާނަމަ ސުވަރުގެ ވަދެވޭނެ ކަމަށެވެ. އެ ހެޔޮ ޢަމަލުތައް އެމީހާ ސުވަރުގެ ވައްދައިދޭނެ ކަމަށެވެ. ހެޔޮ އަމަލުތައްކުރަމުންވެސް ފާފަތައް ކުރާ މީހުންގެ މައްސަލައަކަށްވަނީ އެކަމެވެ. 

އެމީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ގިނައިން ހެޔޮ ޢަމަލުކުރަމުން ފާފަކުރިނަމަވެސް ކުރި ހެޔޮ އަމަލުތައް އެމީހަކު ދަމައިގެންގޮސް ސުވަރުގެވައްދާނެ ކަމަށެވެ. ތިމާ މިވެނި އެވެނި އަމަލެއް ކުރާނަމަ ސުވަރުގެ ލިބެންޖެހޭނެ ކަމަށެވެ. 

ނަމަވެސް އެއީ ކަނޑައެޅިގެން ކުށް ހީއެކެވެ. ހަމަ އެކަކަށްވެސް އެމީހާ ކުރާ އަމަލުތަކުގެ ސަބަބުން ސުވަރުގެ ލިބުމެއް ނެތެވެ. އެންމެ ފުރަތަމަ ކަމަކީ ތިބާ ހެޔޮ ޢަމަލުކުރީއެވެ. އެކަން ޤަބޫލުފުޅުކުރެއްވެވިކަން އެނގެނީ ކިހިނަކުންހެއްޔެވެ؟ ވީއިރު ކުރެވުނު ހެޔޮ ޢަމަލުތައް ޤަބޫލުފުޅުކުރައްވަވައިފިކަމަށް ބަލައި ކަންކަން ނިންމައިލެވޭނީ ކިހިނަކުން ހެއްޔެވެ؟ 

މިއީ ޙަދީޘުން ސާބިތުވާން އޮތްކަމެކެވެ. ރަސޫލް () ޙަދީޘްފުޅު ކުރެއްވެވީ އިތުރު މާތް ނަބިއްޔާ ()އަށް ވެސް އެކަލޭގެފާނުގެ އަމަލުފުޅުތަކުން ސުވަރުގެ ލިބިވަޑައިނުގަންނަވާނެ ކަމަށެވެ. އިތުރު މާތް ނަބިއްޔާ () އީ މާތް ﷲ އުފެއްދެވި އެންމެ މާތް މަޚްލޫޤްއެވެ. ދެން އަހަރެމެންނަށް އޮތީ ކޮން ދަރަޖައެއް ހެއްޔެވެ؟ 

ނިކަން ވިސްނައިބަލާށެވެ. ތިބާއަށް 100 އަހަރު ދުނިޔޭގައި ހުރެ ﷲ ތަޢާލާއަށް އަޅުކަންކުރެވުނު ކަމަށް ވެދާނެއެވެ. އެކަންކަމުގެ ބަދަލެއްގެ ގޮތުން ތިބާއަށް ސުވަރުގެ ޙައްޤުކަމަށް ޤަބޫލުކުރެވިދާނެއެވެ. އަދި ތިމާއަށް ސުވަރުގެ ޙައްޤުކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވިދާނެއެވެ. 

ނަމަވެސް އެކަންވާނެ ގޮތް ބުނަން ހެއްޔެވެ؟ 100 އަހަރުވަންދެން ތިބާ ކުޅަ ހުރިހާ ހެޔޮކަމެއް މީޒާނުގެ އެއްކޮޅަށް އަރުވާފައި އަނެއްކޮޅަށް ތިބާއަށް ﷲ ތަޢާލާ ދެއްވެވި ދެ ލޮލުގެ ތެރެއިން އެންމެ ލޮލެއްގެ ފެނުމުން ތިބާއަށް ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތައް އެރުވި ނަމަވެސް ތިބާއަށް ކުރެވުނު ހުރިހައި އަމަލުތައް ބަރުދަނުގެ ގޮތުން ހުވަނދަކަށްވެސް ނުވާނެއެވެ. ވީއިރު ތިބާއަށް ދެއްވެވި ހުރިހާ ނިޢްމަތްތައް މީޒާނަށް އަރުވަފިނަމަ ވާނީ ކިހިނަކުން ހެއްޔެވެ؟ 

މިބަހުގެ މުރާދަކީ ސުވަރުގެ ލިބޭނީ ﷲ ތަޢާލާގެ ދީލަތިވަންތަކަމުން ކަމެވެ. ރަހްމަތްފުޅުން ކަމެވެ. ވީމާ ކުރާ ކޮންމެ އަމަލެއްވެސް ކުރަންވާނީ އެ އަމަލެއް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ގޮތަށް ކަމެވެ. އެ އަމަލެއް ކުރަންވާނީ އިޚްލާޞްތެރިކަމާއިއެކު ކަމެވެ. އެ އަމަލު ޤަބޫލުފުޅު ކުރެއްވެވުން އެދި ދުޢާ ކުރަމުން ކަމެވެ. އެނޫން ގޮތެއްގައި ކުރާ އަމަލުތަކުން ތިބާއަށް އެއްވެސް ފައިދާއެއް ނުކުރާނެކަން ޔަޤީންކުރާ ޙާލުގައި ކަމެވެ. 

ހަމައެއާއިއެކު ފާފަކުރުން ހުއްޓައިލާށެވެ! ކުރެވޭ ކޮންމެ ފާފައެއްވެސް ލިޔުއްވަވާނެތެވެ. ސަލާމަތްވެވޭނީ ފާފަފުސއްސަވައިދެއްވެވި ނަމައެވެ. ވީމާ ތިމަންނަ މިހައި ގިނަ އަޅުކަން އެބަކުރަމޭ، ކުޑަކުޑަ ފާފައެއް ކޮށްލެވުނަސް ހަމަ ރަނގަލުވާނެއޭ ހީވެސް ނުކުރާށެވެ. ކުރިން މިބުނިފަދައިން ކުރެވޭ އެއްވެސް ފާފައެއްގެވެސް އަދި ކުރެވޭ ހެޔޮކަމެއްގެވެސް ހުރި ބުރަދަނެއް އަހަރެމެން އެކަކަށްވެސް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. 

ޤަބޫލުކުރާށެވެ. ﷲ ތަޢާލާ އަހަރެމެން އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. އެކަލާނގެއީ ހުރިހާ ކަމަކުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ހުރިހާ ކަމަކަށް ބޭނުންވެގެން އުޅެންޖެހިފައި މިވަނީ އަހަރެމެންނަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން