ވިސްނާލުން މުހިންމު ކަމެއް!: ތިބާ މަރުވުމުންނަމަވެސް ތިބާގެ ފޯނު ބައިވެރިޔާގެ އަތަށް އެރުމުން ތިބާ ފަޟީޙަތް ނުވެ ސަލާމަތްވެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ވިސްނާލުން މުހިންމު ކަމެއް!: ތިބާ މަރުވުމުންނަމަވެސް ތިބާގެ ފޯނު ބައިވެރިޔާގެ އަތަށް އެރުމުން ތިބާ ފަޟީޙަތް ނުވެ ސަލާމަތްވެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ހެއްޔެވެ؟

ބެދޭނެ މަޅި ނުފެންނާނެ ކަމަށް ބުނެވޭ ބަހުގެ މާނައަކީ އެމީހާގެ އިޚްތިޔާރުން ބޭރުން ކުރިމަތިވާ ކަންކަމުގެ ވާހަކައެވެ. އެއީ ތިމާ ތިމާ ޖެހިމަޅީގައި ތިމާ އަމިއްލައަށް ގޮސް ބެދޭ ވާހަކައެއް ނޫނެވެ.  

ތިމާ ގެންގުޅޭ ފޯނު ބޭނުންކުރުމުގައި ވިސްނަންވީ އެކަމަށެވެ. ނުބެދޭނެ ކަމަށް ބަލައިގެން ޔަޤީންކޮށްގެން ޖަހާ މަޅިތަކުގައި އަމިއްލައަށް ގޮސް ބެދިފައި ތަޤްދީރު ކަމަށް ބުނެވޭނެ ކަމަށް ހީވެސް ނުކުރާށެވެ! އެއީ ތަބްދީރެވެ. ތިމާ އަމިއްލައަށް ލިބިގަތް ކަންކަމެވެ.  

މިއަދު ފޯނަކީ ހަމައެކަނި ވާހަކަދައްކައިލަން ބޭނުންކުރާ އެއްޗެއް ނޫނެވެ. އިންސާނާގެ މުޅި ދިރިއުޅުންވެސް ވަނީ ފޯނާއި ގުޅިފައެވެ. ޢާއިލީ ދިރިއުޅުމުން ފެށިގެން ދިރިއުޅެންކުރާ މަސައްކަތްތަކާއިވެސް ވަނީ ގުޅިލާމެހިފައެވެ.  

ތިބާގެ ފޯނަކީ ތިބާއަށް ރިޒުޤު ހޯދައިދޭ ބައިވެރިޔާކަމަށްވެސްވަނީ ވެފައެވެ. އެހެނީ ފޯނުން ވިޔަފާރިކޮށް  ފޯނުން އާމްދަނީ ހޯދައިގެން ދިރިއުޅޭ އެތައް ބައަކުވެސް އެބައުޅެއެވެ.  

ކޮންމެއަކަސް ފޯނަކީ ދިރިއުޅުމުގައި މިހައި މުހިންމު އެއްޗެއް ކަމަށްވެފައިވާއިރު ހަމަ އެފޯނުން ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ކުރާ މީހުންވެސް ވަރަށް ގިނައެވެ. ޙަޔާތުގެ ބައިވެރިޔާއަށް މަކަރާއި ހީލަތް ހަދަން ބޭނުންކުރާ ވަސީލަތަކަށް ފޯނުހަދައިގެން އުޅޭ މީޙުންވެސް ބައިވަރެވެ. އެހެންކަމުން މިބުނެލަނީ ނަޞޭޙަތުގެ ބަސްކޮޅެކެވެ.  

އެއްވެސް މީހަކު މަރުވާނީ މަރުވާނެ ވަޤުތު ކުރިއާލައި އެނގިގެނެއް ނޫނެވެ. ކުއްލިއަކަށް ތިބާ ނިޔާވީއެވެ. ތިބާ ތިހައި ސިއްރުން ލޮކްކޮށްގެން ތިގެންފުޅޭ ފޯނު އަރާނީ ތިބާ މިއަދު ހުރިހާ ކަންކަން އެންމެ ބޮޑަށް ސިއްރުކޮށްގެން ގެންގުޅޭ މީހާގެ އަތަށެވެ. ކިތަންމެވަރަކަށް ލޮކްކުރި ނަމަވެސް ލޮކްފިލުވުމަކީ މިއަދުގެ ކުޑަކުދިންވެސް ކުރަން ދަންނަ ކަމެކެވެ.  

ދެންވާނެ ގޮތަކާއިމެދު ނިކަން ވިސްނައިލަބަލާށެވެ. ފޯނުގެ ބޭނުން ތިބާ ކޮށްފައިވަނީ ބައިވެރިޔާއަށް މަކަރާއި ޙީލަތްހަދަން ކަމުގައި ވެއްޖެނަމަ ތިބާގެ ބައިވެރިޔާ އާއި ދަރިން ތިބާ އާއިމެދު ދެކޭނީ ކިހިނަކުން ހެއްޔެވެ؟ ތިބާގެ ޙަޤީޤަތް ނުއެނގިތިބެ ތިބާއަށް ކުރަމުން އައި ޤަދަރާއި އިޙްތިރާމަށްވާނީ ކިހިނަކުންހެއްޔެވެ؟ ތިބާއަށްޓަކައި ހެޔޮބަސްބުނެ ހެޔޮދުޢާކުރެވޭނެ ހެއްޔެވެ؟

މިހެން ބުނީމާ އަހަރެން ހުރިހާ އެއްޗެއް ޑިލީޓްކުރާކަމަށް ބުނެވިދާނެއެވެ. ޑިލީޓްކުރުމަކީވެސް ޙައްލެއް ނޫނެވެ. ރިކަވަރ ކުރެވޭނެއެވެ. އަދިކީއްހެއްޔެވެ؟ ކުއްލިއަކަށް މަރުވާންޖެހުމުން އެއިރު ޑިލީޓް ނުކުރެވި އިން އެންމެ މެސެޖަކުންވެސް މިބުނި ފަދަ ކަންކަން މެދުވެރިވެދާނެއެވެ.  

އޮތީ ހަމަ އެންމެ ޙައްލެކެވެ. ތިމާ ތެދުވެރިވުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ހަމަގައިމުވެސް ތިބާ ކުޅަ ޢަމަލުތައް ލިޔުއްވިގެންވާ ފަތަކުން ތިބާއަކަށް ޑިލީޓެއްވެސް ނުކުރެވޭނެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން