ބައިވެރިޔާ ހިތްދަތިކުރުވުމަކީ އެމީހެއްގެ ހިމާޔަތުގަ ތިއްބަވާ މަލާއިކަތުން އެމީހަކު ދޫކޮށްލައްވައި ދުރަށް ވަޑައިގަންނަވާނެ ސަބަބެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ބައިވެރިޔާ ހިތްދަތިކުރުވުމަކީ އެމީހެއްގެ ހިމާޔަތުގަ ތިއްބަވާ މަލާއިކަތުން އެމީހަކު ދޫކޮށްލައްވައި ދުރަށް ވަޑައިގަންނަވާނެ ސަބަބެއް!: މުފްތީ މެންކް

އެއީ ތިމާގެ ޙަޔާތުގެ ބައިވެރިޔާކަމަށްވީނަމަވެސް އަދި އެހެން މީހަކު ކަމަސްވީނަމަވެސް ހަމަ އެއްވެސް މީހަކު ހިތްދަތިނުކުރުވާށެވެ. ނުބައި ބަސްތައް ބުނެ ހިތުގައި ޖައްސުވައި ނުރޮށްވާށެވެ. އެއީ އެމީހަކާއިއެކުގައިވާ މަލާއިކަތުން އެމީހަކު ދޫކުރައްވަވައި ދުރަށް ވަޑައިގަންނަވާނެ ސަބަބެކެވެ. އެއީ ކޮން މަލާއިކަތުންނެއް ހެއްޔެވެ؟ އެމީހެއްގެ ޙިމާޔަތުގައިވާ މަލާއިކަތުންނެވެ. ރަޙްމަތުގެ މަލާއިކަތުންނެވެ.  

މިހެން ބުނުމުން ތިއަވާހަކަ ކަލޭގެ ގާތުގައި ބުނީ ކާކުތޯ ސުވާލުކޮށްފާނެއެވެ. ޖަވާބަކީ އެކަން އެނގެނީ ޙަދީޘްފުޅުތަކުންނެވެ. ހެޔޮލަފާ މީހުންނަށް އުނދަގޫތައް ލިބޭ ކަންކަމުން މަލާއިކަތުންނަށްވެސް އުނދަގޫފުޅުވާކަން އެނގެން އޮތުމުންނެވެ.  

ހަމަ އެއާއިއެކު މީހަކު ފާފަކުރާތަނެއްގައި މަލާއިކަތުން ނުތިއްބަވާނެތެވެ. ދުރަށް ވަޑައިގަންނަވާނެތެވެ. މީހުންނަށް ނުބައިބަސްބުނުމާއި އަނިޔާވެރިވުމާއި ހިތުގައި ޖެއްސުވުމަކީ ކުރެވޭ ބޮޑެތި ފާފަތަކެވެ.  

ރަޙްމަތުގެ މަލާއިކަތުން އެމީހަކާއިއެކުގައިވުމަށް އެދޭމީހާ ބައިވެރިޔާއަށްވެސް އެހެން މީހުންނަށްވެސް ހެޔޮކޮށް ހިތާށެވެ. ބަސްބުނުމުގައި އޯގާތެރިވާށެވެ. ހެޔޮލަފާ ނަޞޭޙަތްދޭށެވެ. މިހުރީ ހައްތާވެސް ހަމަ ބޮޑެތި އަޅުކަމެވެ.  

ނިކަން ޢަޖުމަ ބަލައިލަންވެސް މީހުންނަށް އެހީތެރިވެދީ ހެޔޮކޮށްހިތާ މީހަކަށްވެބަލާށެވެ! ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތައް އިސާހިތަކު ފެންނަންފަށާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން