ނިދީން ހޭލެވިއްޖެނަމަ މިދުޢާތައް ކިޔާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 11ސ
ނިދީން ހޭލެވިއްޖެނަމަ މިދުޢާތައް ކިޔާށެވެ!

ނިދީގެ ތަޢާރަފް:  

ނިދީގެ މަތިވެރިކަން ނިކަން ދެކިބަލާށެވެ! ނިދީގެ ޙަޤީޤަތް ހޯދަން ސައިންސްވެރިން ކެނޑިނޭޅި  މަސައްކަތްކުރަމުން ގެންދާއިއރުވެސް މިހައިތަނަށް ކުރި މަސައްކަތްތަކުން މާބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. އެންމެ ކުޑަމިނުން ނިދީގެ ޙަޤީޤަތްވެސް އޮޅުންފިލުވިފައެއް ނެތެވެ.  އެހެންކަމުން ނިންޖާއިމެދު މާ ޞައްޙަ މައުލޫމާތުތަކެއް އަދިވެސް ހާމަކުރެވިފައެއް ނުވެއެވެ.  

ސައިންސުގެ ހޯދުންތަކުގެ އަލީގައި މިހައިތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލާއިރު ނިދާފައި އޮންނަ ވަގުތުތަކުގައި ސިކުނޑީގެ ދައުރު އިތުރުވެއެވެ. އަދި ފުރިހަމަ ނިދި ނުލިބުމަކީ ޞިއްހަތަށް ގެއްލުންހުރި ކަމެކެވެ. ނިދިހަމަނުވާނަމަ ކުރަންޖެހޭ މަސައްކަތްތަކެއްވެސް ނުކުރެވެއެވެ. އަދި ކޮންމެ ވަގުތަކުގެ މީހާގެ މައްޗަށް ބާރުހިންގުމުގެ ކުޅަދާނަކަން ނިންޖަށް ލިބިގެންވެއެވެ. އެހެނީ ނުނިދައި ހުންނަން ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް ނިދިޖެހުމުން ނުނިދައި ނުހެރެވެއެވެ. ކޮންމެ ތަނެއްގައި ކޮންމެ ކަމެއް ކުރަން އިންނަމަވެސް ނިދެއެވެ.  

ފުރިހަމއަށް ނިދިލިބުމާއި ނިދީން ހޭލެވުމަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެކެވެ. އެހެންކަމުން ނިދިން ހޭލެވުމުން އެކަމަށް ޙަމްދުކޮށް ދުޢާކުރުމަކީ ކުރަންޖެހޭ ކަމެއްކަން ސުންނަތުން ސާބިތުވެއެވެ.   

اَلْحَمْـدُ لِلَّهِ الَّذِيْ أَحْـيَانَا بَعْـدَ مَا أَمَاتَـنَا وَإِلَيْهِ النُّـشُوْرُ 

މާނައީ ﷲ އަށް ޙަމްދުހުއްޓެވެ. އަޅަމެން އެނބުރި ދިއުން އޮތީ މަރުގެންދެވުމަށްފަހު ދިރުން ދެއްވެވި ކީރިތިވަންތަ ﷲ ގެ ޙަޟްރަތަށެވެ!  

اَلْحَمْدُ لِلَّهِ الَّذِيْ عَافَانِيْ فِيْ جَسَدِيْ وَرَدَّ عَلَيَّ رُوْحِيْ وَأَذِنَ لِيْ بِذِكْرِهِ 

މާނައީ "ޙަމްދާއި ތަޢްރީފް ޙައްޤުވެގެންވަނީ ކީރިތިވަންތަ ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވެވި އިލާހަށެވެ. އެކަލާނެ މިއަޅާޢަށް މިއަޅާގެ ފުރާނަ އަނބުރައި ރައްދުކޮށްދެއްވެވިއެވެ. އަދި އެކަލާނގެމަތިން ހަނދުމަކުރުމުގެ އިޛްނަ އެކަލާނގެ މިއަޅާއަށް ދެއްވެވިއެވެ."  

لاَ إلهَ إِلاَّ اللهُ وَحْـدَهُ لاَ شَـرِيْكَ لَهُ, لَهُ الْمُلْكُ وَلَهُ اْلحَمْـدُ, وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ,

سُـبْحَانَ اللهِ, وَالْحَمْـدُ لِلَّهِ , وَلاَ إِلَهَ إِلاَّ اللهُ وَاللهُ أَكْبَرُ,

وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ الْعَلِيِّ الْعَظِيْمِ. رَبِّ اغْفِرْ لِيْ. 

މާނައީ: "ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އެކަލާނގެއަށް ބައިވެރިއަކު ނުވެއެވެ. ވެރިކަމާއި ވެރިކަމާއި ރިވެތި ހުރިހާ ތަޢްރީފެއް ޙައްޤުވެގެންވަނީ އެކަލާނގެއަށެވެ. ހުރިހާ ކަމަކަށްމެ ކުޅަދުންވަންތަވެވޮޑިގެންވާ ﷲ ގެ ހުސްޠޯހިރުވަންތަކަމުގެ ބޮޑުކަމާއިއެވެ. އެންމެހައި ިވެތި ތަޢްރީފާއި ޘަނާ ޙައްޤުވެގެންވަނީ އެކަލާނގެއަށެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އެއްވެސް އިލާހަކު ނުވެއެވެ. ﷲ އީ އެންމެ މަތިވެރިވެވޮޑިގެންވާ އިލާހް އެވެ.  

އެއްވެސް ހެޔޮކަމެއް ހޯދައިގަތުމުގެ ކުޅަދާނަކަމެއް އަދި ނޭދެވޭ ކަމެއް ނުވަތަ މުޞީބާތަކުން ދުރުކޮށް ދިފާޢުކުރުމުގެ ބާރެއް މަތިވެރިވަންތަ ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނުވެއެވެ. ހައްދަވައި ގެންގުޅުއްވަވާ އިލާހްއެވެ. މިއަޅާގެ ފާފަ ފުއްސަވާނދޭވެ! އާމީން 

ނިދުމަކީ މަރުވުން ފަދަ ކަމެކެވެ. އެހެނީ ނިދިފައި އޮންނަ ވަގުތުތަކުގައި ހިނގާ އެއްވެސް ކަމެއް އެމީހަކަށް ނުއެނގެއެވެ. އަދި ނިދާފައި އޮންނައިރު އެމީހާގެ ފުރާނަ ހަށީގައި ހުރިނަމަވެސް އެމީހާގެ ރޫޙް އެމީހާ ދޫކޮށްދެއެވެ.  

"އަދި ރޭގަނޑަށް ތިޔަބައިމީހުންގެ ފުރާނަ ހިއްޕަވަނީ (އެބަހީ: ނިދޭގޮތް މެދުވެރި ކުރައްވަނީ) އެކަލާނގެއެވެ. އަދި ދުވާލު ތިޔަބައިމީހުން ހޯދައިގަތް ކަމެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ދެން އެއަށްފަހު ދުވާލުގެ ތެރެއަށް ތިޔަބައިމީހުން އަލުން ފޮނުއްވަތެވެ. (އެބަހީ: ހޭލައްވަވައެވެ. އެއީ) ކަނޑައަޅުއްވާފައިވާ ޢަޖަލު ހަމަވުމަށްޓަކައެވެ. ދެން އެއަށްފަހު، ތިޔަބައިމީހުން އެނބުރި ރުޖޫޢަވުންވަނީ، އެކަލާނގެ ޙަޟްރަތަށެވެ. ދެން އެއަށްފަހު، ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ."

(އަލް އަންޢާމް: 60)   

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން