އިޚްލާޞްތެރިކަމާއިއެކު ޤުރްއާން ކިޔަވަން އާދަކޮށް، އުނގެނެން މަސައްކަތް ފަށައިފިނަމަ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ! ހިތްހަމަޖެހުންވެސް ލިބޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 37ސ
އިޚްލާޞްތެރިކަމާއިއެކު ޤުރްއާން ކިޔަވަން އާދަކޮށް، އުނގެނެން މަސައްކަތް ފަށައިފިނަމަ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ! ހިތްހަމަޖެހުންވެސް ލިބޭނެ! އިން ޝާ ﷲ

މިއަހަރުވެސް ގިނަ ދަރިވަރުންތަކެއް ޤާރީ ކޯސްތައް ހަދައިފިއެވެ. ޙާފިޡް ކަމުގެ އިމްތިޙާންވެސް ހަދައިފިއެވެ. މިއީ އެދަރިވަރުންގެ އިތުރުން އުންމަތަށްވެސް ލިބިގެންދާ ބޮޑު ކުރިއެރުމެކެވެ.  

ޤުރްއާނުގެ ޢިލްމް އުނގެނުމަށާއި ޤުރްއާން ހިތުދަސް ޙާފިޡަކަށް ވުމަށް މަސައްކަތްކުރަން ހިތްވަރުދިނުމުގެ ގޮތުން މިގެނެސްދެނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ޤުރްއާނުގެ ޢިލްމް އުނގެނެން މަސައްކަތްކުރި ޒުވާނަކަށް ލިބިގެން ދިއަ ބޮޑު ކުރިއެރުމުގެ ވާހަކައެވެ. ވިދާޅުވެލައްވާށެވެ!

މިއީ ޢާބިލާ ޢަބްދުއްރަޙްމާން، އޭނާގެ ދަރިވަރުންނަށް ޤުރްއާން އުނގެނުމަށް ހިތްވަރުދިނުމުގެ ގޮތުން ކިޔައިދޭ އޭނާގެ ޙަޔާތަށް ކުރިއެރުން ލިބުނު ގޮތުގެ ވާހަކައެވެ. ޢެންމެންނަށްވެސް ޢިބްރަތެކެވެ!   

އަޅުގަނޑުމެން މިއަދު އުފާކުރަންވީ ޢާބިލާއަށް ފެނުނުފަދަ ހުވަފެނެއް ނުފެނުނަސް ގިނަ ޢަދަދެއްގެ ކަނބަލުން ޤުރްއާނުގެ ކޯސްތައް ހަދަމުން ޙާފިޡުންނަށްވަމުންދާތީއެވެ. މިވާހަކަ ގިނަގިނައިން ކިޔައިދޭންބޭނުންވަނީ އެފަދަ ކަންބަލުންނަށް ހިތްވަރުދިނުމަށެވެ.  

އަހަރެން ނިޞްބަތްވަނީ ލެބަނަންގެ ދެކުނުގެ މަޝްހޫރު ސިޓީއަކަށެވެ. އެސިޓީ މަޝްހޫރުވެފައިވަނީ ސިޓީއަށް އެހައި ރީތިނަމެއް ލިބޭ ކަމަކުންނޫނެވެ. އިތުރަށް ބުނާކަށްނެތީމެވެ. ސިޓީ ކިތަންމެ ކުޑަނަމަވެސް ސިޓީގައި ޢާއިލީ ދިރިއުޅުން ދެމެހެއްޓުމަކީ މަދުމީހަކު ނޫނީ އެއްވެސް ވަރަކަށް ސަމާލުކަންދޭ ކަމެއް ކަމަކަށް ބުނެވޭކަށް ނެތެވެ.  

އަހަރެންނަށްވެސް ދަސްވެފައިހުރީ ސިޓީގެ މާހައުލާއި އެއްގޮތަށް ދިރިއުޅޭށެވެ! އަހަރެންނާއި އެއް ޢުމުރުގެ ކުދިން ކޮށްއުޅޭކަންކަން ކުރަން އަހަރެން ވެސް ފަހެއް ނުޖެހެމެވެ. އަދި އެކުރެވެނީ ގޯސްކަންކަންކަން ކަމަކަށްވެސް އަހަރެންނަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. އެކަންކަން ކުރުމުން މުސްތަޤްބަލުގައި ކުރިމަތިވެދާނެ މައްސަލަތަކަކަށްވެސް ނުވިސްނަމެވެ.  

އަހަރެންގެ މައިންބަފައިންނަކީ ދީނީ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ބައެކެވެ. އެހެންކަމުން އަހަރެންވެސް އަބަދުވެސް ނަމާދުކުރަމެވެ. 5 ނަމާދު ހަމައަށް ނުކުރެވޭ ދުވަހެއް މަދުވާނެއެވެ. ހަމަ އެއާއިއެކު ސިޓީގެ އެހެންކުދިންނަށް އޮންނަފަދަ މިނިވަންކަމެއް އަހަރެންނަކަށް ނުވެސް އޮވެއެވެ.  

އެއިރު އަހަރެންގެ ޢުމަރަކީ 20 އަހަރެވެ. ނިދީގައި ވަރަށް އާދައާ ޚިލާފް ހުވަފެނެއް ފެނުނެވެ. ފެނުނީ މަރުވެފައިވާ އަހަރެންނަށްވުރެ ދޮށީ އެކުވެރިއެކެވެ. އޭނާ ހުރީ ވަރަށް ދެރަވެފައެވެ. އެހެންވެ އެހައި ދެރަވެފައި ހުރީ ކީއްވެގެންތޯ ސުވާލުކުރީމެވެ. ޖަވާބުގައި ބުނީ ދުނިޔޭގައި އުޅުނުއިރު ކުރެވުނު ކަންކަމާއިމެދު ވަރަށް ހިތާމަކުރާކަމަށެވެ. އެއީ އެއްވެސް ފާފައެއް ކަމަށް ނުބަލައި ކުރެވުނު ކަންކަމުގެ ސަބަބުން އޭނާއަށް ކައްވަޅުގައި ގަދަފަދަ ޢަޛާބުލިބެމުންދާ ކަމަށެވެ. އަދި އޭނާގެ ފަރާތުން މި މެސެޖް ހުރިހާ އެކުވެރިންނަށް ފޯރުކޮށްދިނުމަށެވެ.  

އެހިސާބުން ހޭލެވިއްޖެއެވެ. އެއިރު މުޅި ހަށިގަނޑު ވަނީ ދާހިއްލައި ފޯވެފައެވެ. ބިރުން ތުރުތުރުއަޅައެވެ. ވާހަކައެއްވެސް ނުދެއްކެއެވެ. އެހެން އޮއްވައި މަންމަ އައިސް އަހަރެންނަށް ގޮވަން ފެށިއެވެ. ހޭލެވެވުނު ނަމަވެސް ލޯވެސް ނުހުޅުވެއެވެ. އިރުކޮޅަކުން ބައްޕަ އައިސް އަހަރެން އޮތް އަރިނޫން އަނެއް އަރިއަށް ބަދަލުކޮށް ބޮލަށް ފެންއަޅަން ފެށިއެވެ. ޤުރްއާންކިޔަވާ އަޑުވެސް އިވެން ފެށިއެވެ.  

ޤުރްއާނުގެ އަޑުއިވެން ފެށިތަނާ މަޑުމަޑުން ހަށިގަނޑު ހަމައަކަށް އެޅިއްޖެއެވެ! ދެލޯ ހުޅުވައިލެވިއްޖެއެވެ. އަހަރެން ހަމައަކަށް އެޅުމުން އެއްވެސް އިތުރު ސުވާލެއްވެސް ނުކޮށް މަންމަ އާއި ބައްޕަ އެމީހުންގެ ކޮޓަރިއަށް ހިނގައްޖެއެވެ.

އަހަރެންގެ ހިތަށް އަރަން ފެށިއެވެ. "މިވީ ކިހިނަކުން ހެއްޔެވެ؟ ބައްޕަ ކިޔަވަން ފޭށީ އަލްޙަމްދުންނެވެ. ދެންވެސް ކިޔެވީ އަހަރެންވެސް ފަރިތަ އާޔަތްތަކެވެ. ކިޔެވީވެސް ނުހަނު މަޑުންނެވެ. އެކަމަކު އަޑު ޖެހުމާއިއެކުހެން އަހަރެންގެ ހަށިގަނޑަށް ލުއިކަން ލިބެން ފެށީ ކީއްވެގެން ހެއްޔެވެ؟ ކުއްލިއަކަށްހެން ނޭވާލާން ފަސޭހަވީ ކީއްވެގެން ހެއްޔެވެ؟ ދެވަނަ ފަހަރަށް ނިދުނީ އެކަމަށް ވިސްނަން އޮއްވައެވެ.  

އަނެއް ދުވަހު ހެނދުނު ސައިބޯން އިންދައި ބައްޕަ އައިސް ކައިރީގައި އިށީނދެފައި ރޭ ދިމާވި ކަންތަކާއިބެހޭ ގޮތުން ސުވާލުކުރިއެވެ. ފެނުނު ހުވަފެން ކިޔައިދިނުމުން ބައްޕަ ބުނީ އެހުވަފެން ފެނުނުކަން އެއީ ލިބުނު ރަޙްމަތެއް ކަމަށެވެ. ކުރެވޭ ފާފަތައް ވަގުތުން ހުއްޓާލައި ތައުބާވެ ޛިކުރުކުރުން ގިނަކުރުމަށެވެ.  

އެދުވަހު ގެއިން ބޭރަކަށްވެސް ނުދަމެވެ. ކޮންމެ ނަމާދަކަށްފަހު ޤުރްއާނުން މިންވަރެއް ކިޔެވީމެވެ. އަދި މޮޅަށް ކިޔަވައިގެން ޤުރްއާނަށް ޚިދުމަތްކުރަންވެސް ޢަޒުމް ކަނޑައެޅީމެވެ. އެއަށްފަހު ބައްޕަގެ އެހީތެރިކަމާއިއެކު ޕްރޮގްރާމެއްގައި ބައިވެރިވެ ރިވެތިކޮށް ކިޔަވަން ދަސްކުރުމުގެ މަސައްކަތްފެށީމެވެ.  

މިކިޔައިދެނީ ކުރުކޮށްލާފައެވެ. ޕްރޮގްރާމްގައި ބައިވެރިވެ ކިޔަވަން ފެށިފަހުން ބޭއްވި ގިނަ މުބާރާތްތަކެއްގައި ބައިވެރިވީމެވެ. ބައެއް މުބާރާތްތަކުން ވަރަށް މަތީ ވަނަތައްވެސް ލިބުނެވެ. 3 ވަނަ އަހަރު ސައުދިޢަރަބިޔާގައި ބޭއްވި މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ލިބުނެވެ. އެމުބާރާތުން ލިބުނީ ބައިވެރިވި ކެޓަގަރީން ލިބުނީ 3 ވަނައެވެ.  

ނަމަވެސް އެކަންވެގެންދިއައީ އަހަރެންނާއި މުޅި ޢާއިލާގެ ދިރިއުޅުން ބަދަލުކޮށްލި ކަމަކަށެވެ. މުބާރާތް ސްޕޮންސަރުކުރި ފަރާތުން ހިންގާ ސްކޫލެއްގައި ކިޔަވައިދިނުމުގެ ވަޒީފާ ލިބުމުންނެވެ. ލިބުނު ފުރުޞަތުގެ ބޭނުންހިފައި މުދައްރިސެއްގެ ގޮތުން މަސައްކަތްފެށީމެވެ. ހުންނާނެތަން ހަމަޖެހި ހުރިހާ ކަމެއް ހަމަޖެހުމުން މަންމަ އާއި ބައްޕަވެސް އަހަރެންގެ ގާތަށް ގެނައީމެވެ.  

އެހިސާބުން އަހަރެމެންނަކީ ހައިހޫނުކަން ފިލުވައިގެން ދިރިއުޅެވޭ ބައަކަށް ބަދަލުވެގެންދިއައެވެ. ލިބުނު ނިޢްމަތުގެ ބޭނުން ހިފައި އަދިވެސް މިދަނީ އުނގެނެމުންނެވެ. އުންމީދަކީ ޤުރްއާނުގެ ޢިލްމުން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމެވެ. އަހަރެންނާއި ޢާއިލާގެ ދިރިއުޅުން މުޅިް އެހެން ދުނިޔެއަކަށް ބަދަލުވުމަށް މެދުވެރިވި ޤުރްއާނަށް މުޅި ޢުމުރުވެސް ޚިދުމަތްކުރުމުގައި ހޭދަކުރުމެވެ.   

ނިންމާލަމުން އަދި އެއްވާހަކަ ބުނެލާނަމެވެ! އަހަރެންގެ ޙަޔާތް ބަދަލުވާންމެދުވެރިވި ހުވަފެނުގައި ފެނުނު އެކުވެރިޔާއަށް އަބަދުވެސް ހެޔޮދުޢާކުރާނަމެވެ! 

 

މިއަދު އޮންލައިން