މީހަކާއިމެދު ބަހެއް ބުނާނަމަ ބުނަންވާނީ ހެޔޮ ބަހެކެވެ. ނުބައި ބަހެއް ބުނަންޖެހޭނީ ކޮންމެހެން ބުނަންޖެހޭ ޙާލަތުގައި އަދި ތިމާއަށް ޔަޤީންކުރެވޭ ކަންކަމުގައެވެ. މިވާހަކައަކީ އަހުރެންނަށް ވަރަށް ގިނައިން ދެއްކޭ ވާހަކައެކެވެ. ދައްކަނީ ހަނދާންކޮށްދޭންޖެހޭތީއެވެ.
މީހަކާއިއެކު ކިތަންމެ ގިނަ ދުވަހަކު އެކުވެރިކަމުގައި އުޅެފައިވެސް ހިތްހަމަނުޖެހުމުން އަނެކާގެ ބޮލުގައި ދޮގުއިލްޒާމްތައް އަޅުވައި އޭނާ ނިކަމެތިކުރަން ބިރުނުގަންނަ މީހުން ގިނަވެއްޖެއެވެ. އެމީހުންނަށް އެވެވެނީ އަނިޔާވެރިންނަށެވެ! ޙައްޤު ޢަޛާބާއި ކުރިމަތިލާން ނުޖެހި ނުދާނެކަމަށް ބިރުވެތިވާންވާނެއެވެ.
މީހަކާއިމެދު އެއްކޮޅަށް ނަމަވެސް ނުވަތަ ދެކޮޅަށް ނަމަވެސް ބަހެއް ބުނާނަމަ ބަސް ރައްދުވާ މީހާގެ ޙަޤީޤަތް ރަނގަޅަށް އެނގެންޖެހޭނެއެވެ. މީހާގެ ޙަޤީޤަތް ނުއެނގިހުރެ އެއްވެސް މީހަކާއިމެދު ބަހެއް ބުނެ ބަޔާނެއް ދިނުމަކީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ.
އެހެންކަމުން އެކަން ބަޔާން ކުރައްވަވައި ޢުމަރުގެފާނު ވަނީ މީހަކު އެނގޭކަމަށް ބުނި މީހަކާއި 3 ކަމަކުން ސުވާލުކުރައްވަވައިފައެވެ.
1 ތިބާއަކީ އޭނާގެ އަވަށްޓެރިއެއްތޯއެވެ؟ އޭނާ ދުވަސް ހޭދަކުރާގޮތް އެންމެ ދުވަހަކުވެސް ފެނިފައިވޭތޯއެވެ؟ 2 އޭނާ އާއިއެކު ދިގުމުއްދަތަކަށް ވިޔަފާރިކުރިންހެއްޔެވެ؟ ވިޔަފާރީގެ މުޢާމަލާތްތައް އޭނާކުރާ ގޮތް އެނގޭ ހެއްޔެވެ؟ 3 އޭނާ އާއިއެކު ދަތުރެއްކުރިންހެއްޔެވެ؟
މި 3 ސުވާލުގެ ޖަވާބަކަށް ނޫނެކެވެ ދެންނެވުމުން ޢުމަރުގެފާނު ވިދާޅުވީ އެހެންކަމަށްވާއިރު ތިބާއަށް އޭނާ ނުއެނގޭ ކަމަށެވެ. ތިބާއަށް އޭނާ އާއި ބައްދަލުވެފައިވީނަމަވެސް އޭނާގެ ޙަޤީޤަތް ނުއެނގޭނެ ކަމަށެވެ.
ޚާއްޞަކޮށް މީހަކަށް އެއްވެސް ދެރައެއް ނިކަމެތިކަމެއް ލިބިދާނެ ފަދަ ކަމެއްގައި ބަޔާން ދޭނަމަ އެމީހާގެ ޙަޤީޤަތް ވަރަށް ބޮޑަށް އެނގޭ މީހަކަށްވާންޖެހޭނެއެވެ. އެހެނީ ނުއެނގިހުރެ ދެވޭ ބަޔާނަކުން އެމީހާގެ މުޅިދިރިއުޅުންވެސް ހަލާކުވެގެންހިނގައިދާނެތީއެވެ.
ޙަދީޘްފުޅުން އެނގެން އޮތީ މުސްލިމެއްގެ ޢިއްޒަތާއި ޝަރަފަކީ ޙަރަމްފުޅުފަދައިން މަތިވެރިވެގެންވާ އެއްޗެއްކަމެވެ. ޙަރަމްފުޅަށް ގެއްލުމެއް ދޭން އެއްވެސް މުސްލިމަކު ބޭނުމެއް ނުވާނެއެވެ. ވީއިރު މުސްލިމެއްގެ ޢިއްޒަތާއި ޝަރަފް ނަގައިލަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟
ހިތާމައަކީ މިކަންކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި މީސްތަކުންގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވައި އެމީހުންގެ ޢިޒަތާއި ޝަރަފް ނަގާލަމުން ގެންދާކަމެވެ. އެއްގޮތަކަށްވެސް އެފަދަ ކަންކަން ނުކުރާށެވެ!
--މުފްތީ މެންކްގެ ދަރުސަކުން