ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް މިދިޔަ އަހަރު ބުރަ ބޮޑު މަސައްކަތްތަކެއް ކުރެވުނު: ޝަމްޢާން

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 50ސ
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް މިދިޔަ އަހަރު ބުރަ ބޮޑު މަސައްކަތްތަކެއް ކުރެވުނު: ޝަމްޢާން

ނިމިދިޔަ އަހަރަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް ބުރަ ބޮޑު މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ނުޤަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން އަސްލު ޓީވީގެ 'ބާބު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަމްޢާން ވިދާޅުވީ ނިމިދިޔަ އަހަރަކީ ރާއްޖޭގައި ބޮޑުވެފައިވާ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަރަށް ބުރަ އަދި ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށެވެ.

ޚާއްސަކޮށް އިމިގްރޭޝަނާއި ފުލުހުންނާ ގުޅިގެން ހިންގި ރެއިޑް އޮޕަރޭޝަންތަކަކީ ފާހަގަކުރެވޭ ކަންތައްތަކެއް ކަމަށާއި ނުޤަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމަކީ ރައީސް ޑރ. މުޢިއްޒުގެ ވަރަށް ޚާއްސަ ވަޢުދުފުޅެއްކަން ޝަމްޢާން ފާހަގަކުރެއްވިއެވެ.

"އެގޮތުން އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން އިމިގްރޭޝަން އަދި ފުލުހުންނާ ގުޅިގެން ހިންގުނު މަސައްކަތްތަކަށް ފޯކަސްކުރިއިރު ރާއްޖޭގަ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އެއްވެސް ބިރެއް އަދި ޖެހިލުމެއް ނެތި ޚައްސަކޮށް މާލެ އޭރިއާގަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގަ ޝާމިލްވެގެންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދިޔަ. އަދި ހަށި ވިއްކުމާ، ޖިނާޢީ ބޮޑެތި ކުށްތަކުގަ ވަރަށް ބައިވަރު ބިދޭސީން ޝާމިލްވެގެންދާ ކަން އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވުނު. އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ބެލީ މިކަންކަން މާލެ އޭރިއާގަ އޮތް މިންވަރާއި އަދި ހާލަތު. ބެލި އިރު ހާލަތަކީ ވަރަށް ގޯސް ހާލަތެއް އިނގޭތޯ" ޝަމްޢާން

އެހެންކަމުން މުޅި ޕްލޭން ބައްޓަންކުރަން ޖެހުނީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށާއި އަދި ޖިނާޢީ ކުށްތަކުގަ ޝާމިލްވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތައް ރާއްޖެއިން ބޭރު ކުރުމުގެ މަސައްކަތްތައް ކަމަށްވެސް ޝަމްޢާން ވިދާޅުވިއެވެ.

ޝަމްޢާން ވަނީ މި ސަރުކާރު އުފެދިގެން އައިއިރާ މިހާރުގެ ހާލަތާ އަޅާކިޔާނަމަ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި ދައުލަތަށް ދައްކަން ޖެހޭ ފީތައް ނުދައްކާ އުޅެން މިއަދު ބިދޭސީން ނުވަތަ އެ މީހުންނާ ހަވާލުވެ ތިބޭ ފަރާތްތަކުން ޖެހިލުންވާ ކަމަށާއި ސަރުކާރަށް ނުލިބިފައިވާ ބިދޭސީންނާއި ގުޅުން ހުރި ފީތައްވެސް މިހާރު ލިބެމުންދާ ކަމަށްވެސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.

ރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިމައްސަލަ ހައްލުކުރުމަށް ތަންފީޒީ އިދާރާތައް ގުޅިގެން މިދިޔަ އަހަރު މަސައްކަތް ފަށާފަވާއިރު 5613 އަށްވުރެ ގިނަ ބިދޭސީން މިދިޔަ އަހަރު ވަނީ ޑިޕޯޓްކޮށްފައެވެ.

މީގެތެރޭގައި ހިމެނެނީ ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީންނެވެ. އަދި މީގެތެރެއިން ގިނަ މީހުންނަކީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންތަކުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނައި މީހުންނެވެ. ރާއްޖޭގައި ޤަވާއިދާޢި ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން