ދުނިޔެއާއިގެން އުޅެން ހަދައިގެން މީސްތަކުންނަށް މިއަދު މިވަނީ ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިފައެވެ. އެއީ ތިމާއަކީ ތިމާއާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާނެ އަޅަކަށްވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި އިހްމާލްވެވުމެވެ.
ތިމާއަކީ ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާ އަޅަކަށްވުމުގެ ފުރުޞަތު ﷲ ތަޢާލާ ވަނީ އެންމެންނަށް ދެއްވަވާފައެވެ! އެއީ ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ބޮޑުކަމުންނާއި އަދި މީސްތަކުން ދެކެ ލޯބިވެވޮޑިގަންނަވާވަރުވެސް ބޮޑުކަމުންނެވެ.
ހަމަ ވަރަށް ކުޑަކުޑަ ޢަމަލަކުން އެބބޮޑުމަތިވެރިކަން ޙާޞިލްކުރެވެން އެބައޮތެވެ. ތިމާއަކީ ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާ އަޅަކަށް ވެވުމަށްވުރެ ބޮޑު ނިޢްމަތެއް ނުވާނެއިރު ސުވާލަކީ އެފުރުޞަތުގެ ބޭނުން ތިބާ އެބަ ހިފަމުހެއްޔެވެ؟
އެފުރުޞަތުގެ ބޭނުން ހިފަމުންގެންދެވޭކަން ދެނެގަތުމަށް މި ދައްކާ ވާހަކަތަކަށް ރަނގަޅަށް ސަމާލުކަންދީގެން ކަނުލައި އަޑުއަހާށެވެ! އެއިރުން ޖަވާބު އަމިއްލައަށް ވިސްނޭނެއެވެ!
ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެ އަޅުކަންކުރި މީހުންނަށް ޤިޔާމަތް ދުވަހު ލިބޭނެ އެންމެ މަތިވެރި ފަޚުރާއި ޝަރަފް އެނގޭ ހެއްޔެވެ؟ އެއީ އެމީހަކާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަތުމެވެ. އީމާންވެ ހެޔޮ އަމަލުތައް ކުރި މީހުންނާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާކަން އިޢުލާނު ކުރައްވަވާނީ ޤިޔާމަތް ދުވަހު ސުވަރުގެ ލިބޭ އެންމެން ސުވަރުގެ ވެއްދެވުމަށްފަހު ސުވަރުގޭގައެވެ. މުހިންމު ރަސްމިއްޔާތު ބާއްވަވާ އެކަމުގެ ދަރުބާރަކީ ސުވަރުގެއެވެ.
"ތިއަބައިމީހުންނަކީ ތިއަބައިމީހުންގެ ލޮލަށް ތިމަން ﷲ ފެނުމަކާއި ނުލައި ތިމަން ﷲ އަށް އީމާނެވެ ހަމައެކަނި ތިމަން ﷲ އަށް އަޅުކަންކުރި މީހުން" ކަމުގައި ވަހީކުރައްވަވާނެތެވެ. އަދި އެކަމަށްޓަކައި ފަޚުރުވެރިވެވޮޑިގަންނަވާކަން ވެސް ބަޔާންކުރައްވަވާނެތެވެ.
މީސްތަކުންނޭވެ! އެއްވެސް މީހަކަށް ލިބޭނެ މިއަށްވުރެ ބޮޑު ޢިއްޒަތާއި ޝަރަފަކީ ކޮބައިހެއްޔެވެ؟ މިއަށްވުރެ ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟ މިއަށްވުރެ ބޮޑު ނިޢްމަތަކީ ކޮބައިހެއްޔެވެ؟ ނަމަވެސް ހިތާމައަކީ ގިނަ ބައަކަށް އެކަން ޤަބޫލު ނުކުރެވޭ ކަމެވެ. ﷲ ތަޢާލާގެ އެންގެވުންތަކަށް އަމަލު ނުކުރެވޭ ކަމެވެ. ޤިޔާމަތް ދުވަހުގެ ކަންކަން އެނގިތިބެމެ ނަރަކައަށް ދާންޖެހިދާނެ ކަމާއިމެދު ބިރު ނުގަންނަ ކަމެވެ.
"ތިއަބައިމީހުންނަކީ ތިއަބައިމީހުންގެ ލޮލަށް ތިމަން ﷲ ފެނުމަކާއި ނުލައި ތިމަން ﷲ އަށް އީމާނެވެ ހަމައެކަނި ތިމަން ﷲ އަށް އަޅުކަންކުރި މީހުން"ގެ ތެރޭގައި ހިމެނެން ބޭނުންނަމަ ހަމައެކަނި ތިމަންނާ މިހިރީ އީމާންވެގެން ކަމަށް ބުނުމަކުން ނުފުދޭނެއެވެ. އަދި ފަރުޟު ކުރެއްވެވި ކަންކަން ކުރުމުގައިވެސް އެމީހަކު ހިތަށްއެރި މިންވަރަކަށް ކުރުމަކުން ނުފުދޭނެއެވެ. ޚާއްޞަކޮށް ކޮންމެ ދުވަހަކު ކުރަންޖެހޭ 5 ނަމާދުކުރުމުގައެވެ.
ވީމާ މިކަންކަމަށް މިވަގުތުން ފެށިގެން ވިސްނާށެވެ! ހޭލުންތެރިވާށެވެ. އެމީހަކަށްޓަކައި ﷲ ތަޢާލާ ފަޚުރުވެރިވެ ވޮޑިގަންނަވާ މީހުންގެ ތެރޭގައި ހިމެނުމަށް ގަދައަޅައި އަވަހަށް މަސައްކަތްކަތް ފަށާށެވެ! އެކަމަށް މިހާރުވެސް މަސައްކަތްކުރަމުން ގެންދާ މީހުން މަސައްކަތް އިތުރަށް ވަރުގަދަކުރާށެވެ!
މުސްލިމުން ﷲ ތަޢާލާއަށް އީމާންވެގެން މިތިބީ އަދި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރަނީވެސް އެއްވެސް މީހަކަށް ﷲ ތަޢާލާ ފެންނާތީއެއް ނޫނެވެ. ނަމަވެސް ކީރިތި ޤްރްޢާނަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅުތައް ކަން ޔަޤީން ކުރެވޭތީއެވެ.
ހަމައެފަދައިން މުޙައްމަދު ރަސޫލް (ﷺ)ގެ ރަސޫލްކަން ޤަބޫލު ކުރަނީވެސް ހަމަ ކީރިތި ޤްރްޢާން ޤަބޫލުކުރާތީއެވެ! އަހަރެމެންގެ ތެރެއިން އެއްވެސް މީހަކީ ރަސޫލް (ﷺ) އާއި ބައްދަލުވީ މީހެއް ނޫނެވެ! ހަމައެކަނި ޤަބޫލުކުރަނީއެވެ. ޤަބޫލުކުރަނީ ކީރިތި ޤްރްއާނުގައި އެކަމަށް އަމުރުފުޅު ކުރައްވަވާފައިވާތީއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން