މަނަމަގެ އަތުގައި ފައިސާހުރިނަމަ ދަރިއަކަށް ދަރަންޏެއްވެސް ދީފާނެއެވެ. އެއީ އެހެން ދަރިންނަށް ނުދެވޭ އެއްޗެއް ވަކިދަރިއަކަށް ނުދޭންވެގެންނެވެ. މަންމަގެ މުދަލުން ދަރިންނަށް ހަމަކުރަން ބޭނުންވާތީއެވެ. މިކަން ގިނަފަހަރު ކުރިމަތިވަނީ ހުރިހާ ދަރިން އެދޭ ކަންކަން ކޮށްދިނުމުގެ ތަނަވަސްކަން ނެތުމުންނެވެ
މިފަދަ ގޮތަކަށް މަންމައަށް ދަރާއޮއްވައި މަންމަ ނިޔާވެއްޖެނަމަ އެދަރަންޏާއިމެދު ކަންތައް ކުރަންޖެހޭނެ ގޮތެއް އޮޅުންފިލުވަން ބައެއް ކިޔުންތެރިން ސުވާލުކުރެއެވެ.
މިފަދަ ޙާލަތެއްގައި މަންމަގެ އެހެންދަރިން އެދަރަނި މާފުކޮށްފިނަމަ މާފުވާނެއެވެ. ނޫންނަމަ އޮތީ އެ ދަރަނި ވާރުތަވެރިންނަށް ރައްދުކޮށްދިނުމެވެ. މާނައަކީ އެއީ މަންމަގެ މުދަލުގެ ބައެއްގެ ގޮތުގައި ހިމަނައިގެން މަންމަގެ މުދައު ދަރިންގެ މެދުގައި ބެހުމެވެ. މުދައު ބަހާއިރު އެވަރަށް އަތުގައި ނެތްނަމަ ފަހުން ނަމަވެސް އެހެން ދަރިންގެ ޙައްޤު އަދާކުރަންވާނެއެވެ. މަންމަ ނިޔާވިއިރު ހުރި އެއްޗަކީ ހުރިހާ ދަރިންގެ ޙައްޤަކަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން