ތިއަކުރާ ސުވާލުގެ ޖަވާބަށް ދައްކަން އޮތީ ހަމަކުރިންވެސް ދައްކާ ވާހަކައެވެ. އެކަން އޮތީ ހަމަ އެގޮތަށް ކަމަށްވާތީއެވެ. ޙާލަތު ބަދަލުވާނީ އެމީހަކު އަދާކުރަންޖެހޭ ޒިންމާ އަދާކޮށް ޙާލަތު ބަދަލުކުރީމައެވެ. ނޫންނަމަ ޙާލަތު ދެމިއޮންނާނީ ހަމަ ކުރިންވެސް ދެމިއޮތް ގޮތަށެވެ.
ގިނަ ބައަކު ރައްޓެހިންނާއި ވާހަކަ ދައްކާއިރުވެސް އަދި ގާތްތިމާގެ މީހުންނާއި ވާހަކަ ދައްކާއިރުވެސް އެމީހުން މަރުވެއްޖެނަމަ އެމީހުންގެ އަނބިދަރިންނަށް ދިމާވާނެ ދަތިޙާލާއިމެދު ކަންބޮޑުވާކަން ހާމަކޮށް ވާހަކަ ދައކައެވެ. އުޞޫލެއްގެ ގޮތުން ބަލާނަމަ އެއީ ހަމަ ކަންބޮޑުވާންޖެހޭނެވެސް ކަމެކެވެ.
ނަމަވެސް އަހުރެންގެ ސުވާލަކީ ތިމާ ދިރިހުރެ، ގަދަވެ ސަލާމަތުން ހުރެ އަނބިދަރިންނަށް އެބަ އަޅައިލެވޭ ހެއްޔެވެ؟ އެމީހުންނަށް ދޭންޖެހޭ ސަމާލުކަން އެބަދެވޭ ހެއްޔެވެ؟ ފުރަތަމަ ކަމަކަށް މިހާރު އަނބިދަރިންނަށް ލޯބިދީ އަޅާލަންވީ ނޫންހެއްޔެވެ؟
އިންސާނުންގެ އިކްތިޔާރުގައި ކަންކަން ވަނީ ދިރިދުނިޔޭގައި ހުރެވޭއިރުއެވެ. މަރުވުމުން އެއްވެސް ކަމެއް އަމިއްލައަށް ކުރުމުގެ ހުރިހާ ބާރުތަކެއް ގެއްލިގެންދާނެއެވެ. އެހެންކަމަށްވާއިރު ބާރާއި އިޚްތިޔާރު ލިބިގެންވާއިރު ސަމާލުކަން ނުދޭ މީހަކު، އޭނާގެ ބާރުތައް ކެނޑިގެންދާ ދުވަހު ކަންކަން ކޮށްނުދެވޭނެތީ ކަންބޮޑުވުމަކީ ކޮން ގޮތަކުން ދެކޮޅުޖެއްސޭނެ ކަމެއް ހެއްޔެވެ؟
ކުރީ ރެއަކު ދަރުސެއްގެ ތެރެއިން ކުރެވުނު ސުވާލެއްގެ ޖަވާބުގައިވެސް ބުނީމެވެ. "އަނބިދަރިންނާއި އަޅާނުލާ މީހުން، ތިމާމެން މަރުވެއްޖެނަމަ ޢާއިލާއަށް ކުރިމަތިވެދާނެ ނިކަމެތި ޙާލަށް ކަންބޮޑުނުވާށެވެ! ވާނެ ގޮތަކީ މާރަނގަޅު ފިރިއަކު އަނބިމީހާއަށް ލިބި މާއުފަލުގައި އުޅެވޭނެ ގޮތް މެދުވެރިވުމެވެ."
އެއީ އަހުރެން ޖެއްސުމަށް ނޫނީ ސަމާސައަށް ބުނި ބަހެއް ނޫނެވެ. އެހެންބުނީ އެކަން މެދުވެރިވުން އެންމެ ގާތްގޮތް ކަމަށްވާތީއެވެ.
އެއްވެސް މީހަކު މަރުވުމުން އޭނާގެ އަނބިދަރިންނާއިމެދު ކަންކަން މެދުވެރިވާނެ ގޮތަކާއިމެދު ކަންބޮޑުވާކަށް ނުޖެހެއެވެ. އެކަންކަން ނިމިގެންދާނީ ﷲ ތަޢާލާގެ ރަޙްމަތްފުޅުން އެންމެ ރަނގަޅު ގޮތުގައެވެ. އެކަން އޮތީ ﷲ ތަޢާލާއަށް ވަކީލްކުރުމެވެ.
ނަމަވެސް މިއަދު އަނބިދަރިންގެ ޙާލު ބަލައި ލޯބިދީ ތިމާގެ ވާޖިބުތައް އަދާކުރުމަކީ ކޮންމެ މީހެއްގެވެސް ބޮލުގައި އެޅިފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. ފުރަތަމަ އަދާކުރަންވީ އެމަސްއޫލިއްޔަތެވެ. އެމަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަމުން އެއިގެ ދުރަށް ވިސްނާށެވެ. ފައިދާކުރާނީ އެއިރުންނެވެ. އަދި އެއިރުން ދެދުނިޔޭގައިވެސް އެމީހަކަށް ފައިދާކުރާނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން