ބިރުވެރިކަމުން ފުރިގެންވާ ނަރަކައަށް ނުވަދެ، ނަރަކަ އާއި ކައިވެރިވެސްނުވެ ކުރިއަށް ދިއުމަށް އޮތް ވަރަށް ލުއި ފަސޭހަ މަގެކެވެ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ބިރުވެރިކަމުން ފުރިގެންވާ ނަރަކައަށް ނުވަދެ، ނަރަކަ އާއި ކައިވެރިވެސްނުވެ ކުރިއަށް ދިއުމަށް އޮތް ވަރަށް ލުއި ފަސޭހަ މަގެކެވެ.

ކޮންމެ މުސްލިމަކީވެސް ނަރަކައަސް ބިރުވެތިވާނެ މީހެކެވެ. ހަމަ އެކަކުވެސް ނަރަކައަށް ވަންނަން ބޭނުމެއް ނުވާނެއެވެ. ހިތާމައަކީ ނަރަކައިން ސަލާމަތްވެ ހުންނަން ކުރަންޖެހޭ ކަންކަން ކުރަން ކަންނެތްވެ ފަރުވާ ކުޑަކުރެވޭ ކަމެވެ.  

އެހެންވެ މިރޭ ބުނެދޭން މަސައްކަތްމިކުރަނީ އެބިރުވެރިކަމުން ފުރިގެންވާ ނަރަކައަށް ނުވަދެ، ނަރަކަ އާއި ކައިވެރިވެސްނުވެ ކުރިއަށް ދިއުމަށް އޮތް ވަރަށް ލުއި ފަސޭހަ މަގެކެވެ. އެމަގުން ކުރިއަށްދާން ކުރާ ދަތުރުގައި ކުރަންޖެހެނީ ވަރަށް ލުއިފަސޭހަކަމާއިއެކު ކުރެވެން އޮތް އެންމެ 7 ކަމެކެވެ.  

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބިރުގަންނާނީ ނަރަކަ އަށް ވަންނަން ޖެހިދާނެ ކަމަށެވެ. ނަރަކައިގެ އަލިފާނުގެ ހޫނުކަން އިތުރަށް ގަދަވުމަށްޓަކައި ނަރަކައިގެ ފޭރާމުން ފޭރާންލެވި، ނަރަކައިގައި އަލިފާނުގެ ހިލިހިލާތަކުން ކަސްތޮޅުއެޅި މޫނުވަތަށް އޮންނަން ޖެހިދާނެ މީހކަށްވުމަށް އެންމެ މުސްލިމަކު ވެސް އަދި އެހެން ދީނެއްގެ މީހަކުވެސް ނުއެދޭނެއެވެ. ކުރުގޮތަކަށް ބުނާނަމަ ﷲ ތަޢާލާ ނަރަކަ ހައްދަވާފައިވާކަން އެނގޭ ނުވަތަ ޤަބޫލުކުރާ އެއްވެސް މީހަކު ނަރަކައަށް ވަނުމަކަށް ނުއެދޭނެއެވެ.  

މިބެނެދޭ 7 ކަންތަކަކީވެސް ނަރަކައިން ސަލާމަތްވުމަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަންކަމެވެ.  

1- ފުރަތަމަ ކަމަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވުމާއި ރަސޫލް ()ގެ ރަސޫލުކަން ޤަބޫލުކުރުމެވެ. މިކަން ފުރިހަމަ ކޮށްގެން ހުރި މީހެއްގެ ގައިގައި ނަރަކައިގައިގެ އަލިފާން ނުބީހޭނެކަން ޙަދީޘުން އެނގެން އެބަ އޮތެވެ.  

ފުރިހަމަ ކުރުމަކީ ﷲ ތަޢާލާ އަށް އީމާންވަމޭ، ރަސޫލް ()ގެ ރަސޫލްކަން ޤަބޫލުކުރަމޭ ދުލުން ބުނުމެއް ނޫނެވެ. އެކަންކަން ޤަބޫލުކުރާ މީހާ އަމަލުކުރަންޖެހޭނެ ގޮތަށް ޢަމަލުކުރުމެވެ.  

2- އެހެން މީހުންނަށް ހިތްހެޔޮ އިޚްލާޞްތެރި، އޯގާތެރި މީހަކަށްވުމާއި އެހެން މީހުންނަށް އެހީތެރކަން ފޯރުވައިދިނުންމަތީގައި ދެމިހުރުން.  

އެއިރުން އެމީހަކަށް އެހީތެރިވެވޮޑިގަތުންމަތީގައި ﷲ ތަޢާލާ ދެމިވޮޑިގެންވާނެތެވެ. އެމީހަކަށް ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން ލިބެމުން ދަނިކޮށް މަރުވެއްޖެނަމަ އެމީހަކަށް ސުވަރުގެ ފިޔަވައި އެހެން ތަނެއް ނުވެއެވެ. އިން ޝާ ﷲ  

3- ފަރުޟް 5 ނަމާދަށާއި އެހެންވެސް ފަރުޟުތައް ފުރިހަމައަށް އަދާކުރުމެވެ. އަދި ފަރުޟު ނަމާދުތައް ކުރުމާއިއެކު ސުންނަތް ނަމާދުތައް ވެސް ކުރުމެވެ.  

4-  ﷲ ތަޢާލާއަށް ބިރުވެތިވެ ލޮލުން ކަރުނަ އެޅުމެވެ. އެއިރުން އެލޮލެއްގައި ނަރަކައިގެ އަލިފާން ނުބީހޭނެކަން ޙަދޘުން އެނގެންއެބައޮތެވެ.  

5- އެމީހަކަށް ވެވުނު މިންވަރަކުން ޞަދަޤާތް ކުރުމެވެ. އެހެނީ ނަރަކައިން ސަލާމަތްވުމަށްޓަކައި ކަދުރު އޮށެއްގެ ފަޅިވަރަކުން ނަމަވެސް ޞަދަޤާތް ކުރުމަށް ރަސޫލް () ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.  

6- ސުންނަތް ރޯދަ ހިފުން ގިނަކުރުމެވެ. މީހަކު ހިފާ ކޮންމެ ރޯދައަކަށް ނަރަކަ އެމީހަކާއި 70 އަހަރުގެ ރާސްތާއަކަށް ދުރުވެގެންދާނެކަން ޙަދީޘުން އެނގެން އެބައޮތެވެ.  

7- ނަރަކައިން ސަލާމަތް ކުރެއްވެވުން އެދި ގިނަގިނައިން ދުޢާ ކުރުމެވެ.  

މި 7 ކަންތަކަށް ބެލިނަމަވެސް އެންމެ މުހިންމީ ފުރަތަމަ ބުނި ކަންތަކެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވުމާއި ރަސޫލް ()ގެ ރަސޫލުކަން ޤަބޫލުކުރުމެވެ. ދެވަނައަށް އޮތީ ފަރުޟު ނަމާދުތަކަށް އެންމެ ފުރިހަމަ ގޮތުގައި ރައްކައުތެރިވުމެވެ. މި 2 ކަމުގައި ފޭލްވެއްޖެ ނަމަ އެމީހަކީ އިމްތިހާނުން ފޭލްވެފައިވާ މީހެކެވެ. ހަމަ އެއާއެކު އެ 2 ކަމުން ފާސްވެއްޖެ ނަމަ ދެންހުރި ކަންކަމުން ފާސްވާނެއެވެ. އިން ޝާ ﷲ

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން