ކެމްބްރިޖު މުގައްރަރަށް ކިޔަވައިދޭ ފޮތް ލިޔަން ފުރުޞަތު ހުޅުވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކެމްބްރިޖު މުގައްރަރަށް ކިޔަވައިދޭ ފޮތް ލިޔަން ފުރުޞަތު ހުޅުވާލަނީ

ކެމްބްރިޖް އިންޓަނޭޝަނަލް (ސީއައިއޭ) ލެވެލްގެ ތަޢުލީމީ މާއްދާތަކަށް ފޮތް ލިޔުމުގެ ފުރުސަތު ދިވެހި މުދައްރިސުންނަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އިސްކޫލުތަކުގައި ކެމްބްރިޖް އިންޓަނޭޝަނަލް (ސީއައިއޭ) އެގްޒަމިނޭޝަން ތަޢާރަފުކުރެވުނުތާ 23 އަހަރު ވެފައިވާއިރު، މި މިހާ ދިގު މުއްދަތެއް ފާއިތުވިއިރުވެސް ބޭނުންކުރެވެމުން އައީ ބޭރުން އެތެރެކުރެވޭ ފޮތްތައް ކަމަށް ފާހަގަކުރެއްވިއެވެ. އަދި ދިވެހި މުދައްރިސުންގެ ކިބައިގައި ކެމްބްރިޖް އިމްތިޙާނުގެ މުޤައްރަރުތަކަށް ފެންވަރު ރަނގަޅު ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓު އުފެއްދުމުގެ ޤާބިލުކަން ހުރި ކަމަށް މިނިސްޓަރު ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ގިނަ އިސްކޫލުތަކުގައި ދަރިވަރުން ބަރޯސާވަނީ ރާއްޖޭގެ މުދައްރިސުން ތައްޔާރުކޮށްދޭ ނޯޓުތަކަށެވެ. އަދި ބޭރުން ގަނެގެން މިހާރު ދެވޭ މަސައްކަތު ފޮތްތަކަށްވުރެ މާ ފެންވަރު ރަނގަޅު، ސީދާ އިމްތިހާނަށް އަމާޒުކުރެވިފައިވާ ފޮތްތައް ވެސް ރާއްޖޭގެ މުދައްރިސުން ތައްޔާރުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ހަފުތާގައި ފޮތްތައް ލިޔުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމަށް ނިންމަފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން، ފަރުދުންނަށާއި ޓީމުތަކަށް ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓު ތައްޔާރުކޮށް ވިއްކުމަށް ހުށަހެޅިދާނެ ކަމަށާއި، މި މަސައްކަތުގައި ތަޖުރިބާހުރި މުދައްރިސުން އިސްނެންގެވުމަށް ވެސް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

މީގެ ސަބަބުން ރާއްޖެއިން ބޭރުން ފޮތް ގަތުމަށް ކުރާ ޚަރަދު ޤައުމުގެ ތެރޭގައި ހިފެހެއްޓި، ފޮތް ލިޔުމުގެ ހުނަރުވެރިކަން އިތުރުވުމާއި، އިސްކޫލުތަކުން ނޯޓު ޕްރިންޓުކުރުމަށް ކުރާ ޚަރަދު ކުޑަކުރެވޭނެ ކަމަށް ބެލެވޭ ކަމަށާއި، ތިމާވެށްޓާ ރައްޓެހި އާދަކާދަތައް އަށަގެންނެވުމަށް އިތުރު ބާރަކަށް ވާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން