މިއަދު ފާހަގަކުރާ ދިވެހި ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޅެންވެރިންގެ ޝުޢޫރުތަކުން ދަރީންގެ ތަރުބިއްޔަތަށް މަގު ދައްކައިދީ، މަތިވެރި އަޚްލާޤު ދިރުވައި އާލާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް މުޢިއްޒު މިހެންވިދާޅުވީ އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓުގައި ޕޯސްޓްކުރެއްވި މެސެޖެއްގައެވެ. މި މެސެޖުގައި ރައީސް ވަނީ ދިވެހި ހުރިހާ ޅެންވެރިންނަށް ހެޔޮއެދުންތައްވެސް ފޮނުއްވާފައެވެ.
"ދިވެހި ޅެންތަކަކީ އޭގައި ފުން އަސަރާއި ފަށުވިކަން އެކުލެވޭ ދިވެހި އަދަބިއްޔާތުގެ ރީތި އުފެއްދުންތަކެކެވެ. ދިވެހި އަދީބުންގެ އުފެއްދުންތެރިކަމާއި މުއްސަނދި ޚިޔާލުތައް ދިވެހި ޅެންތަކުން ފެނެއެވެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ޅެންވެރިންގެ ދުވަސް ކަމުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަހަކީ ދިވެހި އަދަބިއްޔާތުގެ މުހިންމު ދުވަހެއްގެ ގޮތުގައި ބެލެވެއެވެ.