ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާއެއްގައި ރާއްޖެ އާއި އެސްޓޯނިއާ އިން ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާއެއްގައި ރާއްޖެ އާއި އެސްޓޯނިއާ އިން ސޮއިކޮށްފި

ދިވެހިރާއްޖެ އާއި އެސްޓޯނިއާ ދެމެދު ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރެވުނީ 14 ޖެނުއަރީ 2025 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ފަހުމުނާމާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ވަޒީރު އަލީ އިޙްސާނެވެ. އަދި އެސްޓޯނިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް ލިސާ-ލީ ޕަކޯސްޓާއެވެ.

މި ފަހުމުނާމާގެ ދަށުން، އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް، ސްމާޓް ޓެކްނޮލޮޖީސް އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާތަކުން ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރެވޭނެއެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާ ތަރައްޤީކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމަށް މަގުފަހިވެ އަދި މި ދާއިރާތަކުން ތަޖުރިބާ ހޯދުމަށް ދިވެހި ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

އެސްޓޯނިއާއަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ވަރަށް ކުރިއަރާފައިވާ ޤައުމެއް ކަމަށްވާތީ، މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް ޓެކްނޮލޮޖީގެ ދާއިރާގެ މާހިރުން ފާހަގަކުރައްވައެވެ.

މިއަދު އޮންލައިން