ދައުލަތުގެ މާލީ މުއާމަލާތްތަކަށް ލުޔެއް ދިނުމަށް ރައީސްގެ ހުއްދަ ހޯދަންޖެހޭ ގޮތަށް އުސޫލެއް އެކުލަވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ދައުލަތުގެ މާލީ މުއާމަލާތްތަކަށް ލުޔެއް ދިނުމަށް ރައީސްގެ ހުއްދަ ހޯދަންޖެހޭ ގޮތަށް އުސޫލެއް އެކުލަވާލައިފި

ދައުލަތުގެ މާލީ މުއާމަލާތްތަކަށް ލުޔެއް ދިނުމަށް ރައީސްގެ ހުއްދަ ހޯދަންޖެހޭ ގޮތަށް އުސޫލެއް އެކުލަވާލައިފިއެވެ.

މި އުސޫލުގެ ނަމަކީ "ދައުލަތުގެ އޮފީސްތަކާ އެކު އެކި ފަރާތްތަކުން ކޮށްފައިވާ މުއާމަލާތްތަކާ ގުޅިގެން ލުއި ދިނުމާއި، މަންފާ ހޯދައިދިނުމާއި، ފައިސާ މައާފުކޮށްދިނުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެގޮތުގެ އުސޫލު" އެވެ.

މި އުސޫލުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ މާލިއްޔަތަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ދެނެގަތުމާއި، ދައުލަތުގެ ވަސީލަތްތައް ޒިންމާދާރު ގޮތެއްގައި މެނޭޖްކުރެވޭކަން ކަށަވަރުކުރުމެވެ. މި އުސޫލުގެ ދަށުން، ސަރުކާރުގެ އިދާރާތަކުން މާލީ މުއާމަލާތްތަކަށް ލުޔެއް ދޭންވާނީ މާލީ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކުގައެވެ.

އެހެންނަމަވެސް، ކައުންސިލްތަކަށް އަމިއްލައަށް ލުޔެއް ދިނުމުގެ އިޚްތިޔާރު ލިބިގެންވާކަން މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ކައުންސިލްތަކުން ދޭ ލުއިތަކުގެ މަޢުލޫމާތު ލޯކަލް ގަވަރމަންޓް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ.

މި އުސޫލުގެ ދަށުން، ލުޔެއް ހޯދުމަށް އެދޭ ފަރާތްތަކުން ވަކި މަޢުލޫމާތުތަކަކާއެކު ކަމާބެހޭ އިދާރާއަކަށް ހުށަހަޅަންޖެހޭނެއެވެ. މިގޮތުން ހުށަހަޅަންޖެހޭ މަޢުލޫމާތުތަކުގެ ތަފްސީލު އުސޫލުގައި ހިމަނާފައިވާކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ.

މި އުސޫލު އެކުލަވާލުމުގެ ސަބަބުން، ދައުލަތުގެ މާލީ މުއާމަލާތްތަކުގައި އިތުރު ހަރުދަނާކަމެއް އަންނާނެ ކަމަށާއި، ދައުލަތުގެ މާލިއްޔަތު ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ. މި އުސޫލަށް ޢަމަލުކުރަން ފަށާނެ ތާރީޚެއް އަދި އިޢުލާނުކޮށްފައި ނުވެއެވެ.

މިއަދު އޮންލައިން