މައިދައިތައާ ޅިޔަން ފަހަރިންގެ ފަރާތުން އަނބިމީހާއަށް ލިބެމުންދާ އަނިޔާތަކަށް ނުބަލައި ހިނިތުންވެގެން ހުރެ މަރުޙަބާކިޔަން ބުންޏަސް އެކަމެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
މައިދައިތައާ ޅިޔަން ފަހަރިންގެ ފަރާތުން އަނބިމީހާއަށް ލިބެމުންދާ އަނިޔާތަކަށް ނުބަލައި ހިނިތުންވެގެން ހުރެ މަރުޙަބާކިޔަން ބުންޏަސް އެކަމެއް ނުކުރެވޭނެ!

ދެމަފިރިންނަށްވެސް އޮތީ އަނެކާއާއި ބަދަލުވުމުން ހިނިތުންވުމެވެ. އެކަން ދެމީހުންވެސް ބޭނުންވާނެއެވެ. ފިރިން މަސައްކަތުގައި އުޅެފައި ވަރުބަލިކަމާއިއެކު ގޮސް ގެއަށް ވަންނަ ވަޤުތު އެކަމަށް ވަކިން ބޮޑަށް ބޭނުންވާނެއެވެ. އެހެންވެ ބަލައިލަން މަސައްކަތް މިކުރަނީ ކޮންމެ ދެމަފިރިއަކަށްވެސް ވަރަށް މުހިންމު ބައެއް ކަންކަމަށެވެ. 

އެންމެ ގިނައިން ލިބޭ އެއް ޝަކުވާއަކީ ފިރިމީހާ ގެއަށް އަންނައިރު އަނބިމީހާ ހިނިތުންވެގެން ނުހުންނަ ކަމުގެ ޝަކުވާއެވެ. މޫނުން އުފާވެރިކަން ފެންނަން ނުހުންނާތީ ކަންބޮޑުވާ ކަމުގެ ޝަކުވާއެވެ. 

އެހެންކަމުން އެކަން އެގޮތަށް މެދުވެރިވާ ސަބަބުތަކަށް ވިސްނާލަންޖެހޭނެއެވެ. ފުރަތަމަ ކަމަކަށް ހިނިތުންވެވޭނީ ހިތްހަމަޖެހިގެން ހުރެގެންނެވެ. ހިތްދަތިކަމުގައި ދިރިއުޅެމުން، ނުވަތަ ނުތަނަވަސްކަމުގައި ދިރިއުޅެމުން ހިނިތުންވެވޭނީ ވަރަށް މަދު މީހަކަށެވެ. 

ވަރަށް މަދު އަންހެނަކު ފިޔަވައި ކޮންމެ އަންހެނަކުވެސް ކައިވެނިކުރާނީ ދެމަފިރިން އެކުގައި އުފަލުގައި ދިރިއުޅުމުގެ ބޭނުމުގައެވެ. އަދި ހަމަ ކޮންމެ އަންތބަކީވެސް އަމިއްލަ ސިފަތަކެއް ހުންނާނެ އަންހެނެކެވެ. މިނިވަންކަމާއިއެކު ފިރިމީހާއަށް ޚިދުމަތްކުރަން ބޭނުންވެސްވާނެ އަންހެނެކެވެ. ވީމާ އެފުރުޞަތު އަނބިމީހާއަށް ހޯދައި ނުދީ ޚިދުމަތް ނުކޮށްގެން އަނބިމީހާދެކެ ރުޅި އައިސް ޝަކުވާ ކުރުމުގެ އެއްވެސް ހައްޤެއް ފިރިމީހާއަށް ނެތެވެ. 

ކައިވިކުރަންވާނީ ޚުޠުބާގައި ކިޔާ ޙައްޤުތައް އަދާކުރެވޭނެ ނަމައެވެ. އެއިގެ ތެރެއިން އެންމެ ފުރަތަމަ ޙައްޤަކީ މިނިވަންކަމާއިއެކު ދެމަފިރިން އެކުގައި ދިރިއުޅުމުގެ ޙައްޤެވެ. ވީމާ ކައިވެނިކޮށްގެން ފިރިމީހާގެ ގެއަށް އަނބިމީހާ ގެންދަންވާނީ އަނބިމީހާއަށް އެޙައްޤު ގެއިން ލިބޭނެކަމަކުގެ ޔަޤީންކަން އޮތްނަމައެވެ.

ގެއަށް ގެންދިއުމުން ޅިޔަން ފަހަރިން ނުވަތަ މައިދައިތަ ހިމެނޭ ގޮތުން ޢާއިލާގެ އެހެން މީހެއްގެ ސަބަބުން ނަމަވެސް އަނބިމީހާއަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބެމުންދާނަމަ އެކަން ހުއްޓުވަން މަސައްކަތްކުރަންކުރުމަކީ ފިރިމީހާގެ މައްޗަށް އޮތް އެންމެ ބޮޑު އެއް ވާޖިބެވެ.   

އެކަމުގައި ނަތީޖާއެއް ނުފެނުނަމަ އަވަހަށް އަނބިމީހާ އެގެއަކުން ނެރޭށެވެ. އެ އަނިޔާވެރިކަމުން އަނބިމީހާ ސަލާމަތްކުރާށެވެ. އެއީ އިހުމާލުވެގެންވާނެ ކަމެއް ނޫނެވެ. ކައިވެނިކުރާ ވަގުތުން ފެށިގެން އަނބިމީހާއަށް ސަލާމަތްކަމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް ކައިވެނީގެ ޚުޠުބާގައިވެސް ލާޒިމްކުރާ ކަމެކެވެ.   

ވީމާ އަނބިމީހާއަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަކީ އަނިޔާ ލިބޭ ހާއްޔަކަށް ދޫކޮށްލުމެއް ނޫނެއް ނޫން ހެއްޔެވެ؟ ތިމާއަށް ތިމާގެ ޢާއިލާގެ މީހުން ކިތަންމެ މާތް ސޫރައެއްގައި ފެނުނު ނަމަވެސް އަނބިމީހާއަށް އެމީހުންގެ ނަފްރަތާއި ރުޅިވެރިކަން ލިބި އަނިޔާ ލިބޭނަމަ އެކަން ހުއްޓުވަން ހުންނާނީ ފިރިމީހާ ފިޔަވައި ދެން ކާކުހެއްޔެވެ؟ އެ ޙާލަތުގައި އުޅެން ޖެހުމުން އަނބިމީހާއަށް އެމީހުން ފެންނާނީ ބިރުވެރި ބައެއްގެ ގޮތުގައެވެ. އެބިރުވެރިކަމުން އަބިމީހާ ސަލާމަތްކުރުމަކީ ފިރިމީހާ އަދާކުރަންޖެހޭނެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތެވެ. 

އަނބިމީހާ ބޭނުންވާގޮތަށް ފިރިމީހާއަށް ޚިދުމަތްކުރުމުގެ ފުރުޞަތު ދިނުމުން ނޫނީ ފިރިމީހާ އެދޭ ގޮތަށް ފިރިމީހާއަށް ޚިދުމަތެއް ނުކުރެވޭނެއެވެ. އެކަން ޤަބޫލުކުރަންވާނެއެވެ. ނަތީޖާ ފެންނާނީ އެއިރުންނެވެ. އުފާވެރި ޒަވާޖީ ޙަޔާތަކަށް މަގުފަހިވެގެންދާނީ އެއިރުންނެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން