އެހެން މީހުން ރުޅިއަންނާތީ ކަންބޮޑުވުމެއް ނެތް! ކިތަންމެ ރަނގަޅަށް ކަންކަން ކުރިޔަސް ޙަސަދަވެރިވާ ބައަކު ތިބޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
އެހެން މީހުން ރުޅިއަންނާތީ ކަންބޮޑުވުމެއް ނެތް! ކިތަންމެ ރަނގަޅަށް ކަންކަން ކުރިޔަސް ޙަސަދަވެރިވާ ބައަކު ތިބޭނެ!: މުފްތީ މެންކް

ތިމާ އެމީހަކާއި ގުޅެން ބޭނުންވި މީހަކު ތިމާއާއި ނުރުހުނަސް، އެކުވެރިން ނުވަތަ ޢާއިލާގެ ތެރޭގައިވެސް ތިމާއަށް ނުރުހޭ މީހުން ތިބިނަމަ އެކަމަށް ގިނަ ބައަކު ކަންބޮޑުވެއެވެ. އަދި މަޑުމަޑުންގޮސް ދިރިއުޅުންމަތިންވެސް ފޫހިވެއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ވިސްނައިލާށެވެ! ދުނިޔެއަށް ބަލާށެވެ! ގިނައީ ﷲ ތަޢާލާގެ ޙަޟްރަތަށް ނުރުހޭ މީހުންނެވެ. ﷲ ތަޢާލާ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް އިންސާނަކީ އަހުރެެމންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އިތުރު ޞާޙިބާގެ ހަޔާތްޕުޅުގައި ހަަމ އެއްވެސް މީހަކަށް ބޭއިންޞާފުން އެއްވެސް ކަމެއް ކުރައްވަވާފައެއް ނުވެއެވެ. ކާފިރުންނާއިމެދުގައިވެސް ޢަމަލުފުޅު ކުރެއްވެވީ ޢަދުލުވެރިކަމާއިއެކުގައެވެ. އިތުރު ޞާޙިބާއަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގައި ލާމަޘީލު ނަމޫނާއެއް ކަމަށް ކާފިރުންވެސް ޤަބޫލުކުރިއެވެ.  

އެކަމަކުވެސް ނުރުހި ޙަސަދަވެރިވީ ބައަކު ތިބި ނޫންހެއްޔެވެ؟ އެކަމުން އެނގިގެންދަނީ ނުރުހި ޙަސަދަވެރިވަނީ ކޮންމެހެން ކުށެއް އޮވެގެން ނޫންކަމެވެ. ރުޅި އަންނަނީ ރުޅިއަންނަންޖެހެންވީ ސަބަބެއްވެސް އޮވެގެން ނޫން ކަމެވެ. އަދި އުނި ސިފައެއް ހުރެގެންވެސް ނޫންކަމެވެ.  

މިކަންކަމަށް ވިސްނައިލާށެވެ! ޢިބްރަތް ލިބިގަންނާށެވެ! ތިމާގެ ޢަމަލުތައް ސީދާކުރަން މަސައްކަތްކުރާށެވެ! ރަނގަޅު ގޮތުގައި ދިރިއުޅެން މަސައްކަތްކުރާށެވެ. އެހެން މީހަކު ނޫނީ މީހުން ތިމާއާއިމެދު ދެކޭގޮތާއިމެދު ނުވެސް ވިސްނާށެވެ. އެކަން ﷲ ތަޢާލާއަށް ވަކީލުކުރާށެވެ!  

ތިމާ ހުރީ ރަނގަޅު ގޮތުގައިވާނަމަ ﷲ ތަޢާލާ އެމީހަކު ބާކީ ނުކުރައްވަވާނެތެވެ. ހެޔޮ ރަހްމަތް ލައްވަވާނެތެވެ. އެކަމުގެ ޔަޤީންކަމުގައި ހުންނަ މީހަކު ނަފްސާނީ ގޮތުންވެސް އެހެން ގޮތަކުންވެސް ބަލި ނުކުރެވޭނެތެވެ. އެމީހަކަށް ހިތްވަރު ދެއްވަވާނެތެވެ. އުފަލުގައި ހުރެވޭނެ މަގު ދައްކަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން