ނުބައި ކަންކަން ޢާންމުވަމުން ގޮސް ސިޙުރުގެ ނުބައިކަން މިވަނީ ވަރަށް ބޮޑަށް ޢާންމުވެފައެވެ. ނަމަވެސް ކުރިމަތިވާ ކޮންމެ ކަމަކާއި ސިޙުރާއި ގުޅުވަންޖެހޭނީ ބަލަންޖެހޭ ކަންކަން ރަނގަޅަށް ބެލުމަށްފަހުގައެވެ. ވީމާ އެކަމަށް އަވަސްއަރައިގަނެގެން ނުވާނެއެވެ.
ބޮލުގަ ރިއްސާނަމަ ޕެނަޑޯލް، ހުންއަތުވެއްޖެނަމަ ޕެރަސެޓަމޯލް ކެއުމަށް އަވަސްވެގަންނަފަދައިން ކިރިޔާ ކަމެއް ކުރިމަތިވާއިރަށް ނުވަތަ ކިތަންމެ ކުޑަކަމެއް ކުރިމަތިވި ނަމަވެސް ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެއީ ކޮންމެވެސް މީހަކު ހަދާފައިވާ ސިހުރަކުން ކުރިމަތިވާ ކަމެއް ކަމަށާއި ބާރަށް ދުވަންވީ ސިޙުރިވެރިއަކާއި ދިމާއަށް ކަމަށެވެ.
އެވިސްނުން އެހައި ފަސޭހައިން އަންނަނީ ޝައިޠޯނާ އެގޮތަށް ވަސްވާސްދޭތީއެވެ. އެގޮތަށް ޝައިޠޯނާ ވަސްވާސްދެނީ ތިބާގެ ބުރަކަށީގައި އަތްއަޅައި ސިހުރުވެރިންނާއި ދިމާއަށް ކޮށްޕުމުގެ، ނުވަތަ އަތުގައި ހިފާ ދަމައި ސިހުރުވެރިންގެ ގާތަށް ގެންދިއުމުގެ ބޭނުމުގައެވެ. ޝިރުކުގެ ނުބައި އަމަލުތައް ތިބާ ލައްވައި ކުރުވުމުގެ ބޭނުމުގައެވެ.
ބައެއް މީހުންނަށް އެމީހުން ނިދަން ބޭނުންވާވަރަށް ރަނގަޅަށް ނުނިދުނު ނަމަވެސް ބެލެނީ އެއީ ސިހުރަކުން ކަމަށެވެ. ޚާއްޞަކޮށް ދެ ފަހަރަކު ބިރުވެރި ހުވަފެނެއް ފެނުނު ނަމަވެސް ބެލެނީ އެއީ ސިހުރާއި ގުޅިފައިވާ ކަމެއް ކަމަށެވެ.
އެފަދަ ޙާލަތުގައި ފުރަތަމަ ބަލަން ޖެހޭނީ ތިމާގެ ޞިއްޙީ ހާލަތަށެވެ. ހަށިގަނޑަށް ފައިދާހުރި ތަކެތި ނުކެވޭނަމަ، ސިކުނޑިއަށް އަރާމެއް ނެތި ބުރަކޮށް އުޅެން ޖެހިޖެނަމަ ނުވަތަ ލިބޭ ހިތްދަތިކަމެއްގެ ސަބަބުން ނުވަތަ ހަށިގަނޑަށް ބޭނުންވާ ކޮންމެވެސް މާއްދާއެއް މަދުވި ނަމަވެސް އަދި ހަށިގަނޑަށް ލިބެން ޖެހޭ އަރާމު ނުލިބުނު ނަމަވެސް މިބާވަތުގެ ކަންކަން މެދުވެރިވެދާނެއެވެ.
މިފަދަ ޙާލަތުގައި ސިކުނޑިއަށް ލިބިފައި ހުންނަ ނުތަނަވަސްކަމެއްގެ ސަބަބުން ބައެއް މީހުންނަށް އިތުރު އަޑެއް އިވޭހެންވެސް ހީވެދާނެއެވެ. ކުރިމަތިން އައްޔެއް ދިއަ ކަމަށްވެސް ހީވެދާނެއެވެ.
ވީމާ އެއީ މީހަކު ހެދި ސިހުރަކުން މެދުވެރިވި ކަންކަން ކަމަށް ނުނިންމާށެވެ. ފުރަތަމަ ކަމެއްގެ ގޮތުން ޑޮކްޓަރަކަށް ދައްކައި ރަނގަޅަށް ޗެކްކޮށްލާށެވެ. ޑޮކްޓަރުން ބުނާ ބަސްވެސް އޮޅުންފިލުވައިލާށެވެ. އެއަށްފަހުގައި ނޫނީ ސިހުރާއިމެދު ނުވެސް ވިސްނާށެވެ. ސިހުރެއް ކަމަށް ޔަޤީން ކުރެވިއްޖެ ނަމަ ރުޤްޔާކުރާ މީހެއްގެ އެހީތެރިކަން ހޯދާށެވެ!
ސިހުރު، ފަންޑިތަ ހަދާ މީހުންގެ ގާތަށް ނުދާށެވެ. އެއިރުން އެދެވެނީ މުޅިން ގޯސް މަގަކުންނެވެ. އެފަދަ ބައެއް މީހުން ގާތަށް ދިއުމުން ކިޔަން ދީފައި ހުންނަ ބައެއް ކަރުދާސް ބަލާއިރު ފެންނަނީ ޖިންނި އާއި ގުޅުން ހުންނަ ކިޔެވެލިތަކެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ.
ކޮންމެ ކަމަކުން ޝިފާ ހޯދަންވެސް ކިޔަވަން ޖެހޭނީ ކީރިތި ޤްރްއާނާއި އަދި ކިޔަވަން ސުންނަތުން ޔަޤީންކަމާއެކު އެނގެން ހުންނަ ތަކެއްޗެވެ. އިތުރު އެއްވެސް އެއްޗެއް ކިޔަވައިގެން ނުވާނެއެވެ. އެއީ މުސްލިމުންނަށް އެއްވެސް ޙާލަތެއްގައި ކުރުން ހުއްދަ ކަމެއް ނޫނެވެ. ޖިންނި ޝައިޠާނުންގެ ކިބައިން ވާގި އެދުމަކީ ﷲ ތަޢާލާ އެންގެވި ގޮތް ދޫކޮށްލުމެވެ. ދީނުން ބޭރުވުމެވެ.
ވީމާ މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެންމެންގެ ކިބައިން އެދެމެވެ.
- މުފްތީ މެންކުގެ ދަރުސަކުން