ސުވާލު:
ނަމާދުގައި އެންމެ ފަހު ސަޖިދައިގައި ދުޢާ ކުރުމަށްޓަކައި ދިގުކުރުމަކީ ސުންނަތެއްތޯ؟ އެތައް އިމާމުންނެއް މިކަން ކުރާތީ.
ޖަވާބު:
އަލްޙަމްދުލިއްލާހް.
ނަމާދުގައި އެންމެ ފަހު ސަޖިދަ ދުޢާ ކުރުމަށްޓަކައި ދިގުކުރުމަކީ ސުންނަތެއް ނޫނެވެ. އަދި މިއީ ސުންނަތާ ޚިލާފު ކަމެކެވެ.
ބުޚާރީ (792) އަދި މުސްލިމް (471) ގައި ބަރާއު ބިން ޢާޒިބް ރަޟިއަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ: "ރަސޫލުﷲ ﷺ ގެ ނަމާދުފުޅާއި، ރުކޫޢުފުޅާއި، ރުކޫޢުން ތެދުވުމާއި، ސަޖިދަފުޅާއި، ދެ ސަޖިދައިގެ ދެމެދުގައި ހުންނެވުން ގާތްގަނޑަކަށް އެއްވަރެވެ."
ޝައިޚް މުޙައްމަދު ބިން ޞާލިޙް އަލްޢުޘައިމީން ރަޙިމަހުﷲ އާ ސުވާލުކުރެވުނެވެ: ދުޢާ ކުރުމަށާއި އިސްތިޣުފާރު ކުރުމަށްޓަކައި އެންމެ ފަހު ސަޖިދަ ނަމާދުގެ އެހެން ރުކުންތަކަށްވުރެ ދިގުކުރުން، މިފަދައިން ދިގުކުރުމުން ނަމާދު ފާސިދުވޭތޯ؟
އެކަލޭގެފާނު ޖަވާބު ދެއްވިއެވެ:
"އެންމެ ފަހު ސަޖިދަ ދިގުކުރުމަކީ ސުންނަތެއް ނޫނެވެ. ސުންނަތަކީ ނަމާދުގެ ޢަމަލުތައް އެއްވަރުވުމެވެ: ރުކޫޢު، ރުކޫޢުން ތެދުވުން، ސަޖިދަ އަދި ދެ ސަޖިދައިގެ ދެމެދު އިށީނުން."
ބަރާއު ބިން ޢާޒިބް ރަޟިއަﷲ ޢަންހު ވިދާޅުވިއެވެ:
"އަހުރެން ނަބިއްޔާ ﷺ ގެ ނަމާދުފުޅަށް ބެލީމެވެ. ފަހެ އެކަލޭގެފާނުގެ ޤިޔާމްފުޅާއި، ރުކޫޢުފުޅާއި، ސަޖިދަފުޅާއި، އިށީނދެވަޑައިގަތުމާއި، ސަލާމްދެއްވުމާ ހަމައަށް ގާތްގަނޑަކަށް އެއްވަރުވެގެންވާ ކަމުގައި ދެކުނީމެވެ." މިއީ އެންމެ މާތްވެގެންވާ ގޮތެވެ.
ނަމަވެސް ސަޖިދަ ފިޔަވައި ދުޢާކުރުމަށް އެހެން ތަނެއް އެބައޮތެވެ. އެއީ ތަޝައްހުދެވެ. ނަބިއްޔާ ﷺ ޢަބްދުﷲ ބިން މަސްޢޫދަށް ތަޝައްހުދު އުނގަންނައި ދެއްވުމަށްފަހު ވިދާޅުވިއެވެ: "ދެން އޭނާ އެދޭ ދުޢާއަކުން ދުޢާކުރާށެވެ." އެހެންކަމުން އެންމެފަހު ތަޝައްހުދުގައި ސަލާމްދިނުމުގެ ކުރިން ދުޢާކުރުން މަދުވިޔަސް ގިނަވިޔަސް ރަނގަޅެވެ.
ޝައިޚް ޢަބްދުﷲ އަލްޖިބްރީން ޙަފިޡަހުﷲ ވިދާޅުވިއެވެ:
"ނަމާދުގެ އެންމެ ފަހު ސަޖިދަ ދިގުކުރުމުގެ ދަލީލެއް އަހުރެންނަކަށް ނުފެނެއެވެ. އަދި ހަނދާނެއްވެސް ނުކުރަމެވެ. ނަމަވެސް ބައެއް އިމާމުން މިކަން ކުރައްވަނީ ނަމާދުގެ އެންމެ ފަހު ޢަމަލުކަން އަންގައިދިނުމަށް ކަމުގައި ވެދާނެއެވެ. އެއީ މައުމޫމުންނަށް އެންމެފަހު ތަޝައްހުދަށް އިށީނުމަށް އަންގައިދިނުމަށެވެ. ނަމަވެސް މިއީ މި ދިގުކުރުން ހުއްދަކުރާ ސަބަބަކަށް ނުވެއެވެ."
ޚުލާޞާކޮށް ދަންނަވާނަމަ، ނަމާދުގައި އެންމެ ފަހު ސަޖިދަ ވަކިން ދިގުކުރުމަކީ ސުންނަތުން ސާބިތުވާ ކަމެއް ނޫނެވެ. އަދި ކީރިތި ރަސޫލާ ﷺ ގެ ނަމާދުފުޅުގައި ހުރިހާ ރުކުންތަކެއްވެސް ވަނީ ގާތްގަނޑަކަށް އެއްވަރުކޮށް އަދާކުރައްވާފައެވެ.
ވަﷲ އަޢުލަމް (މިކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ).
ގުޅުންހުރި ލިޔުން:
ހަނދުމަކޮށްދިނުމެއް!: ނަމާދުގަ އިތުރު ދުޢާކުރެވޭނެ 2 މަޤާމް-
ސުވާލު: ނަމާދުގެ ދެ ސަޖިދަ ދެމެދުގައި ކިޔާ ތަކެތީގެ އިތުރަށް (ޢަރަބިބަހުން ކޮންމެ ދުޢާއެއް ވެސް ކުރެވޭނެތޯ) އަދި ނަމާދުގެ ތެރޭގައި ދުޢާކުރެވޭނީ ކޮން ރުކުންތަކެއްގައިތޯ؟ ތަފްސީލު ބޭނުންވޭ އިނގޭތޯ.
ޖަވާބު: ނަމާދުގެ ތެރޭގައި އިތުރު ދުޢާ ކުރެވޭނީ ސަޖިދައިގައްޔާއި އައްތަހިއްޔާތު ނިމިގެން ސަލާމްދިނުމުގެ ކުރިންނެވެ.
ލިޔުމުގައިވާ މަޢުލޫމާތާ ސުވާލުގެ ޖަވާބު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް