މިސްކިތަށް ދެވުނުލެއް ލަސްވެ ނަމާދުގެ ޖަމާޢަތާއި ގުޅެވުނުލެއް ލަސްވުމުން، ނުވަތަ އިމާމާ ނަމާދު ކުރިއަށް ގެންދާ ސްޕީޑް އަވަސްކަމުން ބައެއް ފަހަރު މައުމޫންނަށް އަލްޙަމްދު ނުކިޔެނީސް އިމާމާ އެބަ ރުކޫޢަށްދެއެވެ. މިޙާލަތުގައި ޢަމަލުކުރާނެ ގޮތަކާއިމެދު ގިނަބައަކު ސުވާލުކުރެއެވެ.
ޢަމަލުކުރަން އޮތް ގޮތް:
ފަހުން އިޤްތިދާވެވުމުގެ ސަބަބުން ނަމަވެސް އަދި އިމާމް މީހާ ކިޔެވުން އަވަސްވެގެން ނަމަވެސް މައުމޫމަކަށް އަލްޙަމްދު ނުކިޔެވެނީސް އިމާމް ރުކޫޢަށް ހިނގައްޖެ ނަމަ އިމާމާއެކު ރުކޫޢޫކުރާނީއެވެ. ރަކްޢަތް ލިބޭނެއެވެ. އިން ޝާ ﷲ
އިމާމް މީހާ ރުކޫޢުން ތެދުވަން ތަކްބީރުކިޔަނިކޮށް އިޢްތދާ ވެވިއްޖެ ނަމަ ރަކްޢަތް ލިބޭނެތޯވެސް ބައެއް މީހުން ސުވާލުކުރެއެވެ. މިފަދަ ސުވާލުތައް ކުރަނީ އެއްވެސް ޙާލެއްގައި އެރަކްޢަތް ކުރަން ބުރަވެގެންކަމަށް ނުވިސްނާށެވެ. ނަމާދުގައި ކުރާ ރަކްއަތުގެ ޢަދަދު ހަމަކުރަންޖެހޭނެތީ އެކަން ޔަޤީންކުރުމަށެވެ.
ނަމާދުގައި ރަކްޢަތް ލިބޭނީ އިމާމް މީހާ ރުކޫޢުން ތެދުވުމުގެކުރިން ރުކޫޢަށް ދެވިއްޖެނަމަ އެވެ. ރުކޫޢުން ތެދުވާފަހުން އިޢްތިދާ ވެވިއްޖެނަމަ ރަކްޢަތް ނުލިބޭނެ އެވެ. އިމާމް މީހާ ތެދުވަން ތަކްބީރު ކިޔަން ފަށައިފިނަމަ އިމާމް މީހާ އެވަނީ ރުޚޫޢު ނިންމައިފައެވެ. އެހެންވީމާ އޮތީ އެރަކްޢަތް ކުރުމެވެ.
- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް