ނަގާލަން ހެޔޮނުވާނެ ރަނުގެ ފުރުޞަތެއް!: ﷲ ގެ މަގުގަ ޖިހާދުކޮށް ޝަހީދުވާ މީހުންނަށްވުރެ މަތީ ދަރަޖައިގަ ޝަހީދުންނަށްވުރެ ކުރިން ފަސޭހަކަމާއެކު ސުވަރުގެ ވަދެވެން އޮތް ފުރުޞަތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ނަގާލަން ހެޔޮނުވާނެ ރަނުގެ ފުރުޞަތެއް!: ﷲ ގެ މަގުގަ ޖިހާދުކޮށް ޝަހީދުވާ މީހުންނަށްވުރެ މަތީ ދަރަޖައިގަ ޝަހީދުންނަށްވުރެ ކުރިން ފަސޭހަކަމާއެކު ސުވަރުގެ ވަދެވެން އޮތް ފުރުޞަތު-

ދީނާއިމެދު މޮޅު ވާހަކަތައް ދައްކާ މީހުން ގިނަވެއްޖެއެވެ. ނަމަވެސް ކަމެއްކޮށްލަން ޖެހުމުން ގިނަ ބައަކަށް އޮންނަނީ އެކަން ނުކުރެވިފައެވެ. ސުންނަތް ރޯދަހިފަން އޮންނަ ދުވަސްތަކުގައި މަޣްރިބް ނަމާދުގެ ޖަމާޢަތަށް ގޮސްތިބޭ މީހުންގެ ކިބައިން މިބުނި މަންޒަރު ވަރަށް ރީތިކޮށް ފެންނާނެއެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ﷲ ތަޢާލާގެ ވަޙީބަސްފުޅުން އެނގެން އޮތްގޮތުގައި ރޯދަ ހިފުމުގައި ކުރި ހޯދުމަކީ މާތްﷲގެ މަގުގައި ޖިހާދުކޮށް ޝަހީދުވެގެންދާ މީހުންނަށްވުރެ ކުރިން ސުވަރުގެ ވައްދަވާ ކަމެކެވެ. އެކަން ތޮލްޙަތުގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅަކާއި ގުޅިގެން ކައު އިތުރު ރަސޫލާ މުޙައްމަދު () އަށް ދެންނެވި ސުވާލެއްގެ ޖަވާބުގައި ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. 

މީގެ އިތުރުން ފުރިހަމަ ގޮތުގައި ރޯދަ ހިފުމަކީ ކީރިތި ޤްރްއާން ހިތުދަސް ހާފިޛުންނަށްވުރެ ކުރި ހޯދޭ ކަމެކެވެ. ފުރިހަމަ ގޮތުގައި ރޯދަހިފާ މީހާ އާއި ޝަހީދުންނާއި ހުރި ތަފާތަކީ އުޑާއި ބިމާއި ހުރި ތަފާތެވެ.  މިކަންވެސް އެނގިގެންދަނީ ހަމަކުރިން ބަޔާންކުރި ޙަދީޘްބަސްފުޅުންނެވެ. 

މީސްތަކުން ސުވަރުގެ ވެއްދެވުމާއިމެދު ވިސްނައިލާށެވެ! ސުވަރުގެއަށް ވައްދަވާ ފުރަތަމަ މީހުން ސާދަވިލޭރޭގެ ހަނދުގެ ގޮތުގައި ސިފަކޮށްދެއްވަވާފައިވާއިރު 2 ވަނަ ބުރު ސިފަކޮށް ދެއްވަވާފައިވަނީ ތަރިތަކުގެ ގޮތުގައެވެ. ހުރިތަފާތު ނިކަން ދެކެބަލާށެވެ! 

މިކަންކަމުން އެނގިގެންދަނީ ގިނަގިނައިން ރޯދަހިފުމުގެ ހުރި މަތިވެރިކަމެވެ. ވީމާ ރަމަޟާން މަސް އައުމުން ހަމައެކަނި ފަރުޟު ރޯދަހިފާމީހަކަށްނުވާށެވެ! ވީހައި ގިނައިން ރޯދަހިފާ މީހަކަށްވާށެވެ! ސުންނަތް ރޯދަ ހިފުން ގިނަކުރާށެވެ! 

ސުންނަތް ރޯދަ ހިފަން ބޭނުންވާ މީހާއަށް މަހަކު 11 ވަރަކަށް ރޯދަހިފުމުގެ ފުރުޞަތު  އޮތީ ވަރަށް ފަސޭހަކޮށެވެ. ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފާނަމަ ހަފްތާއަކު 2 ރޯދަ ހިފޭނެއެވެ. އެއީ މަހަކު 8 ރޯދައެވެ. މަހުގ 13،14،15 ގައި ރޯދަހިފާނަމަ މަހކު 3 ރޯދަ ހިފޭނެއެވެ. އެއީ މަހަކު 11 ރޯދައެވެ. 13،14،15 ގެ ރޯދައެއް ހޯމަ، ބުރާސްފަތި ދުވަހާއި ދިމާވެއްޖެ ނަމަ 2 ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ 

ނިންމާލަމުން ފާހަގަކޮށްލާނަމެވެ. ކުރިން ސުވަރުގެ ވަދެވުނީމާ ލިބެނީ ކޮން މޮޅެއްތޯ ސުވާލުކުރާ މީހުންނަށް ބުނަންއޮތީ ދުނިޔަވީ ނަޒަރަކުން ބަލާއިރު އައިފޯނުގެ އައު ސީރީޒެއް ނުކަންނައިރު އެންމެން ކިޔޫގައި ޖެހިގެން އަވަހަށް ހޯދަން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ފަހުންވެސް ލިބޭނީ ހަމަ ފޯނެއް ނޫންހެއްޔެވެ؟   

މި ބުނި ފަދައިން އައިފޯނެއް އަވަހަށް ހޯދަން ތިބާ ކިޔޫގައި ހުރުމަށްވުރެ އަވަހަށް ސުވަރުގެ ވަދެ މާތްﷲ (ދެއްކެވި މިންވަރެއް) ދެކިލަން ޝައުޤުވެރި ނުވާންވީ ކީްވެގެން ހެއްޔެވެ؟ އެންމެ ފުރަތަމަ މީހެއްގެ ގޮތުގައި ރަސޫލާ މުޙައްމަދު ()ގެ ހަށިކޮޅުގައި "ބައްދާލަން"، ކޮނޑާ ކޮނޑު ޖައްސައި ސަލާން ކޮށްލަން ބޭނުން ނުވަނީ ހެއްޔެވެ؟ ޞަޙާބީން އެންމެ ބޮޑަށް ޝައުޤުވެރިކަން ފައުޅުކުރެއްވެވީ އެކަމަށެވެ. 

އެމީހަކު ޙާޞިލުކުރަން ބޭނުންވާ ކަމެއް އެންމކުރިން ޙާޞިލުކުރަން ކޮންމެ މީހަކުވެސް ޝައުޤުވެރިވާނެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ. ވީއިރު ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ޝައުޤުވެރިވާނީ އެންމެ ފުރަތަމަ ސުވަރުގެ ވައްދަވާ މީހުންގެތެރޭގައި ހިމެނުމަށެވެ. ވީމާ މިރޭ މިކިޔައިދިނީ އެކަމަށް އެނގެން އޮތް އެންމެ ފަސޭހަ އަދި ޔަޤީން ފުރުޞަތުގެ ވާހަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން