ރޭގަނޑު ޢާއިލާއާއެކުގަ ވަޤުތު ހޭދަކުރުން ގިނަކުރާވަރަކަށް ދެމަފިރިންގެ ލޯބިގަދަވެ ދިރިއުޅުން އުފާވެރިވާ ކަމަށް ޤަބޫލުނުކުރާ މީހަކު ނުފެނޭ! ޢަމަލު ނުކުރަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 20ސ
ރޭގަނޑު ޢާއިލާއާއެކުގަ ވަޤުތު ހޭދަކުރުން ގިނަކުރާވަރަކަށް ދެމަފިރިންގެ ލޯބިގަދަވެ ދިރިއުޅުން އުފާވެރިވާ ކަމަށް ޤަބޫލުނުކުރާ މީހަކު ނުފެނޭ! ޢަމަލު ނުކުރަނީ ކީއްވެ؟

 

މިއަދި މިފެންނަނީ ތަފާތު ނަންނަމުގައި ޖަމާޢަތްތައް ހަދައިގެން އިސްލާމް ދީނުގައި ހުރިކަންކަން އެނޫން ގޮތްގޮތަށް ބަދަލުކުރަން ަމސައްކަތްކުރާ ތަނެވެ. އެއިގެ ތެރެއިން އެއްކަމަކީ ބޭކާރު ގޮތުގައި ރޭގަނޑުގެ ވަޤުތުތައް ގެއިން ބޭރުގައި ހޭދަކުރުމެވެ.

މިޘާލަކަށް ރޭގަނޑު އެކުވެރިންނާއިއެކު ކޮފީތަކަށް ދިއުމުގެ އިތުރުން ރޭގަނޑު އެކުވެރިންނާއިއެކު ބާޒާރުކުރަން ދިއުމަކީ ފެޝަނަކަށް ހަދައިފިއެވެ. މިއީ ވަރަށް ނުބައި އާދައެކެވެ. ރޭގަނޑު ބާޒާރަށްދާންވާނީ މަޖުބޫރުވެގެންނެވެ. ދުވާލު ދެވޭނެ އެއްވެސް ގޮތެއް ނުވާނަމައެވެ. ދުވާލު ވަޤުތު ނުލިބޭ ނަމައެވެ.

މިވާހަކަތައް މިހާގިނައިން ދައްކަންޖެހެނީ ކިޔުންތެރިންގެ ކަންބޮޑުވުންތައް ގިނަވާތީއެވެ. ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްކަމަކީ އުފާވެރި ޢާއިލީ ދިރިއުޅުމެކެވެ. ވީމާ ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން ފައިދާކުރާނެއެވެ. އިން ޝާ ﷲ

އިސްލާމް ދީނުގައި އޮތީ ޢިޝާނަމާދަށްފަހު މަޖުބޫރު ޙާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުގޮސް އަވަހަށް ނިދުމެވެ. ބޭކާރު ގޮތުގައި ގެއިން ބޭރުގައި ވަޤުތު ހޭދަނުކުރުމެވެ. ނަމަވެސް މިބުނި އިސްލާމް ދީނާއި ޢަދާވާތްތެރި ފިކުރުގެ މީހުން ބުނަނީ ރޭގަނޑު ނިދިއައިސްގެން ވެއްޓެންދެން ނުވަތަ އެތިބި ތަނެއް ބަންދުކުރަންދެން ކޮންމެވެސް އެއްޗެއް ކައިބޮއި ކުޅިވަރުކުޅެން ތިބުމުން ލިބޭނެ ފައިދާ މާބޮޑުވާނެ ކަމަށެވެ.

މައްސަލައަކީ އެހެންބުނާ ފަރާތްތަކުން ހަދާ ދިރާސާތަކުން ނުކުންނަ ނަތީޖާ މުޅިން ތަފާތުވަމުން އަންނަ ކަމެވެ. އެމީހުން ދައްކާ ވާހަކަތަކާއި ދޭވަސްވާސްތަކާއި މުޅިން ތަފާތުކަމެވެ.

މުސްލިމް 5 ޤައުމަކާއި ހުޅަނގުގެ 5 ޤައުމެއްގައި ކުރެވުނު ދިރާސާތަކުން އެނގުނީ ރޭގަނޑު 8 އަކާއި 9 އަކާއިދެމެދު ކައި އަދި ކެއުމަށްފަހު ގެއިން ބޭރަށް ގޮސް ވަގުތު ބޭކާރުނުކުރާ ޢާއިލާތަކުގެ ގުޅުން މާބަދަހިކަމާއި ކައިވެނި ރޫޅި ދެމަފިރިން ވަރިވާންޖެހޭ ނިޞްބަތްވެސް މަދުކަމާއި ދެމަފިރިން އެކަކުއަނެކަކަށް އޮންނަ ލޯބިވެސް މާބޮޑު ކަމެވެ.

މީގެ އިތުރުން 4 ވަނަ ކަމެއްވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފާހަގަކޮށްފައިވަނީ ގޭތެރޭގެ ކަންކަން މާފުރިހަމައަށް ތަރުތީބުކުރެވިފައި ހުންނަކަމެވެ.

ކޮންމެއަކަސް އެމީހުންނަށް ނުތިބެވިގެން މުސްލިމް ޤައުމުތަކަށްވެސް ގޮސްގެން ދިރާސާތައް ހަމަ ހަދަނީ ހަދާވަރަކަށް ސާބިތު ރަސޫލް (ﷺ) ގެ ޙަދީޘްފުޅުތަކުގެ ތެދުކަމެވެ.

އިސްލާމް ދީނުގައި އެންމެ ބޮޑަށް ބާރުއަޅާފައިވަނީ ކުށެއް ކުރެވިދާނެ އެންމެހައި ކަންކަމުން ދުރުހެލިވުމަށެވެ. ފާފަތަކާއި ކައިރި ނުވުމަށެވެ. ފާފައެއް ކުރެވިދާނެ ކަމުގެ ބިރު އޮންނަ މާހައުލެއްގައިވެސް ނުހުރުމަށެވެ. ވީމާ ޢިޝާނަމާދަށްފަހު އަވަހަށް ނިދުމަށް ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިއެވަނީ ރޭއަޅުކަންކުރަން ހޭލުމުގެ އިތުރުން އެފަދަ އިޖުތިމާޢީ ހުރިހާ މައްސަލަތަކުން މީސްތަކުން ސަލާމަތްކޮށްދެއްވެވުމަށްޓަކައެވެ.

 

ޢާއިލީ ގުޅުންތައް ބަދަހިވެފައި އޮތުމަށް މަގުފަހިކޮށްދެއްވެވުމުގެ ގޮތުންނެވެ. ހަމައެއާއިއެކު އިސްލާމް ދީނަށް އަމަލުކުރުމަށް މަގުފަހިކޮށް ދެއްވެވުމަށެވެ. ދަމުނަމާދަށާއި ފަތިސް ނަމާދަށް ހޭލުމަށް މަގުފަހިކޮށްދެއްވެވުމަށެވެ. އައު ދުވަހުގެ މަސައްކަތް ތާޒާކަމާއިއެކު ފެށުމަށް މަގުފަހިކޮށްދެއްވެވުމަށެވެ.

ޢިޝާ ނަމާދުކޮށް، ރޭގަނޑު ކެއުމަށްފަހު އަވަހަށް ނިދާނަމަ އިޖުތިމާޢީ ގުޅުން ބަދަހިވެ ދިރިއުޅުން އުފާވެރިވާކަން އެއީ އެނެގެން އޮތް ކަމެކެވެ. ޢާންމު ދިރިއުޅުމަށް ބަލައިފިނަމަ ރޭގަނޑު ކައިގެން ނުނިދައި ގެއިން ބޭރުގައި ނުއުޅޭނަމަ ދެމަފިރިންގެ މެދުގައި މައްސަލަތައް މަދުވާނެއެވެ. މައްސަލަ ޖެހެނީ، ކައިވެނިތައް ރޫޅެނީ ތަންތަނަށް ގޮސް ވަގުތު ބޭކާރުކުރާތީއެވެ. އެގޮތަށް ގޮސް ތިބޭ ތިބުމުގައި ގުޅުން އުފައްދަން ނުޖެހޭ މީހުންނާއިއެކު އުފައްދާ ގުޅުންތަކުގެ ސަބަބުންނެވެ. ވީމާ އެގޮތަށް ނުތިބޭނަމަ އެފަދަ ކަންކަން ހިނގުން މަދުވާނެއެވެ.

އިސްލާމް ދީނުގައި އަޅުކަމެވެ ބުނެވޭ ބަހުގެ މާނައަކީ ހަމައެކަނި ފަރުޟު ކުރެއްވެވި ކަންކަން ކުރުމެއް ނޫނެވެ. ދެމަފިރިން އުފަލުގައި ލޯބިން ދިރިއުޅުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީވެސް އަޅުކަމެކެވެ. ދެމަފިރިން ގުޅިގެން އުފަލުގައި ދިރިއުޅުމަކީވެސް ހަމަ އަޅުކަމެކެވެ. ހަމަ ސަވާބު ދެއްވަވާނެ އަޅުކަމެކެވެ. ކައިވެނި ކުރުމަށްފަހު ދެމަފިރިން އެކުވެރިކަމާއިއެކު ލޯބިން ދިރިއުޅުމަށް ރަސޫލް (ﷺ) ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވަވައިފައެވެ. ވީމާ އެމަތިވެރި ސުންނަތް އަދާކުރުމަކީ އާޚިރަތުގައިވެސް އެކަމުން ފައިދާކުރާނެ ކަމެކެވެ.

ވީމާ އަހަރެމެންގެ ކައިވެނި އުފާވެރިކަމާއިއެކު ދެމެހެއްޓުމަށްޓަކައިވެސް އަވަހަށް ނިދާބައަކަށްވާނެ އެބަޖެހެއެވެ. ޔަޤީންކުރާށެވެ! އިސްލާމް ދީނުގައި އެއްވެސް ކަމެއް ކުރުމަށް ބަޔާން ވެގެންވާނަމަ އެކަމެއް ބަޔާންވެގެންވާނީ އިންސާނުންނަށް އެކަމަކުން ފައިދާ ކުރާނެތީއެވެ. ދުނިޔެއާއި ޢާޚިރަތުގައިވެސް ފައިދާ ނުކުރާނެ އެއްވެސް ކަމެއް އިސްލާމް ދިނުގައި ބަޔާންވެގެނެއް ނުވެއެވެ.

 

ނިދުމަކީ އިންސާނާއަށް ކޮންމެހެން ބޭނުނަވާ ކަމެކެވެ. ފުރިހަމައަށް ނިދި ނުލިބޭނަމަ ޞިއްޙީ މައްސަލަތައް ކުރިމަތިވެއެވެ. ބޮލުގައި ރިހުމާއި ކަންނެތްވުމާއި މިނޫންވެސް ގިނަ މައްސަލަތަކެއް ކުރިމަތިވެއެވެ. އެހެންކަމުން ރަސޫލް (ﷺ) ވަނީ ނިދުމުގައި އަމަލުކުރަން ޖެހޭ ގޮތް ވެސް ބަޔާންކޮށް ދެއްވަވައިފައެވެ. އެހެންކަމުން ރަސޫލް (ﷺ)ގެ ސުންނަތުން ފެންނަން ހުރި ބައެއް ކަންކަން މިތަނުގައި ހާމަކޮށްލާނަމެވެ.

ފުރަތަމަ ކަމަކީ ޢިޝާ ނަމާދަށްފަހު ވީ އެންމެ އަވަހަކަށް ނިދުމެވެ. މިސުންނަތަށް މިއަދުގެ ސައިންސްވެރިންނާއި ޑޮކްޓަރުންވެސް ތާއީދުކުރެއެވެ. އެމީހުންވެސް އެކަން ޤަބޫލުކުރެއެވެ. "އަވަހަށް ނިދާފައި ހޭލުމަކީ ޞިއްހަތަށް ފައިދާކުރާ، ތަނަވަސްކަން އިތުރުވާ، އަދި ސިކުނޑި ތަނަވަސްވާ" ކަމެއް ކަމަށް ބުނެވެނީ މި ސުންނަތަށް އަމަލުކުރުމުން ލިބޭ ފައިދާތައް ގިނަކަމުންނެވެ. މި ޢިބާރާތް އެންމެ ފުރިހަމަވާނީ "އަވަހަށް ނިދާފައި ހޭލުމަކީ ޞިއްހަތަށް ފައިދާކުރާ، ތަނަވަސްކަން އިތުރުވާ، އަދި ސިކުނޑި ތަނަވަސްވާ، އިޖުތިމާޢީ ގުޅުން ބަދަހިވެ ދިރިއުޅުން އުފާވެރިވާ، އަދި ތަޤްވާވެރިކަން އިތުރުވާ" ވެސް އިބާރާތުގައި އޮތުމުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން