ދަރިންނަށްވީނަމަވެސް ދެމަފިރިންގެ ޒާތީ ކަންކަމާބެހި ދެމަފިރިން ދައްކާ ވާހަކަ ސިއްރުން އަޑުއެހުން ހުއްދައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ދަރިންނަށްވީނަމަވެސް ދެމަފިރިންގެ ޒާތީ ކަންކަމާބެހި ދެމަފިރިން ދައްކާ ވާހަކަ ސިއްރުން އަޑުއެހުން ހުއްދައެއް ނޫން!

ދަރިން ކައިވެނިކޮށް ދިރިއުޅެން ފެށުމުން ދަރިންގެ ކަންކަމަށް ފާރަލުމަކީ މައިންބަފައިންނަށް ހުއްދަދަ ކަމެއްތޯ؟

ޖަވާބަކީ ދަރިންނަށް ކަމަށްވީނަމަވެސް ފާރަލުން ހުއްދަވާނީ ހެޔޮ ގޮތުގައެވެ.

 

ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ދަރިންގެ ކަންކަމަށް ފާރަލުމުގައި 2 ޙާލަތެއް އޮވެއެވެ. ފުރަތަމަ ޙާލަތަކީ ފާރަނުލުމުން ފާރަވެރިވާނެ ޙާލަތެވެ. ދެވަނަ ޙާލަތަކީ ފާރަލުމުން ފާފަވެރިވާނެ ޙާލަތެވެ. ވީމާ މި ދެ ޙާލަތަށް މައިންބަފައިން ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހޭނެއެވެ.

އަބަދުވެސް އަހަރެމެން ދައްކައި މިއުޅެނީ ފާރަލުމުގެ ހުރި ނުބައިކަމުގެ ވާހަކައެވެ. އެއިރުން، ފާރަލުމުން ފާފަވެރިވާ ކަމުގެ ވާހަކައެވެ. އެހެންކަމުން މިރޭ ދެއްކޭތޯ މިބަލަނީ ފާރަވެރިނުވުމުން، ނުވަތަ ފާރަނުލުމުން ތިމާ ފާފަވެރިވާނެ އެއް ޙާލަތުގެ ވާހަކައެވެ.

ދަރިންގެ ކަންކަމުގައި ވަރަށް ބޮޑަށް ފާރަލާން ޖެހޭ ޙާލަތެއްވެއެވެ. އެއީ ދަރިއަކު ނުރަނގަޅު މަގަކުން ކުރިއަށްދާކަމަށް ޝައްކުކުރެވުމެވެ. އެފަދަ ކަމަކަށް ޝައްކު ކުރެވޭނަމަ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެކަމެއް ހިނގާކަން ކަށަވަރުކުރުމެވެ.

އެކަމެއް ދަރިފުޅު ކުރާކަން ޔަޤީން ނުކޮށް ފިޔަވަޅު އެޅޭގޮތް ބައެއް ފަހަރު މެދުވެރިވެއެވެ. އެފަދަ ޙާލަތްތަކުގައި މައިން ބަފައިން އިތުބާރު ނުކުރީތީ ދުނިޔޭގައި ހުންނަން ބޭނުން ނުވެގެން ދަރިން އަމިއްލައަށް މަރުވެފައިވެސް އެބަހުއްޓެވެ. ވީމާ ދަރިއަކާއިމެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން ވަރަށް ބޮޑަށް ބަލައި ޔަޤީންކުރަން ޖެހޭނެއެވެ.

މިގޮތަށްވެސް ވިސްނާށެވެ! މީހަކު ތިބާއަށް ދެރައެއް ދީފިނަމަ އެކަން އެނބުރި ތިބާއަށް ލިބޭނީ ފައިދާއެއްގެ ގޮތުގައެވެ. އަނިޔާ ނުވަތަ ގެއްލުން ދިން މީހާގެ ކިބައިން އެކަމަށް ހައްޤު ބަދަލު އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާ ތިބާއަށް ހޯއްދަވައިދެއްވަވާނެތެވެ.

ނަމަވެސް ތިބާގެ ބެލެނިވެރިކަމުގައި ހުރި ތިބާއަށް ބަލަހައްޓަން ޖެހޭ ދަރިއަކު ނުބަލަހައްޓައިގެން މަގުން ކައްސައިލި ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ތިބާއަށެވެ. ވީމާ މިއީ މުޅިން ތަފާތު ދެ ޙާލަތެކެވެ.

ކުރުކޮށްލާފައި ބުނާނަމަ މީހަކު ދެރައެއް ދީފާނެ ކަމަށް ވިސްނައި ފާރަލުމެއް ނެތެވެ. އޮތީ ރައްކައުތެރިވުމެވެ. ނަމަވެސް އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ދަރިންގެ ކަންކަމަށް ފާރަވެރިވާންޖެހެއެވެ.

ދަރިންގެ ކަންކަމުގައި ފާރަލައިގެން ނުވާނެ ކަންކަންވެސް އެބަހުއްޓެވެ. މިޘާލަކަށް ދަރިން ބޮޑެތިވެ ކައިވެނިކޮށް ތިބާގެ ކިބައިން ބެލެނިވެރިކަން ނެތިގެން ދިއުމުން ދެމަފިރިންގެ ދިރިއުޅުމުގެ ޒާތީ ކަންކަމަށް ފާރަލައިގެން ނުވާނެއެވެ.

ބައެއް ޢާއިލާތަކުގައި ދަރިން ބޮޑެތިވެ ކައިވެނިކޮށް އަމިއްލަ ދިރިއުޅުމަކަށް ފެށުމުން ވެސް އެބަފާރަލައެވެ. އެދެމަފިރުން ދައްކާވާހަކަ ސިއްރުން އެބަ އަޑުއަހައެވެ. މިއީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެންކަމުން އެއީ ދަރިންނަށްވީތީ އެފަދަ ކަމެއް އެއްވެސް ބެލެނިވެރިއަކު ކޮށްގެން ނުވާނެއެވެ. ކޮށްފިނަނަ އެކަން ވާނީ އިމުން ބޭރުވުން ކަމަށެވެ! އެކަމުގެ ސަބަބުން އެކަންކުރި މީހަކު ފާފަވެރިވެސްވާނެއެވެ!

ނަމަވެސް މިކަމުގައިވެސް އިތުރު ޙާލަތެއްވެސް އެބައޮތެވެ. ދަރިފުޅު އޭނާގެ އަނބިމީހާއަށް އަނިޔާވެރިވަނީއެވެ. އެޙާލަތުގައި ދަރިފުޅަށް ނަޞޭޙަތްދޭންޖެހޭނެއެވެ. ވީމާ ދަރިފުޅުގެ ޢަމަލުތައް އިޞްލާޙުކުރުވުމަށްޓަކައި ޙަޤީޤަތް ދެނެގަންނަން ކުރަންޖެހޭ ކަންކަން ކުރަންވާނެއެވެ. އެއީ މުޅިން ތަފާތު ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން