މިވިސްނުމުން ވިސްނައިފިނަމަ ބައިވެރިޔާގެ ކިބައިން ތިމާގެ ހިތް ނޭދޭކަމެއް ކުރިމަތިވާއިރަށް ވަރިއާއި ހަމައަށް ނުގޮސް އެކަން ރަނގަޅުކުރުމަށް ސަމާލުކަން ދެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
މިވިސްނުމުން ވިސްނައިފިނަމަ ބައިވެރިޔާގެ ކިބައިން ތިމާގެ ހިތް ނޭދޭކަމެއް ކުރިމަތިވާއިރަށް ވަރިއާއި ހަމައަށް ނުގޮސް އެކަން ރަނގަޅުކުރުމަށް ސަމާލުކަން ދެވޭނެ! އިން ޝާ ﷲ

ވަރިއަކީ ކުރަން އެންމެ ފަސޭހަ އެއް ކަންތަކެވެ. ނަމަވެސް ވަރިކުރުމަކީ އެހައި ފަސޭހައިން ނުވަތަ ހިތަށްއަރާއިރަށް ކުރާ ކަމަކަށް ހަދަންވެއްޖެނަމަ އެމީހަކަށް ހަމަޖެހޭ ދިރިއުޅުމެއް ނުފެނުން އޮންނަނީ ވަރަށް ގާތް ކަމަކަށް ވެފައެވެ. ވީމާ މިމޭރުމުން ވިސްނައިލާށެވެ!

ބާޒާރަށް ބަލައިފިނަމަ މީޓަރެއް 200 ޑޮލަރަށްވެސް ގަންނަން ނުލިބޭ ފޮތި އެބަހުއްޓެވެ. އަދި ހަމަ އެފޮތި މީހުން ގަނެ ހުސްވެސް ކުރެއެވެ. 99 އިންސައްތަ މީހުން ފައްސާނީ ފަހާ މީހަކާ ޙަވާލުކޮށްގެންނެވެ. މިބުނަނީ ފަހަނީ އަމިއްލައަށް ނޫންކަމަށެވެ.

ވިސްނާލަން ޖެހޭ ކަމަކީ ކިތަންމެ ބޮޑު އަގުގައި ފޮތި ގަނެގެން ކިތަންމެ މޮޅަށް ފަހާ މީހަކު ލައްވައި ފެއްސުވި ނަމަވެސް އަޅުގަނޑުމެން ފައްސުވާ ކޮންމެ ހެދުމެއް ގައަށް ހެޔޮވަރު ނުވާކަމެވެ. އަދި ބައެއް ފަހަރު އަމިއްލައަށް ފަހާ ހެދުންވެސްމެއެވެ. ފަތިޖަހާލަން ޖެހެއެވެ. އަދި ތަންކޮޅެއް މޮހެލާފައި ދޫކޮށްލަންވެސް ޖެހިދާނެއެވެ. އަމިއްލައަށް ފެހިޔަސް ބައެއް ފަހަރު ކުރުވެސްވެއެވެ. ދިގުވެގެން ފަސްބައިމަޅާލަންވެސް ޖެހެއެވެ.

ނަމަވެސް މިފަދަ އެއްވެސް ޙާލަތެއްގައި ފެއްސި ހެދުން އެއްލައެއް ނުލަމުއެވެ. ފަތިޖަހައި ހެޔޮވަރުކޮށްލަނީއެވެ. ކޮންމެ ގޮތަކުންވެސް މަސައްކަތްކުރަނީ ލާންކަމުދާ ފެންވަރަކަށް ކަންކަން ރަނގަޅުކޮށްލައި ހެދުމުގެ ބޭނުންހިފުމަށެވެ.

ބުނަންހެއްޔެވެ؟ ފެހި ހެދުން ގައަށް އެންމެ ހެޔޮވަރު ނުވި ނަމަވެސް ފޭރާން ރީތިނަމަ ހެދުން ރީތިވާނެއެވެ. ލައިގެން ހުންނައިރު ހަމަ ތިބާއަށްވެސް އެހެދުމުގެ ރީތިކަން އިޙްޞާޞްކުރެވޭނެއެވެ. އެހެން މީހުންގެ ތަޢްރީފްވެސް ލިބޭނެއެވެ.

ކައިވެނީގައިވެސް އޮތީ ހަމަ މިގޮތެވެ. އަނބިމީހާއަކީ ނުވަތަ ފިރިމީހާއަކީ ތިބާއަށް އެންމެ ބޭނުންވާ ހުރިހާ ސިފަތައް ނެތް މީހަކަށްވެސް ވެދާނެއެވެ. ބައިވެރިޔާގެ ކިބައިން އެފަދަ ކަމެއް ފެނިއްޖެނަމަ އެކަމެއް އިޞްލާޙްކޮށްލަން މަސައްކަތްކުރާށެވެ. މާތްﷲ ވާގިފުޅާއިއެކު ކަންކަން ދާނީ ރަނގަޅުވަމުންނެވެ. އެކަމުގެ ހިތްހަމަޖެހުން ދާނީ ލިބެމުންނެވެ.

ބައިވެރިޔާގެ ކިބައިން ނުރަނގަޅު ސިފައެއް ފެނިއްޖެނަމަ ވަރިކޮށްލުމުގެ ބަދަލުގައި ނުވަތަ ވަރިވުމުގެ ބަދަލުގައި އޭނާގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކަށް ބަލަން އޮންނަނީވެސް ހަމައެހެންވެގެންނެވެ.

ބަލަންޖެހެނީ ކީރިތި ޤްރްއާނުގައ "ދެމަފިރިންނަކީ ވެސް އެކަކު އަނެކަކަށް ހުރި ލިބާހެއް" ކަމަށް މާތްﷲ ބަޔާންކުރައްވަވާފައިއޮތް ބަސްފުޅަށެވެ. އެއީ އެކެއް އަނެކެއްގެ ޢައިބުތައް ފޮރުވައި އެކުގައި ދިރިއުޅެން މަސައްކަތްކުރުމުގެ ވާހަކަކަމަށްވާތީއެވެ. ހިތްހަމަ ނުޖެހޭއިރަށް އެކަންކަން އިޢުލާނުކޮށް ވަރިކޮށްގެން ނުވާނީ އެސަބަބަށްޓަކައެވެ.

އެފަދައިން ވަޙީކުރައްވަވާފައި އެވަނީ ކަމުގެ މުހިންމުކަން ބޮޑޫކަމުންނެވެ. އެކަކު އަނެކެއްގެ އުނިސިފަތައް ފޮރުވައިދީ އިޞްލާޙްކުރަން މަސައްކަތްކުރަން ޖެހޭނެތީއެވެ. އެކަމުގައި ދެމީހުންވެސް އެކަކު އަނެކަކަށް އެއްބާރުލުންދީ އެހީތެރިވެދޭން ޖެހޭނެއެވެ.

"އެކަނބަލުންނީ (އަނބިންނަކީ) ތިއަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިއަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ." (ސޫރަތުލްބަޤަރާ- 18)

ހަމަ އެއާއެކު މިއާޔަތުގެ މާނައިގައި އެވަނީ ދެމަފިރިންނަކީ އެކަކު އަނެކެއްގެ ޢައިބުތައްވެސް ފޮރުވައިދީ އިޞްލާޙްކުރަން މަސައްކަތްކުރުމަށެވެ. އެކަމަށް ވިސްނަންވާނެއެވެ.

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން