ބައްޕައިން ވަޒީފާ އަދާކުރަމުންވެސް އެކުވެރިންނާއިއެކު ވަޤުތު ހޭދަކުރުމަށާއި އަދި ކުރަން ބޭނުންވާ އެހެން ކަންކަން ކުރާނެ ވަޤުތުވީނަމަވެސް ދަރިން ގޮވައިގެން މިސްކިތަށް ގޮސްލާނެ ވަޤުތު ނުވާކަމާއި ގެންދަނީ ހަމައެކަނި ހުކުރަށް ކަމުގެ ޝަކުވާއަކީ ހެޔޮލަފާ އަނބިންގެ ކިބައިން ވަރަށް ގިނައިން ކުރިމަތިވާ އެއް ޝަކުވާއެވެ.
ދަރިންގޮވައިގެން މިސްކިތަށް ދިއުމަކީ ބައްޕަގެ މައްޗަށް އޮތް އެންމެ ބޮޑު އެއްވާޖިބެވެ. ބައްޕަ އަދާކުރަންޖެހޭ ވާޖިބެއް އަދާނުކޮށްގެން މަންމަ ފާފަވެރިއެއް ނުވާނެއެވެ. އެހެނަސް އެ ޙާލަތުގައި މަންމަ ކޮށްދޭންވީ ކަމަކީ ވަޤުތުޖެހުމުން ދަރިފުޅު ލައްވައި ގޭގައި ނަމާދުކުރުވުމެވެ.
އެގޮތަށް ކަންތައްކުރާ ގިނަ ބައްޕައިންނަކީ އެމީހުން ކުރަންޖެހޭ ނަމާދުވެސް ކުރާ ބައެއް ނޫނެވެ. ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ހަމައެކަނި ހުކުރުނަމާދުކުރުމަކުން އެއީ ނަމާދުކުރާ މީހަކަށްވެސް ނުވާނެއެވެ. އޭނާގެ މައްޗަށް އޮތީ ނަމާދުނުކުރާ މީހެއްގެ ޙުކުމެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
"ރަހްމަތް ތެރިން ގޮވައިގެން ކޮފީއަށް ދެވޭއިރު، ދަރިފުޅު ގޮވައިގެން ނަމާދުގެ ޖަމާއަތަށް ދެވެނީ ކިތައްފަހަރުތަ؟" ޝައިޚް ޒަމްޒަމް ފާރިޝް މީގެ 4 ވަރަކަށް އަހަރުކުރިން ކުރައްވާފައިވާ މިސުވާލަކީ ކޮންމެ ޢިބާރާތަކުން ނަމަވެސް ކޮންމެ ބައްޕައކާއިވެސް ޤިޔާމަތް ދުވަހު ކުރިމަތިކުރައްވަވައިފާނެ ސުވާލެއްކަމާއި ޖަވާބުދޭން ޖެހިދާނެ ސުވާލެއްކަމަށް ވިސްނައިލަނީ ކިތައް ބައްޕައިން ހެއްޔެވެ؟
މިސުވާލަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ މިހާރުގެ ޙާލަތާއި ވަރަށް ގުޅުންހުރި ސުވާލެކެވެ. އެހެނީ ވަޒީފާ އަދާކުރާ ބައްޕައިން ރަސްމީ ވަގުތުތަކުގައިވެސް ކޮފީމޭޒުތަކުން ފެނެއެވެ. މެންދުރު ނަމާދު ވަގުތުވެސް ފެނެއެވެ. ޢަޞްރު ނަމާދު ވަގުތުވެސް ފެނެއެވެ. އެހެން ނަމާދުވަގުތުތަކުގައިވެސް ފެނެއެވެ.
ކޮފީ މޭޒުދޮށުގައި މަދުވެގެން ގަޑިއެއްހާއިރު ހާދަކުރާއިރު ސައިކަލުގައި ގެއަށް ގޮސް ދަރިފުޅު ގޮވައިގެން ޖަމާއަތަށް ގޮސް 10 މިނިޓް ހޭދަކޮށްލާނެ ވަގުތު އޮންނަ ކަމަކަށް ނުވެއެވެ. ނަމާދަކަށް ވުޟޫ ކުރުމާއިއެކު ބެލި ނަމަވެސް ނަގާނީ 15 މިނިޓެއްހައި އިރެވެ.
ބައްޕައިންގެ ސަމާލުކަން ނުލިބޭތީ ތަޤްވާވެރި މައިންނަށް ޖެހެނީ ދަރިން އެކަނި މިސްކިތަށް ފޮނުވާށެވެ. އެކަމުގެ ނަތީޖާވެސް ދަނީ ފެންނަމުންނެވެ. ޖަމާއަތުގެ ވަގުތުގައި މިސްކިތުގައި ކުދިންތައް އުޅޭ ގޮތް ވެސް ދަނީ ފެންނަމުންނެވެ.
މިކަން މިގޮތަށް ފާހަގަކުރެވުނު ނަމަވެސް ބައެއް ކުދިންނަށް އެކަނި މިސްކިތަށް ދާންޖެހުނު ނަމަވެސް ވަރަށް ރަނގަޅަށް ކަންކަން ކުރާތަންވެސް ފެނެއެވެ. ނަމާދު ނިމިގެން ސުންނަތް ކުރާތަނާއި ޚަތިމް ނަގައިގެން ޤްރްއާން ކިޔަވާލަން އިންނަ ތަންވެސް ފެނެއެވެ. ބައެއް ކުދިން ހިނިތުންވެ ތިބެ މުސްކުޅިންނާއި ސަލާމްކޮށްލައި އުޅޭތަންވެސް ފެނެއެވެ. ޢަޞްރު ނަމާދަށްފަހު ހެނދުނާއި ހަވީރުގެ ޛިކްރު ފޮތް ހިފައިގެން ކިޔަން ތިބޭތަންވެސް ފެނެއެވެ. ބައެއް ކުދިންގެ އިންތިޒާރުގައި މަންމަ މިސްކިތު ފާރު ކައިރީގައި ހުރެ އިންތިޒާރުކުރާތަންވެސް ފެނެއެވެ. އެކުދިންނަށް ބައްޕައިންގެ އެހީތެރިކަން ލިބޭނެނަމަ އެކުދިންނަކީ ހާދަ ރަނގަޅު ކުދިން ކަމުގައި ވެގެންދާނެއެވެ.
ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ޖެހުމުންނާއި ވަޒީފާގެ ޙާލަތުގެ ސަބަބުން ދަރިން ގޮވައިގެން މިސްކިތަށް ނުދެވޭ ބައްޕައިންވެސް ތިބޭނެއެވެ. އެމީހުންގެ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ނަމަވެސް ޒިންމާ އަދާނުކޮށް ކޮފީ މޭޒުތައް ކައިރީގައާއި އެހެންވެސް ތަންތަނުގައި ވަގުތު ބޭކާރުކުރާ ބައްޕައިންނަށް އެކުރެވެނީ ހާދަ ބޮޑު ފާފައެކެވެ!
ކޮފީ ބުއިމަކީ ހުއްދަ ކަމެއް ނަމަވެސް ޖަމާއަތަށް ނަމާދަށް ނުގޮސް އަދި ތިމާގެ ބެލެނިވެރިކަމުގެދަށުގައި ތިބޭ ކުދިން ނަމާދަށް ނުގެންގޮސް ކޮފީ ބޯން ތިބުމަކީ ހަމަ ޔަޤީނުންވެސް އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ.
މިކަމާއި ގުޅިގެން ޢިލްމުވެރިން ވިދާޅުވަނީ ތިމާގެ އަނބި ދަރިން ނަރަކައިން ސަލާމަތް ކުރުމަށް ﷲ ތަޢާލާ ގަދަ އަމުރުފުޅުން އަމުރުފުޅު ކުރައްވަވާފައިވާ ކަމަށެވެ. އަދި ނަރަކައިން ސަލާމަތް ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ނަމާދުކުރުވައި ނަމާދުކުރަން އަހުލުވެރި ކުރުވުނަ ކަމަށެވެ. އެކަން ނުކުރިނަމަ ﷲ ތައާލާގެ އަމުރުފުޅަށް ކިޔަމަން ނުވުމުގެ ޒިންމާ ކޮންމެ މީހަކުވެސް އުފުލަން ޖެހޭނެ ކަމަށެވެ.
--މިއަދުނޫސް