އަންނަ ހޯމަ ދުވަހުން ފެށިގެން ސައުދީ ކަދުރު ބަހަންފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އަންނަ ހޯމަ ދުވަހުން ފެށިގެން ސައުދީ ކަދުރު ބަހަންފަށަނީ

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު އަންނަ ހޯމަ ދުވަހުން ފެށިގެން ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ފެބުރުއަރީ 6 ގެ ނިޔަލަށެވެ. ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި އަންނަ ތަރުތީބުން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރެވެ. ކަދުރު ލިބިފައިވާ ނިސްބަތުން ކޮންމެ 100 ގެއަކަށް ޖެހެނީ 25 ޕެކެޓެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ގެތަކަށް ކަދުރު ބަހާނީ، އެ ގެއެއްގެ ކަރަންޓު މީޓަރުގެ ނަމްބަރާއި ކަދުރާ ހަވާލުވާ މީހެއްގެ އައިޑީ ކާޑަށް ބެލުމަށް ފަހުގައެވެ. މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އިސްލާމީ މަރުކަޒުގައެވެ.

އެހެން އަހަރުތަކާ ޚިލާފަށް، މި އަހަރު ޖަމިއްޔާ އަދި ޖަމާއަތްތަކުގެ ތެރެއިން ހިންގާ ރޯދަވިއްލުމުގެ ޕްރޮގްރާމްތަކަށް ވެސް ކަދުރު ދޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަށް ސައުދީއިން ރާއްޖެއަށް ކަދުރު ހަދިޔާ ކުރާއިރު، މި އަހަރު ވެސް އެ ގައުމުގެ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މިއަދު އޮންލައިން