ރާއްޖޭގެ ޕަބްލިކް ސަރވިސް އެއްކޮށް ޑިޖިޓަލައިޒްކުރުމަށް ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ވިދާޅުވެފައިވަނީ އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ފުރާވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި، ރާއްޖޭގައި އެތައް އަހަރެއްގައި ކަރުދާހުން ހުރި އާކައިވް ޑިޖިޓަލައިޒްކޮށް، ޑިޖިޓަލް އާކައިވްއަކަށް ބަދަލުކުރުމަކީ އެމަނިކުފާނުގެ އަމާޒެކެވެ. މީގެ އިތުރުން، 2040 އާ ހަމައަށް ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްޓަކައި ޑިޖިޓަލައިޒޭޝަން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ޑިޖިޓަލް އިކޮނޮމީން ރާއްޖޭގެ ޖީޑީޕީއަށް މަދުވެގެން 15% ހިއްސާކުރުމަކީ އެމަނިކުފާނުގެ އަމާޒެކެވެ. އަދި މިއީ 2040 އާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
އަރޓިފިޝަލް އިންޓެލިޖެންސްގެ މުހިންމުކަން ފާހަގަކުރައްވަމުން، ރާއްޖޭގައިވެސް އޭއައި މާސްޓަރ ޕްލޭނެއް ހަދައި، ޤައުމު ތަރައްޤީ ކުރުމުގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. މި ދަތުރުފުޅުގައި އެސްޓޯނިއާއިން މިކަންކަން ކުރާ ގޮތްތައް ދެނެގަތުމުގެ ފުރުޞަތު ލިބިވަޑައިގަތް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް 3-4 އަހަރު ތެރޭގައި ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް، ޕަބްލިކް ސަރވިސްގެ ހުރިހާ ކަމެއް، ތަޢުލީމީ ދާއިރާ އަދި ޞިއްޙީ ދާއިރާ އެއްކޮށް ޑިޖިޓަލައިޒްކުރުމަށް ރޭވިފައިވެއެވެ. މި މަސައްކަތުގައި ދިވެހި ރައްޔިތުންނާއި މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.