ރާއްޖޭގެ ކުރިއެރުމަށް އެހީތެރިކަންދޭ ހުރިހާ ޤައުމަކާއެކުވެސް ގާތްގުޅުން ބާއްވާނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ރާއްޖޭގެ ކުރިއެރުމަށް އެހީތެރިކަންދޭ ހުރިހާ ޤައުމަކާއެކުވެސް ގާތްގުޅުން ބާއްވާނަން: ރައީސް

ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންނަށް ކުރިއެރުން ލިބޭ މަގުތައް ފަހިވާގޮތަށް އެހީތެރިކަންދޭ ހުރިހާ ޤައުމަކާއެކުވެސް ގާތްގުޅުން ބާއްވަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ އަވަށްޓެރި ޤައުމުތަކަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް ރަހުމަތްތެރިންކަމަށެވެ. އަދި ދިވެހިންނަށް އިސްކަން ލިބޭ އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުވާނަމަ ޤައުމަށް ފައިދާވާ ހުރިހާ މަގުތަކެއް ބަލަން ބޭނުންފުޅުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަވަށްޓެރިން ވަރަށް މުހިންމުވާނެ އަޅުގަނޑުމެންނަށް އިނގޭތޯ. އެހަގީގަތެއް ބަދަލެއް ނުވާނެ. އަވަށްޓެރިންނަކީ އަޅުގަނޑުމެންގެ އެންމެ ގާތް ރަހުމަތްތެރިން. އެކަން އެހެންއޮވެމެ އެބަޖެހޭ އަޅުގަނޑު ޤަބޫލްކުރާގޮތުގައި ދިވެހިންނަށް އެންމެފައިދާވާ ހުރިހާ މަގެއް ފަހިކުރަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އަވަށްޓެރި ޤައުމުތަކުގެ އިތުރަށް އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިކުރައްވަނީ ދިވެހިންނަށް ފައިދާ ހޯދާދިނުމަށް ކަމަށާއި ދިވެހި ރައްޔިތުންނަށް ކުރިއެރުން ލިބޭ ކޮންމެ މަގަކުން ކުރިއަށް ދިޔުމަށް ހުރިހާ ޤައުމުތަކެއްވެސް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މި ވާހަކަފުޅުތައް ދެއްކެވީ އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި ކަމަށްވާތީ، މި ދަތުރުފުޅަކީ ރާއްޖޭގެ ޚާރިޖީ ގުޅުންތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްކަން ފާހަގަކުރެވެއެވެ. މިގޮތުން، ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންނަށް ކުރިއެރުން ލިބޭ މަގުތައް ފަހިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އެކި ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވާކަން މި ބަސްދީގަތުމުން ސާފުވެއެވެ.

މިއަދު އޮންލައިން