އެސްޓޯނިއާގެ ދަތުރުން ލިބުނު ކުރިއެރުންތަކަކީ އުއްމީދީ ކުރިއެރުންތަކެއް: ރައީސް ޑރ.މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އެސްޓޯނިއާގެ ދަތުރުން ލިބުނު ކުރިއެރުންތަކަކީ އުއްމީދީ ކުރިއެރުންތަކެއް: ރައީސް ޑރ.މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިމިގެންދާއިރު، އެ ދަތުރުފުޅުން ލިބުނު ކުރިއެރުންތަކަކީ އުއްމީދީ ކުރިއެރުންތަކެއް ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ މި ދަތުރުފުޅާއެކު ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ޚާރިޖީ ގުޅުންތަކުގެ އައު ޒަމާނެއް ފެށިގެން ގޮސްފައިވާ ކަމަށެވެ. މި ދަތުރުފުޅުގެ ތެރޭގައި ބޭއްވުނު ފައިދާކުރަނިވި ބައްދަލުވުންތަކާއި، ދެ ޤައުމުގެ ދެމެދު ސޮއިކުރެވުނު ފަހުމުނާމާތަކުން މިކަން ކަށަވަރުވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގެ ތެރެއިން ފަންނިއްޔާތުގެ ދާއިރާއިންނާއި، ތިމާވެށީގެ ދާއިރާއިންނާއި ސިޔާސީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއިކުރައްވާފައިވެއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެކެވެ.

އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް އާއި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުން ރައީސް މުޢިއްޒަށާއި ރާއްޖޭގެ ވަފުދަށް ދެންނެވި ހޫނު މަރުހަބާއަށާއި، އަދާކުރެއްވި މެހެމާންދާރީއަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ހިތްހެޔޮކަމާއި އެކުވެރިކަން ދައްކުވައިދޭ ކަމެކެވެ.

މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ. ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ކުރިމަގުގައި ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިއަދު އޮންލައިން