ދިރިއުޅުން ކުރިނޭރުމާއި ރިޒުޤަށް ދަތިވުމަކީ ގިނަ ބައަކަށް އޮންނަ އެންމެ ބޮޑު ކަންބޮޑުވުން ކަމަށްވެފައިވާއިރު މައްސަލައިގެ ޙައްލު ލިބޭނެކަން އެނގެންހުރި ކަންކަން ނުކުރެވޭނަމަ އެމީހަކީ ޣާފިލު ކަމެއްގައި ހުރި މީހެކެވެ. ކަންނެތް ކަމުގައި ހުރި މީހެކެވެ. ވީމާ ފުރަތަމަ ކަމަކަށް އެކަންކަން އިޞްލާޙްކުރަމާ ހިނގާށެވެ!
ވިސްނައިލާށެވެ! ތިބާގެ ކުރިމަތީގައި ހުޅުވިފައިވަނީ ދުނިޔެއަށްވުރެ ބޮޑު ޚަޒާނާއެކެވެ. އެއިގައިވަނީ ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ މާއަގުބޮޑު ޖަވާހިރުތަކެވެ. އެކަމަކު ދޮރުންވަދެ އެއިން ނަގަން ތިބާ ބޭނުންނުވެ ކަންނެތްވެފައި ހުއްޓައި ގަޑިޖެހުމުން ޚަޒާނާގެ ދޮރު ބަންދުވީއެވެ. އެއްވެސް މިންވަރެއް ނެގުމުގެ ފުރުޞަތު ގެއްލިގެންދިއައީއެވެ.
ދެން މާފަހުން ތިބާގެ ކަންނެތްކަން ފިލުމުން ދިރިއުޅުން ކުރިނުއަރާތީއާއި އަތްމަތި ދަތިކަމުގެ ވާހަކަ ދެއްކުމުގެ އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ ފަތިސް ނަމާދާއި ފަތިސް ނަމާދުގެ އިހު ސުންނަތް ނުކުރާ މީހުންނަށް މިކަންކަން ވިސްނައިދޭން އަބަދުވެސް މިގެންދަނީ މަސައްކަތްކުރަމުންނެވެ.
ޚިޔާލަށް ގެންނާށެވެ! ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާކަމުގައިވުމުގެ ފުރުޞަތު ކޮންމެ ދުވަހަކު ﷲ ތަޢާލާ ހުރިހާ މުސްލިމުންނަށް ދެއްވަވައެވެ. އެ ފުރުޞަތުގެ ބޭނުން ނުހިފާ މީހާ ތަނަވަސްކަމާއި ރަޙްމަތަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނީ ކޮން ވާހަކައެއް ހެއްޔެވެ؟ ދަންނަވާނީ ކޮން ކަމަށް އެދިގެންހެއްޔެވެ؟
ﷲ ތަޢާލާގެ ދަޢުވަތަށް ވިސްނައިލާށެވެ! އެދަޢުވަތުގައި ނުހިމެނޭ ތަނަވަސްކަމެއް ނެތެވެ. ދުނިޔެއާއި ދުނިޔޭގައިވާހައި ތަނަވަސްކަމެއް އެ ދައޫވަތުގައި ހިމެނިގެންވެއެވެ. އެއިގެ މާނައަކީ އެދަޢުވަތުގައި ދުނިޔޭގެ ހުރިހާ ބޭންކުތަކެއްގައި ހުރި ހުރިހާ ފައިސާތަކާއި ހުރިހާ އެންމެންގެ އަތުގައި ހުރި ހުރިހާ ފައިސާތަކާއި ރަންތަކާއި ޖަވާހިރުތަކާއި މައުދަންތަކާއި އެންމެންގެ ގެދޮރާއި ފިހާރަތަކާއި އެއްގަމާއި ކަނޑުގައި ދުއްވާ ހުރިހާ ބޯޓުތަކާއި މިފަދަ ހުރިހައި މުއްސަނދިކަމެއް އެ ދަޢުވަތުގައި ހިމެނިގެންވުމެވެ.
ދަޢުވަތު އައިސްފައިވަނީ މިފަދައިންނެވެ. "ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗަކަށްވުރެ ތިމަން ތިމަން ﷲ ގެ ޙަޟްރަތުގައި ފަތިސް ނަމާދުގެ އިހުސުންނަތުގެ 2 ރަކްޢަތުގެ އަގު މާބޮޑެވެ."
ފަތިސް ނަމާދުގެ އިހުސުންނަތް ކުރީމާ އެހައި ބޮޑު ތަނަވަސްކަމެއް ދެއްވަވާނެ އިރު ދުނިޔޭގައި އެތަނަވަސްކަން ނުލިބެނީ ކީއްވެގެންތޯ ސުވާލުކޮށްފާނެއެވެ. ޖަވާބަކީ އެތަނަވަސްކަމާއި އެ ނިޢްމަތްތައް މިންވަރުކުރައްވަވާނީ މަރުވުމުން ކަމެވެ. ސުވަރުގެއިން ކަމެވެ. އަދި ދުނިޔޭގައި ހުއްޓައިވެސް އެކަލާނގެ އިރާދަކުރައްވަވާ އަޅަކަށް އިރާދަކުރައްވަވާ މިންވަރަކަށް ތަނަވަސްކަން ދެއްވަވާ ކަމެވެ.
ލޮބުވެތި އަޚޫންނާއި އުޚުތުންނޭވެ! ސުންނަތް ނަމާދުތައް ވަރަށް ގިނައެވެ. އެހެންކަމާއިއެކުވެސް އެންމެ 2 ރަކްޢަތުން ކުރެވޭ، ކުރުކުރު 2 ސޫރަތް ކިޔަވައިގެން ކުރެވޭ ކުރުކުރު ނަމާދަކަށް މިހައި ބޮޑު "އިނާމެއް"، "އެވޯޑެއް" ކަނޑައަޅުއްވަވާފައިވުމުން އެ 2 ރަކްޢަތުގެ މުހިންމުކަމާއި ދަރަޖަ އަދި މަތިވެރިކަން ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިވެގެންވާ މިންވަރު މިވަނީ އެނގިފައެވެ. އެހެން ނޫން ނަމަ މިހައި ބޮޑު ރަހްމަތެއް އެ 2 ރަކްއަތުން ޙާޞިލެއް ނުވީހެވެ.
ވީމާ މިއީ ހަމަކޮންމެ މީހަކުވެސް ވިސްނައި ފިކުރުކޮށްލަން އޮތް ކަމެކެވެ. ކޮންމެ ދުވަހަކު ވެސް ޙާޞިލުކުރެވެން އޮތް މިމަތިވެރި ނިޢްމަތް ޙާޞިލުކުރަމުން ގެންދާ މީހާއަށް ސުވަރުގެއިން ލިބިގެންދާނެ ތަނަވަސްކަމާއި ރަހްމަތުގެ ބޮޑުކަން ނިކަން ދެކިބަލާށެވެ.
މިސާލަކަށް މިގޮތަށް ހިސާބު ޖަހައިބަލާށެވެ! ތިބާ ދުނިޔޭގައި ހުރީ 70 އަހަރުއެވެ. ބާލިޣްވެ ނަމާދު ވާޖިބުވާ ޙާލުގައި އެއިރުން އެހުރެވެނީ 60 ވަރަކަށް އަހަރުގައެވެ. ތިބާއަށް ދީން އޮޅުންފިލައި ސުންނަތް އަޅުކަން ކުރުމުގެ މުހިންމުކަން އެނގުނީ އުމުރުން 20 އަހަރުގައެވެ. ވީމާ އެއިގެ މާނައަކީ ތިބާއަށް ފަތިސްނަމާދުގެ އިހު ސުންނަތް 50 އަހަރު ކުރުމުގެ ފުރުޞަތު ލިބިފައިވުމެވެ. އެކަން ތިބާކޮށްފިނަމަ 18250 ފަތިސްނަމާދުގެ އިހުސުންނަތް ކުރެވިފައިވުމެވެ. އެހެންކަމަށްވެއްޖެ ނަމަ ﷲ ތަޢާލާގެ ވާގިފުޅާއިއެކު ތިބާ ސުވަރުގެ ވަންނާނީ ދުނިޔެއާއި ދުނިޔޭގައި ވާހައި މުއްސަނދިކަމަށްވުރެ 18250 ގުނަ ތަނަވަސް ރަޙްމަތުގައި ކަމަށް އުންމީދުނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ސުބްހާނަﷲ! މިއޮތީ ކޮންފަދަ ބޮޑު ތަނަވަސްކަމެއް ޙާޞިލުކުރެވެން ހެއްޔެވެ؟
އިސްލާމީ ތިލަފަތުގެ ދަރުސަކުން