މުސްލިމުންނަށް ޘަވާބު ހޯދެން ހުރި މަގުތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިން ކުރަން އެންމެ ފަސޭހަ އެއްކަމަކީ ކުރަންޖެހޭ އަޅުކަންކުރަން ކުރުމާއިއެކު އެހެންމީހުންނަށް ހަނދާންކޮށްދިނުމެވެ.
މިއަހަރު ނިމެނީއެވެ. (ރަމަޟާން މަހުން ރަމަޟާންމަހަށް ބަލާނަމަ) ހިނގަމުން މިދަނީ 10 ވަނަ މަހެވެ. ރަޖަބް މަހެވެ. ދެން އޮތީ ޝަޢުބާން މަސް އެކަންޏެވެ. ވީމާ ކުރީ ރަމަޟާން މަހުން ޤަޟާކުރަންޖެހި ޤަޟާނުކުރެވި ރޯދަހުރި ނަމަ އަވަހަށް ހިފައި ނިންމާށެވެ. ހިފެން ނެތް ޙާލަތުގައިވާނަމަ ދެން އެކަން ނިންމަންޖެހޭ ގޮތަށް (ފިދުޔަދީ) އަވަހަށް ނިންމާށެވެ. ޝަޢްބާން މަހަށް މަޑުކުރަން ނުހަދާށެވެ.
މިކަން ކޮންމެ ކިޔުންތެރިއަކުވެސް އެމީހެއްގެ އެކުވެރިންނަށްވެސް ޝުޢާކޮށްލައި ހަނދާންކޮށްދޭށެވެ. ބައްދަލުވުމުން އެމީހަކު ރުހޭނެ ފަދަ މަގަކުން ރިވެތި ގޮތުގައި ސުވާލުވެސްކޮށްލާށެވެ! އެކަމަށްވެސް ﷲ ތަޢާލާ ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
މިކަމަށް ތަކުރާރުކޮށް ހަނދާންކޮށްދެމުން މިގެންދަނީ ކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ!
ގުޅުންހުރި ސުވާލެއް!:
ސުވާލު: މާދަމާ ޤަޟާ ރޯދައެއް ހިފަން ނިޔަތްގަނެގެން ނިދާފައި ފަތިހު ނުހޭލެވިގެން ފަތިސްނަމާދު ޤަޟާކުރަންޖެހިއްޖެނަމަ އެދުވަހު ހިފާ ރޯދަ ސައްހަވާނެތޯ؟
ޖަވާބު: ފަތިސްވުމުގެ ކުރިން ރޯދަ ހިފުމަށް ނިޔަތްގަނެވިފައި ވާނަމަ ރޯދަ ސައްހަވާނެ އިން ޝާ ﷲ.. ފަތިސްނަމާދަށް ނުހޭލެވިއްޖެނަމަ ހޭލެވުމުން ވީހާޢަވަހަކަށް ޤަޟާކުރާނީއެވެ.
--ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް