ބައްދަލުވާ ދެމަފިރިއަކު ދައްކާ ކަންކަމަށް ބަލައި ތިމާގެ ބައިވެރިޔާ ކުށްވެރިކުރަން ހެޔޮނުވާނެ! ރަނގަޅުކަމަށް ވިސްނުނު މީހާ މާނުބައިވެސްވެދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
ބައްދަލުވާ ދެމަފިރިއަކު ދައްކާ ކަންކަމަށް ބަލައި ތިމާގެ ބައިވެރިޔާ ކުށްވެރިކުރަން ހެޔޮނުވާނެ! ރަނގަޅުކަމަށް ވިސްނުނު މީހާ މާނުބައިވެސްވެދާނެ!: މުފްތީ މެންކް

ދިރިއުޅުމުގައި މައްސަލަތައް ކުރިމަތިވާ އެއް ސަބަބަކީ ތިމާގެ ބައިވެރިޔާ ތިމާއަށް ކޮށްދޭ ކަންކަމުގެ އަގު ވަޒަންނުކޮށް އެހެން މީހުންގެ ކިބައިން ފެންނަ ކަންކަމަށް ވިސްނޭތީއެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އެހެންވެ ކޮންމެ ދެމަފިރިއަކުވެސް ސަމާލުކަން ދިނުން މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ!  

ޒިޔާރަތްކުރި ގެއަކުން ބައްދަލުވި އަނބިމީހާގެފުށުން ތިބާގެ އަނބިމީހާގެ ކިބައިގައި ނެތް ރަނގަޅު ސިފައެއް ފެނުމަކީ ތިބާގެ އަނބިމިހާ ކުށްވެރިކުރަންޖެހޭ ކަމެއް ނޫނެވެ. ފިރިމީހާއަށްވެސް މިކަން އޮތީ ހަމަ މިހެންނެވެ. ފުރަތަމަވެސް ވިސްނައިލާށެވެ! ގެއަށް ޒިޔާރަތްކުރާ މީހުންނަށް އެމީހުންގެ ކިބައިގައި ހުންނަ އުނި ސިފަތައް ދައްކާނީ ކާކުހެއްޔެވެ؟ ހަމައެކަކުވެސް ނުދައްކާނެއެވެ. ދައްކާނީ ކިތަންމެ މަދު ނަމަވެސް ހުރި ރަނގަ ސިފަތަކެވެ.  

އެހެން މީހުންގެ އަނބިން ނުވަތަ ފިރިންގެ ކިބައިން ފެންނަ ބައެއް ރަނގަޅު ކަންކަން ފެނުމުން ދެމަފިރިންގެ މެދުގައި އެބަ މައްސަލަތައް ޖެހެއެވެ. އެދެމަފިރިންކުރެ އެކެއްގެ ކިބައިން ފެނުނު ރަނގަޅުކަންކަން ނުފެންނާތީއެވެ. މިސާލަކަށް އެގޭގަ އިން އަނބިމީހާ އޭނާގެ ފިރިމީހާ އާއިމެދު މާރަނގަޅަށް ކަންކަން ކުރާކަމުގެ ކަންބޮޑުވުމެވެ. ތިމާގެ އަނބިމީހާގެ ކިބައިން އެ ޚިދުމަތް ނުލިބޭތީއެވެ. ނުވަތަ ފިރިމީހާގެ ކިބައިން ނަމަވެސްމެއެވެ.  

މިފަދަ ކަންކަމުގައި ދެމަފިރިންގެ މެދުގައި މައްސަލަތައް އުފެއްދުމުގެކުރިން ރަނގަޅަށް ވިސްނައިލާށެވެ! އެއްވެސް ދެމަފިރިއެއްގެ ހުރިހާ ކަމެއް އެންމެންނަކަށް ނުފެންނާނެއެވެ. ފެންނާނީ ދެއްކި މިންވަރެކެވެ. ވީމާ އެހެން ދެމަފިރިއަކު ވަރަށް ރަނގަޅަށް ކުރިކަމެއް ފެނިގެން އެހައިވަރަށް ތައްރީފްކޮށް ޝަކުވާކުރާއިރު އެދެމަފިރިންގެ މެދުގައި ތިމާމެން ދެމަފިރިންނަށްވުރެ ގޯސްކޮށް ހިނގަނީ ކިތައް ކަންތައްކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ 

މިހެން މިބުނަނީ ފެނުނު 3 ކަންތައް މާރަނގަޅުވިއިރު ނުފެންނަ 10 ކަންތައް މާގޯސްކޮށް އޮވެދާނެތީއެވެ. ވީމާ އެހެން ބައެއްގެ ބޭރުފުށުން ފެންނަ ކަމަކާއިހުރެ ދެމަފިރިންގެ މެދުގައި ޝަކުވާކުރަން ނުހަދާށެވެ! އެއިގެ ބަދަލުގައި ތިމާމެންގެ މެދުގައި ހުރި ރަނގަޅަށް ކުރެވޭ ކަންކަމަށް އެކަކު އަނެކަކަށް ތައްރީފްކުރާށެވެ! އިޞްލާޙްކުރަން ހުރި ކަންކަން އިޞްލާޙްކުރަން ދެމަފިރިން ލޯބިން މަޝްވަރާކުރާށެވެ!  

އަނބިމީހާވެސް ހަމަ މިކަންކަމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ފިރިމީހާއަށް ތަޢްރީފްކޮށް ޝުކުރުވެރިވުމުގައި ދެމިހުންނަންވާނެއެވެ. ފިރިމީހާ ކޮށްދޭ ކަންކަން އަބަދުވެސް ފާހަގަކުރަން ވާނެއެވެ. ފިރިމީހާވެސްމެއެވެ.  

ދެމަފިރިން އެކަކު އަނެކަކަށް ކަންކަން ކޮށްދެނީ ކޮށްދޭން ޖެހޭނެތީ ކަމަށް ޤަބޫލުނުކުރާށެވެ! ވިސްނައިލަން ޖެހޭނެ ކަމަކީ ކޮށްދޭން ޖެހޭ މީހަކު ކޮށްދޭން ޖެހިގެން ކަމެއް ކޮށްދިން ނަމަވެސް ޝުކުރުވެރިވާން ޖެހޭނެ ކަމެވ. އެކަމެއް އެންމެ ރަނގަޅު ގޮތުގައި ކޮށްދީފިނަމަ އެކަމަކަށްޓަކައި ވަކިންބޮޑަށް ޝުކުރުވެރިވާން ޖެހޭނެ ކަމެވެ.  

މިސާލަކަށް އަނބިމީހާއަށް ހެދުން ހޯދައިދޭން ޖެހޭނެއެވެ. ކިތަންމެ ދަށް ފޭރާމަކުން ހޯދައިދިން ނަމަވެސް ވާނީ ހަމަ ހެދުން ހޯދައިދިން ކަމަށެވެ. ކާންދޭން ޖެހޭނެއެވެ. ކިތަންމެ ޢާދައިގެ ކެއުމެއް ކާން ދިން ނަމަވެސް ވާނީ ހަމަ ކާންދިން ކަމަށެވެ. އެއިގެ ބަދަލުގައި ފޯރުންތެރިކަން ހުރިވަރަކުން ރަނގަޅު ގޮތުގައި މިކަންކަން ވެސް ކޮށްދޭނަމަ ޝުކުރުވެރިވުން އިތުރުކުރަން ޖެހޭނެއެވެ.  

އުފާވެރި ދިރިއުޅުމަކަށް އެދޭނަމަ މިކަންކަމަށް ސަމާލުކަން ދިނުން އިތުރުކުރަން ޖެހޭނެއެވެ. އެއިރުން އަބަދުވެސް ހިނިތުންވެގެން ތިބެވިދާނެއެވެ. ޝުކުރުވެރިވުމަކީ އިސްލާމް ދީނުގައި ކުރަން އޮތް އެންމެ މުހިންމު އެއް ކަންތަކެވެ. އިސްލާމް ދީނުގައި ސާބިތުވެ ހުރެވޭނީވެސް ﷲ ތަޢާލާއަށް ޝުކުރުވެރިވާ މީހަކަށެވެ. ދެމަފިރިންނަށް އުފަލުން އެކުގައި އުޅެވޭނީ ވެސް ހަމަ އެކަކު އަނެކަކަށް ޙައްޤު ޝުކުރު އަދާކޮށްގެންނެވެ.  

ކަޅިއަޅައި ސަމާލުކަންދޭންވީ އެހެން މީހުންގެ ބޭރުފުށުން ފެންނަ ކަންކަމަކަށް ނޫނެވެ. ސަމާލުކަންދޭންވީ ތިމާމެންގެ އަމިއްލަ ދިރިއުޅުން އުފާވެރިކުރުވުމަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން