ކަންކަން އިޞްލާޙްކުރުމުގެ ބޭނުމުގަވެސް އަނބިދަރިންނަށް ނުވަތަ އޭނާގެ ބެލުމުގެދަށުގައިވާ މީހުންނަށް ނުބައި ބަސްތައް ބުނާނަމަ ކާމިޔާބެއް ނުވާނެ! ދާނީ ގޯހުން ގޯހަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ކަންކަން އިޞްލާޙްކުރުމުގެ ބޭނުމުގަވެސް އަނބިދަރިންނަށް ނުވަތަ އޭނާގެ ބެލުމުގެދަށުގައިވާ މީހުންނަށް ނުބައި ބަސްތައް ބުނާނަމަ ކާމިޔާބެއް ނުވާނެ! ދާނީ ގޯހުން ގޯހަށް!: މުފްތީ މެންކް

ވިސްނައިލިޔަސް އެނގޭނެއެވެ. އަނެކާގެ ކިބައިން ކަމެއް އިޞްލާޙްކުރަން ބޭނުންވެގެން އެމީހަކު ދެކެ ރުޅިއައިސް ނުބައިބަސްތައް ބުނާނަމަ އެވަޤުތު އެމީހަކު ބިރުން މަޑުން ހުރިނަމަވެސް އޭނާގެ ހިތުގައި އުފެދޭނީ ނަފްރަތެވެ. ހިތުން ހުންނާނީ އިންތިހާއަށް ރުޅި އައިސްގެންނެވެ. ވީމާ އެއްވެސް މީހަކަށް ނުބައި ބަސް ބުނެގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭނެއެވެ. ކަންކަން ބަދަލުވާނީ ގޯހުން ގޯހަށެވެ.  

ވީމާ ޙަޔާތުގެ ބައިވެރިޔާއަށްވެސް އަދި ޢާއިލާގެ މީހަކަށްނަމަވެސް އަދި ތިމާގެ ނޯކަރަކަށް ނަމަވެސް ހަމަ އެއްވެސް މީހަކަށް ނުބައިބަސްތައް ނުބުނާށެވެ! ލަދު ނުގަންނަވާށެވެ! އެފަދަ ކަންކަން ކުރުމުން މުސްތަޤްބަލުގައި އެމީހުންގެ ކިބައިން ފެންނާނީ ނިޞްބަތްކުރި ނުބައި ސިފަތަކެވެ. މިއީ މުޅި ދުނިޔެ ތަޖުރިބާކުރަމުން ގެންދާ ކަންކަމެވެ. ވީމާ ހޭލުންތެރިވާށެވެ!  

ކޮންމެ ޙާލަތެއް ކުރިމަތިވި ނަމަވެސް ނުބައި ބަސްތައް ބުނުން މުސްލިމުންނަށް ހުއްދައެއް ނޫނެވެ! މުސްލިމުންނަށް އޮތީ ރިވެތިބަހުން މުޢާމަލާތުކުރުމެވެ. ނަޞޭޙަތްދިނުމެވެ. ދުލުން ނުބައިބަސްތައް ބުނާމީހާ ތިމާއަކީ ފުރިހަމަ މުސްލިމެއްކަމަށް ބުނަން ލަދުގަންނަންޖެހޭނެއެވެ. އަހަރެންގެ ނަޒަރުގައި އެފަދަ މީހުންނަކީ އެއްވެސް ވަރަކަށް ރަސޫލް ()ގެ ސުންނަތަށް ޢަމަލުކުރާކަމެއް ނޫނެވެ. ސުންނަތަށް އަމަލުނުކުރާ މީހަކީ މިއުންމަތުގެތެރެއިންވާ މީހެއްކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ދަރިއަކަށްވެސް ކިތަންމެ ބޮޑު ކުށެއްވެސް ކުރެވިދާނެއެވެ. ނަމަވެސް އެކަމާއި ގުޅިގެން ނުބައި ބަސްތައް ބުނެ ކުއްޖާގެ ހިތްހަލާކުނުކުރާށެވެ! ކުދިންނަށް ދުލުން ނުބައިބަސްތައް ބުނުމަކީ އެކުދިން ދުނިޔެއާއިމެދު، އެކުދިންގެ މުސްތަޤްބަލާއިމެދު ކުރާ އުންމީދުތައް ގެއްލިގެންދާކަމެވެ. އެކަން ޔަޤީންކުރެވެނީ ތަޅައި އަނިޔާ ނުކުރިނަމަވެސް ކުދިންނަށް ނިޞްބަތްކޮށް ބުނެވޭ ނުބައި ބަސްތަކުގެ ސަބަބުން ކުދިންނަށް ލިބޭ މާޔޫސްކަމުގެ ތެރެއިން އަމިއްލައަށް މަރުވުން ފަދަ ކަންކަންވެސް މެދުވެރިވާތީއެވެ.  

ހަމައެއާއިއެކު ކުދިންނަށް ނުބައި ބަސްތައް ބުނުމުން އެކުދިންގެ އުޅުން މުޅިން އެހެންގޮތަކަށް ބަދަލުވެގެން އެބަދެއެވެ. މިސާލަކަށް ތިއައީ ވަރަށް ގޮޮތްކުޑަކުއްޖެއް ކަމަށް ބުނުމުން އެކަން އެގޮތަށް އެކަން ޤަބޫލުކުރެވި ގޮތްކުޑަ އަމަލުތައް ކުރަން ކުދިން އެބަ ޝައުޤުވެރިވެއެވެ. އެއީ ކުއްޖާއަށް ތިމަންނާއަކީ ގޮތްކުޑަ ކުއްޖެއްކަމަށް މައިންބަފައިން ބުނި ބުނުމަށްބުރެވެ އެކަން ސިކުނޑީގައި ހަރުލުމުންނެވެ.  

ތިއައީ ގޮތް ކުޑަ ނުބައި ނުލަފާ ކުއްޖެއް ކަމަށް ނުބުނާށެވެ! މީސްތަކުންގެ ކުރިމަތީގައި ނުވަތަ އެއްވެސް މީހެއްގެ ކުރިމަތީގައި ދަރިން ލަދުނުގަންނަވާށެވެ. އެގޮތަށް އެކަން ކުރާނަމަ ކުދިންގެ ލަދުޙަޔާތް ކެނޑުން ނޫން ކަމެއް ނުވާނެއެވެ! އެއިރުން ހުރިހާ ކަމަކަށް ބިރުކެނޑިގެން ހިނގައިދާނެއެވެ. އެއްވެސް ކަމެއް ކުރަން ޖެހިލުން ނުވާ ހިސާބަށް ކުއްޖާގެ ވިސްނުން ހިނގައިދާނެއެވެ.  

 

- މުފްތީ މެންކުގެ ދަރުސަކުން  

 

މިއަދު އޮންލައިން