އެއްވެސް މީހަކީ ކަންބޮޑުވުންތަކުން ސަލާމަތްވެ ހުރެވޭނެ މީހެއް ނޫނެވެ. އެކިމީހުންނަށް ކުރިމަތިވާނީ އެކި ކަންކަމެވެ. އަދި ކުރިމަތިވާނީވެސް އެކި މިންވަރަށެވެ. ޔަޤީންކުރަންޖެހޭ ކަމަކީ ދުނިޔޭގައި ހުރިނަމަ ކޮންމެވެސް ކަމަކަށް ކަންބޮޑުވާން އަބަދުވެސް ޖެހޭނެ ކަމެވެ.
ދަތި އުނދަގޫ ޙާލަތުތައް ކުރިމަތިވެގެން އުޅޭ މީހުންގެ ގާތުގައި ނަމާދުކުރަންތޯ ސުވާލުކުރީމާ ބުނަނީ ދުވާލަކު 3، 4 ނަމާދުކުރާ ކަމަށެވެ. އެހެންވީމާ ޝައިޠޯނާ އެވަނީ ދެންހުރި ނަމާދުތައް ކުރަން ހުރަސް އަޅައިފައެވެ.
އެކަމުގެ ނަތީޖާއަކަށްވެގެންދަނީ އޭނާއަކީ ނަމާދުކުރާ މީހަކު ކަމުގައި ނުވުމެވެ. ސަބަބަކީ ނަމާދުކުރާކަމަށްވާނީ އެންމެ މަދުމނުން ފަރުޟު 5 ނަމާދު ކޮންމެ ދުވަހަކު ކުރުމުންނެވެ. އެއަށްވުރެ މަދުން ކުރާނަމަ އެމީހަކީ ނަމާދުކުރާ މީހަކަށް ނުވާނެއެވެ.
ﷲ ތަޢާލާ ފަރުޟު ކުރެއްވެވި 5 ނަމާދު ނުކޮށްހުރެ ކުރިމަތިވެފައިވާ ތަކްލީފްތަކުގެ ވާހަކަދެއްކުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެހެނީ ފުރަތަމަކަމަކަށް ކުރަންޖެހޭނެ ކަމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުން ކަމުގައިވާތީއެވެ.
ފަރުޟު 5 ނަމާދު ހަމައަށް ނުކުރެވޭނަމަ އެމީހާ އެހުރީ ޝައިޠޯނާގެ ބާރުގެދަށުގައެވެ. ވީމާ ފުރަތަމަވެސް ޝައިޠޯނާ ދުރުކޮށްލާށެވެ. ގަދަކަމުން ނަމަވެސް ޝައިޠޯނާ އާއި ދުރަށް ޖެހޭށެވެ. މިޘާލަކަށް ބަންގި ގޮވަނީއެވެ. ޖަމާޢަތަށް ދާހިތްވެއެވެ. ނަމަވެސް ހިތަށް އަރަނީ މިވެނި އެވެނިކަމެއް އަދި ނުކުރެވި އެބައޮތް ކަމަށެވެ. އެކަންކަން ކޮށްލާފައި ނަމާދުކުރާނީއެވެ.
އެހެންކަމަށްވާނަމަ އެމީހެއްގެ މައްޗަށް ޝައިޠޯނާ އެވަނީ ގަދަވެގެންފައެވެ. ބަލިކޮށްލަން ބޭނުންނަމަ ކުރަންހުރި ކަންކަން ފަހަށް ބަހައްޓާފައި އަވަހަށް ބަންގިއަށް ޢިޖާބަދޭށެވެ. ޖަމާޢަތުގައި ނަމާދުކުރާށެވެ!
އެއްވެސް މީހަކު ކުރާކަށް ނަމާދުކުރުމަށްވުރެ މުހިންމުކަންބޮޑު އެއްވެސް ކަމެއް ނުއޮންނާނެއެވެ. ބަންގިގޮވީމާ ނުވަތަ ވަޤުތު ޖެހުނީމާ ޖަމާޢަތުގައި ނަމާދުކުރުމަށްވުރެ އިސްކަންދޭންޖެހޭނެ ކަމެއްވެސް ނުއޮންނާނެއެވެ. އެހެނީ ޖަމާޢަތުގައި ނަމާދުކުރުމުން ލިބޭ 27 ގުނަ ނުލިބުމަށްވުރެ ބޮޑު ދެރައެއް ނެތުމުންނެވެ. އެއީ ފަހުން ކޮށްގެން ހޯދެން އޮތް ނިޢްމަތެއް ނޫނެވެ. ޖަމާޢަތަށް ދިއަ ނުދޭން ޝައިޠޯނާ އެހާބޮޑަށް ބާރު އަޅަނީ އެނިޢުމަތުން މަޙްރޫމްކުރުވަންވެގެންނެވެ.
ވީމާ ކޮންމެ މުސްލިމަކުވެސް މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ހުރިހާ ކަމަކަށްވުރެ ޖަމާޢަތުގައި ނަމާދުކުރުމަށް އިސްކަންދޭށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން