މަރަކީ ކޮބައިކަމާއިމެދު އެއްވެސް ތަފްޞީލެއް އަދިވެސް ހޯދިފައެއް ނެތެވެ. ހަމައެކަނި އެނގޭވަރަކީ ހިތުގެ ހިނގުން ހުއްޓި ނޭވާ ނުލެވެންފެށުމުން މަރުވާކަމެވެ. މިއީ އެންމެ ކުރިންސުރެވެސް އެނގޭ ކަންކަމެވެ.
ޑޮކްޓަރުން ގެންގުޅޭ ކަށިގަނޑު ނެތް ޒަމާނުގައިވެސް އަތުކުރީގައި ހިފައި ވިންދުޖަހައިތޯ ބަލައެވެ. އެއްވެސް ވަރަކަށް ނޭވާލައިތޯ ބަލަން ނޭފަތުކުރީގައި ކަފަކޮޅެއްވެސް ބާއްވައެވެ. މިކުރެވެނީ ހަމަ އެއް ކަންތައްތަކެކެވެ. ތަފާތަކީ މިޒަމާނުގައި މެޝިންތަކާއި ގުޅައިގެން ކަންކަން ބެލޭކަމެވެ.
މަރުގެ ޙަޤީޤަތް ސައިންސްވެރިންނަށް އެއްވެސް ވަރަކަށް ހޯދިއްޖެތޯ ކުރެވޭ ސުވާލަށް ތިރީގައިވާ ލިޔުމުން ކޮންމެވެސް ވަރެއްގެ ޖަވާބެއް ލިބިލައްވާނެއެވެ. އިން ޝާ ﷲ
މަރުވުމާއިމެދު ޑޮކްޓަރުން ދެކެމުން އަންނަ ގޮތް މުޅިން ބަދަލުވެއްޖެއެވެ. ކުރިން އެމީހުން ބުނަމުން އައީ މަރުވާއިރު އެކަން މީހާއަށް ނުއެނގޭނެ ކަމަށެވެ. ނަމަވެސް މަރުވަނީކަން މީހާއަށް އެނގޭކަމަށް މިއަދު އެއްބަސްވެއެވެ.
އޭނާގެ ލޮލުގެ އޮށް ގޮތްގޮތަށް ތެޅޭކަމާއި އަޑިއަށްގޮސް މައްޗަށް އަރާކަމަށް ޤަބޫލުކޮށްފިއެވެ. ތުންފަތަށްވެސް ބަދަލުތަކެއް އަންނަކަން ޤަބޫލުކޮށްފިއެވެ.
ސައިންސްގެ ހޯދުންތަކަށްފަހު މިހާރު ބުނަނީ މީހާގެ ފުރާނަދަނީ ކުއްލިއަކަށް ނޫންކަމަށެވެ. އެތައް މަރުޙަލާތަކަކަށްފަހުގައިކަމަށެވެ. ހަމައެއާއިއެކު މީހާގެ ފުރާނަދާފަހުންވެސް ސިކުނޑި މަސައްކަތްކުރާކަންވެސް ވަނީ ހޯދައިފައެވެ.
އަދި ކީއްހެއްޔެވެ؟ މީހާ މަރުވުމުގެ ވަޤުތުގައި ޝަހާދަތުގެ ދެކަލިމަތީގައި މަރުވުމަށް މަލާއިކަތުން ވިދާޅުވާނެތެވެ. ނަމަވެސް ޝަހާދަތްކިޔޭނީ ޝަހާދަތުގެމަތީގައި ދުނިޔޭގައި އުޅުނު މީހަކަށެވެ. އެނޫން މީހުންގެ ހަނދާނަކު ނުހުންނާނެއެވެ. އިބިލީސް އެވަގުތުވެސް މަސައްކަތްކުރާނީ ހަނދާންކުރިއަ ނުދިނުމަށެވެ. އެހެންވެ ސިކުނޑިން އެބައި ފުހެވިގެންދަނީއެވެ. ޝަހާދަތުގެ މަތީގައި ދުނިޔޭގައި ނުއުޅުނީތީއެވެ.
މީސްތަކުންނޭވެ! ޑޮކްޓަރުން މިހާރު އެދައްކަނީ މަރާއިމެދު ޤުރްއާނާއި ޙަދީޘުން ފެންނަންހުރި ކަންކަމުގެ ވާހަކަތަކެވެ. މަރުހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުން އޭނާއަށް ފެންނާނެކަމާއި ކަޅި ޙަރަކާތްކުރާނެ ކަމާއި މައްޗަށްވާގޮތަށް ހުއްޓޭނެކަން ފަދަ ކަންކަން އެނގެން އެބައޮތެވެ.
ދުޢާއަކީ އަހަރެމެން އެންމެންގެ ނިމުމަކީވެސް ހެޔޮލަފާ ނިމުމެއް ކަމުގައި ލެއްވެވުމެވެ. ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވެވުމެވެ. ޢާމީން.
- ޤުރްއާން އެންޑް އިސްލާމްގެ ދަރުސަކުން