ޔޫނުސްގެފާނު ފެހުރިއްސެއްގެ ބަނޑަށް؟ ވިސްނާލުން މުހިންމު ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ޔޫނުސްގެފާނު ފެހުރިއްސެއްގެ ބަނޑަށް؟ ވިސްނާލުން މުހިންމު ކަންކަން-

ފުރަތަމަ މިގެނެސްދެނީ ފެހުރިއްސާއިބެހޭ މަޢުލޫމާތު ކޮޅެކެވެ.

ފެހުރިއްސަކީ މިޔަރުގެ ބާވަތްތަކުގެ ތެރޭން އެންމެ ބޮޑު އަދި ކަނޑުގައިއުޅޭ އެންމެ ބިޔަ އެއް މަހެވެ. ފެހުރިހި 12 މީޓަރަށްވުރެ ބޮޑުވާކަމަށް ވެއެވެ. މިއީ އިންސާނުންނަށް ނުރައްކާތެރި މިޔަރެއްނޫން ކަމުން ފެތުންތެރިންނާއި ފީނުންތެރިން މިބާވަތުގެ މިޔަރާ ވަރަށް ގައިގޯޅިވެ އުޅެއެވެ.

މިއީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުންނާއި ބޭރު ކަނޑުން ފެންނަ މިޔަރެކެވެ. ފެހުރިއްސަކީ ރާއްޖޭގައި ޙިމާޔަތް ކުރެވިފައިވާ ބާވަތެކެވެ. ވުމާއެކު މިބާވަތް ހިފުމާއި، މެރުމާއި ކަނޑުންނެގުމަކީ މަނާކަމެކެވެ. މިގޮތަށް ހަމަޖައްސާފައިވަނީ ފެހުރިއްސަކީ މަދުންއުޅޭ މިޔަރަކަށްވެފައި އެއީ ދުނިޔެއިން ނެތިފަނާވެދާނެކަމުގެ ބިރު ހީވެފައިވާ ބާވަތަކަށް ވާތީއެވެ.

މިމަސް އާދަވެގެން ކައިއުޅެނީ އަނގައަށް ކާނާ ފުރާނާ އުސޫލުންނެވެ. މިގޮތަށްވެސް ކައިއުޅެނީ ވަރަށް ކުދިމަހާއި، ފަނިފަކުސާއާއި ކަނޑުގެ މަތީބައިގައި އުޅޭ ކަކުނިފާޑުގެ ސޫތްޕެވެ. ފެހުރިހި ކާނާކާން އުޅޭއިރު ފެނުންހިކޭނުހިކޭ ހިސާބަށް އޭގެ ބޯކޮޅު ބާއްވައިގެން އޮއިމައްޗަށް ދަތުރުކޮށްއުޅެއެވެ. ފެހުރިއްސަކީ ތުންގަޑުކުރު ނިގޫކޮޅަށް ހިމަ ނިގުލުގެ ކަފިކަން ބޮޑު މިޔަރެކެވެ. މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ ގަދައަޅިކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދު ނުވަތަ ރީނދޫކުލައެއްގައެވެ. މުޅި މިޔަރުގައި ހުދު ނުވަތަ ރީނދޫ ކުލައެއްގެ ލައްތަކަކާއި ގޮޅިތަކެއްހުރެއެވެ. މިޔަރުގެ ދެއަރިމަތީން މަތީބައިގައި ދިގަށްވާގޮތަށް ތިން ކުރަގަޑު ހުރެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

ފުރަތަމަ ކަމަކަށް ފެހުރިހި ޢާންމުކޮށް ކައިއުޅޭ ތަކެއްޗަށް ވިސްނައިލާށެވެ. ދެން އިންސާނަކު ދިރުވާލަން ޝައުޤުވެރިވީ ސަބަބަށް ވިސްނައިލާށެވެ.

ބައެއް ޢިލްމްވެރިން ވިދާޅުވާ ގޮތުގައި ޔޫނުސްގެފާނު އޮންނެވީ ފެހިރިއްސެއްގެ ބަނޑުގައެވެ. (މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.) ޢިލްމްވެރިންގެ އެބަސްފުޅަކީ ތެދެއް ކަމުގައިވާނަމަ  އެކަން ހިނގައިދިއަ ގޮތަށް ވިސްނައިލުމުން ގިނަ ކަންތައްތަކެއް ވިސްނޭނެއެވެ.

ހަމަ އެއާއިއެކު ވިސްނައިލާށެވެ! އެބިޔަ ބޮޑު މަހުގެ ބަނޑުގައި ޔޫނުސްގެފާނު އިންނެވުމަކުން ހަށިކޮޅަށް އެއްވެސް ގެއްލުމެއް ލިބިވަޑައެއް ނުގަންނަވައެވެ. އިންނެވީ ޛިކުރުކުރެއްވެވުންމަތީގައެވެ.

ﷲ ތަޢާލާގެ އަމުރުފުޅަށް އެމަސް ޔޫނުސްގެފާނު ދިރުވައިލި ފަދައިން ﷲ ތަޢާލާގެ އަމުރުފުޅަށް އެމަސްވަނީ ޔޫނުސްގެފާނު އެމަހުގެ ބަނޑުން ބޭރުވެސް ކޮށްލައިފައެވެ. ހަށިކޮޅަށް އެއްވެސް ގެއްލުމެއް ލިބިވަޑައިގަތުމަކާއި ނުލައެވެ.

މިފަދަ ޙާދިސާތަކަށް ވިސްނައި ފިކުރުކުރާނަމަ ﷲ ތަޢާލާގެ ކުލަދުންވަންތަކަމާއި ދީލަތިވަންތަކަމުގެ ބޮޑުކަން ވަރަށް ރަނގަޅަށް އެނގެންދާނެއެވެ. އިން ޝާ ﷲ

މިލިޔުމުގައިވާ ކަންކަމަށް ބެއްލެވުމަށްފަހު ޝައިޚް ޢަލީ ޒައިދު ވިދާޅުވީ "ރޭގަނޑުގެ އަނދިރިކަމާ، ކަނޑުގެ އޑީގެ އަނދިރިކަމުގަ އަދި މަހުގެ ބަނޑުގެ އަނދިރިކަމުގައި (މިބޮޑު 3 އަނދިރި ކަމުގައިވެސް) ޔޫނުސްގެފާނު ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާ ދެންނެވީ މަހުގެ ބަނޑުގައި ސަޖިދައިގެ ޙާލަތުގައި އޮންނަވައިގެން ކަމަށް" ޢިލްމްވެރިން ބަޔާންކުރައްވަވާ ކަމަށެވެ.

މިބަސްފުޅަށް ވިސްނައިލުމުން އެނގިގެންދަނީ ކަނޑުގެ އަޑީގައިވިޔަސް، އަދި ކޮންމެ ފަދަ ޙާލަތެއްގައިވިޔަސް ބޮޑެތި ކަންކަން ކުރިމަތިވުމުން ސަޖިދަކޮށް ސަޖިދައިގެ ޙާލަތުގައި ދުޢާކުރުމުގެ މުހިންމު ކަމެވެ.

މިއަދު އޮންލައިން