މިސްކިތްތަކުގެ ޙުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ވިދާޅުވީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ޤަދަރާއި އިޙުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަވަނީ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މިއީ ކިހިނެއް ހިގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ އިން ވަނީ ފަށާފައި ކަމަށެވެ. "މިސްކިތްތަކުގެ ޙުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅާނަން. އިންޝާ ﷲ"
ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވާއިރު ސަމާލުކަންދޭންޖެހޭ އިތުރުކަމެއްވެސް ގިނަ ބައަކު އަންނަނީ ފާހަގަކުރަމުންނެވެ. އެކަމަކީ ޖަނާޒާގެ ކަންކަން ކުރެވެނީ މިސްކިތްތަކާއި އިންވެގެން މިސްކިތުގެ ހަރިންމަތެރޭގައި ކަމަށްވާއިރު އަޢުރަ ނިވާނުވާ ފޭރާންލައިގެން ވަދެއުޅޭ ކަމެވެ.
ޚާއްޞަކޮށް މާލޭ ސަޙަޜާ މިސްކިތުގައި ޖާގަކުޑަކަމުން ނަމާދަށްދާ މީހުންގެ ތެރޭގައި އެބާވަތަށް ފޭރާންލައިގެން ބައެއް މީހުން އުޅޭކަން ފާހަގަކޮށް ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރެއެވެ. އަދި އެކަން ބެލެވެނީ މިސްކިތުގެ ޙުރުމަތް ކެނޑުމުގެ ތެރެއިން ކަމަށްވެސް ގިނަ ބައަކު ބުނެއެވެ.
އެގޮތަށް އެއުޅޭ ސަރަޙައްދަކީ މިސްކިތް ފުރުމުން ނަމާދުވެސްކުރާ ސަރަޙައްދެކެވެ. އެހެންކަމުން އެބައާއިމެދު ބެލެވެނީ މިސްކިތުގެ ސަރަޙައްދެއްގެ ގޮތުގައެވެ. އެހެންކަމުން މިއީ ހޭލުންތެރިކަން އިތުރުކުރުވަންޖެހިފައިވާ ކަމެއްގެ ގޮތުގައި ގިނަ ބައަކު ފާހަގަކުރެއެވެ.