އެންމެންގެ ނަފްރަތު ތިމާއަށް ލިބެންފަށައިފިނަމަ އެއީ ވަރަށް ބޮޑު ނުރައްކަލެއް! ކުރެވޭ ފާފަތަކުގެ ސަބަބުން ޖިންނި ޝައިޠޯނުން އެވަނީ އެމީހެއްގެ މައްޗަށް ވެރިވެގެންފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
އެންމެންގެ ނަފްރަތު ތިމާއަށް ލިބެންފަށައިފިނަމަ އެއީ ވަރަށް ބޮޑު ނުރައްކަލެއް! ކުރެވޭ ފާފަތަކުގެ ސަބަބުން ޖިންނި ޝައިޠޯނުން އެވަނީ އެމީހެއްގެ މައްޗަށް ވެރިވެގެންފަ!

ބައެއް މީހުންނަށް އުޅެންޖެހެނީ ޢާއިލާގެ އެއްވެސް މީހެއްގެ ކިބައިންވެސް ލޯބިނުލިބޭތީއެވެ. އެންމެންގެ ނަފްރަތު ލިބޭތީއެވެ. ބައްދަލުވާ ހެޔޮލަފާ މީހުންގެ އިޙްތިރާމް ނުލިބި އެމީހުންގެ ނަފްރަތު ލިބޭތީއެވެ. 

އެންމެންގެ ނަފްރަތު އެގޮތަށް މެދުވެރިވާ އެންމެ ޢާންމު ސަބަބު ބުނެލަދޭން މަސައްކަތްކުރާނަމެވެ. އެސަބަބަކީ ކުރެވޭ ފާފަތަކުގެ ސަބަބުން ޖިންނި ޝައިޠޯނުން އެމީހުންގެ މައްޗަށް ވެރިވެގަތުމެވެ. މީހުންގެ މައްޗަށް ޖިންނި ޝައިޠޯނުންނަށް އެންމެ ފަސޭހައިން ގަދަވެގަނެވޭ ސަބަބަކީ ފާފަކުރުމާއި ދޮގުހެދުމެވެ. ވީމާ ފާފަކުރުމާއި ދޮގުހެދުމަކީ ކުޑަކުޑަ ކަމެއްގެ ގޮތުގައި ނުދެކޭށެވެ. 

ފާފަކުރުމާ ދޮގުހެދުން ކަމަށް މިބުނަނީ ދޮގުހެދުމަކީ ފާފައަކަށްނުވާތީއެއް ނޫނެވެ. ދޮގުހެދުމުގެ ހުރި ނުބައިކަން ބޮޑު މިންވަރު ސަމާލުކަމަށް ގެނައުމުގެ ބޭނުމުގައެވެ. ދޮގުހެދުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެހެންކަމާއިއެކުވެސް ބައެއް މީހުން ދޮގުތައް ހަދަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. އެއީ ފާފައެއް ކަމަށްވެސް އެމީހުންނަށް ޤަބޫލުނުކުރެވޭފަދައެވެ. 

މިފަދަ މީހުންގެ މައްޗަށް ޖިންނި ޝައިޠޯނުން އެމީހެއްގެ މައްޗަށްވެރިވެގަންނަކަން އެމީހުންނަށް ނުވެސް އެނގޭނެއެވެ. އެޙާލަތުގައި އަމިއްލަ ގޭތެރެއިންވެސް މައްސަލަތައް ކުރިމަތިވާންފަށާނެއެވެ. ޢާއިލާގެ ތެރެއިންވެސް ނަފްރަތުލިބެންފަށާނެއެވެ. ނުބައި ނިޔަތެއް ނެތިވެސް އެހެން މީހުން ރުޅި އަންނަ ފަދަ ކަންކަން ކުރެވެން ފަށާނެއެވެ. ވަކިހިސާބަކުން އެންމެން އޭނާ ބާކީވެސްކޮށްލާނެއެވެ. 

އަދި ކީއްހެއްޔެވެ؟ ކުރަންޖެހޭ ކަންކަން ހަނދާންނެތެން ފަށާނެއެވެ. ޚާއްޞަކޮށް ހެޔޮ ޢަމަލުކުރާށާއި އެހެން މީހުންނަށް ކޮށްދޭން ބޭނުންވާ ރަނގަޅުކަންކަން ކޮށްދޭންވެސް ހަނދާންނެތެން ފަށާނެއެވެ. އެކަންކަމުގެ ސަބަބުންވެސް މީސްތަކުންގެ ނަފްރަތު ލިބެންފަށާނެއެވެ. 

މިއީ ކޮންފަދަ ދެރަ ނިކަމެތި ޙާލަތެއް ހެއްޔެވެ؟ ޤިޔާމަތްދުވަހު ކުރިމަތިލާންޖެހޭނެ ކަންކަމުގެ އިތުރުން މިބުނި ފަދަ ކަންކަން ދުނިޔޭގައި ކުރިމަތިވުމުން ދެން ކަންކަން ވެގެންދާނެ ގޮތް ހިތްމައްޗަށް ގެންނާށެވެ. 

ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށް އެދޭ މީހާ މިކަންކަމަށް ވިސްނާށެވެ! މީސްތަކުންގެ ނަފްރަތު ތިމާއަށް ލިބެމުންދާނަމަ، މިބަޔާންކުރި ފަދަ ކަންކަން ތިމާއަށް ކުރިމަތިވާނަމަ އެކަންކަން އެގޮތަށް މެދުވެރިވުމުގައި ތިމާގެ އެއްވެސް ދައުރެއް އޮތްކަމާއިމެދު ވިސްނަންވާނެއެވެ. ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރަންވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން