ބިލިއަނަރުންނަށްވެސް އަދި އެންމެ ބާރުގަދަ އެމެރިކާގެ ރައީސަށްވެސް އެއްވެސް ބާރެއް ނުހިންގޭނެ ކަމެއް ވެއެވެ! އެއީ އެހެން މީހުން ތިމާއާއިމެދު ދެކޭ ގޮތެވެ. އެހެން މީހުން ތިމާގެ މައްޗަށް ޙަސަދަވެރިވެ ހިތްނުބައިކުރުމެވެ.
ބާރު ހުރި މީހާ ބިރުދެއްކުމުން ނުވަތަ ތަނަވަސްކަން ހުރިމީހާ ފައިސާތަކެއް ދިނުމުން ހިތްހެޔޮކަމަށް ބުނެފާނެއެވެ. ނަމަވެސް އެއީ ޙަޤީޤަތަކަށް ނުވާނެއެވެ. ވާނީ ހަމައެކަނި ދުލުން ބުނެލާ ބަހަކަށެވެ. މިކަމުން އެނގެނީ ތިމާއާއިމެދު ހަސަދަވެރިވާ، ތިމާއަށް ނަފްރަތުކުރާ މީހުންގެ ވިސްނުން ބަދަލުކުރުވަން އެއްވެސް މީހަކަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމެވެ.
ދެން އޮތީ އެންމެ މުހިންމު ވާހަކައެވެ. އެކަމަކަށް ތިމާއަށް އެއްވެސް ބާރެއް ނުފޯރުވޭނެ ކަމަކަށް ކިތަންމެ ވަރަކަށް ވިސްނިޔަސް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ވިސްނިވަރަކަށް ސިކުނޑިއަށް ބާރުބޮޑުވުން އިތުރުވުން ނޫންކަމެއް ޙާޞިލުވާނެ ހެއްޔެވެ؟
ވީމާ އަހުރެންގެ ނަޞޭޙަތަކީ މީހަކު ތިމާއާއި ނުރުހި ޙަސަދަވެރިވެގެން އުޅޭކަން އެނގުނަސް އެކަމަށް އެއްވެސް ވަރަކަށް ނުވިސްނާށެވެ. އަޅައިވެސް ނުލާށެވެ! އޭނާގެ ވިސްނުން އޭނާއަށް ދޫކޮށްލާށެވެ!
އެފަދަ ގޮތެއް މެދުވެރިވުމުން ދެރަވެ އާދޭސްކުރިޔަސް ކުރާނެ ފައިދާއެއް ނެތްތަނުގައި ލިބޭނީ އިތުރު އަނިޔާއެވެ. ޢަދުލުވެރިއަކު، އެހެން މީހުންނަށް ރަޙުމްކުރާނެ މީހަކު އެއްވެސް މީހަކަށް ހިތްނުބައިކޮށް ޙަސަދަވެރިއެއް ނުވާނެއެވެ. އަދި އެއްވެސް މީހަކަށް ދެރައެއް ނުވަތަ ގެއްލުމެއް ދިނުމަކަށް މަސައްކަތެއްވެސް ނުކުރާނެއެވެ.
ވީމާ ޙަސަދަވެރިންގެ މައްސަލަ ﷲ ތަޢާލާއަށް ވަކީލުކޮށް އެކަންމަތިން ހަނދާން ނައްތައިލާށެވެ! އެއިރުން ﷲ ތަޢާލާ އެމީހެއްގެ ކިބައިން ތިބާ ރައްކައުތެރިކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން