ހުރިހާ އެންމެންނަށްވެސް މާފުކުރާށެވެ! ނަމަވެސް ކުރިއަށް އޮތްތަނުގަ ސަމާލުކަން ދޭންޖެހޭނެ ބައަކު ތިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ހުރިހާ އެންމެންނަށްވެސް މާފުކުރާށެވެ! ނަމަވެސް ކުރިއަށް އޮތްތަނުގަ ސަމާލުކަން ދޭންޖެހޭނެ ބައަކު ތިބޭނެ!

ކޮންމެ ކަމަކަށް ޢަމަލުކުރުމުގައިވެސް އިންތަކެއްވެއެވެ. އެގޮތުން މާފުކުރުމަށް ބަލާއިރު އޮތީ މާފުކުރުމުގައި ދީލަތިވުމެވެ. އެންމެންނަށްވެސް މާފުކުރުމެވެ. ނަމަވެސް ކަމުގެ ޒާތަށް ބަލައި ކުރިއަށް އޮތްތަނުގައި ރައްކައުތެރިވާން ޖެހޭނެ ކަންކަންވެސް ހުންނާނެއެވެ. 

ޒުވާން ޢުމުރުގައި ބުނެ އުޅެނީ ދީފައި އަނބުރާ ހޯދާށެވެ. ބަދަލުގައި އޭނާގެ ކިބައިން ކޮންމެވެސް ކަމެއް ހޯދަން ޖެހޭނެ ކަމަށެވެ. ނަމަވެސް ފަހުން އެއީ ރަނގަޅު ގޮތެއް ނޫންކަން ވިސްނޭނެއެވެ. އެއީ ދީނުގައި އެކަން އޮތް ގޮތް ނޫންކަން އެނގުމުން އަހަރެމެން މީހަކަށް އެއްޗެއް ދޭންވާނީވެސް އަދި ކަމެއް ކޮށްދޭންވާނީވެސް ބަދަލުގައި އެއްވެސް އެއްޗެއް ހޯދާކަށްވެސް އަދި ކަމެއް ކޮށްދޭނެ ކަމަކަށްވެސް ނޫނެވެ. 

ދީނުގައި އޮތް ގޮތް އެނގުމުން ބުނަންޖެހޭނީ ދޭށެވެ. ދީފައި އެކަން ހަނދާންނައްތައިލާށެވެ. އެހެނީ މީހަކަށް އެއްޗެއް ދިފައިވެސް އަދި ކަމެއްކޮށްދީފައިވެސް އެމީހާގެ ކިބައިން އެއްވެސް ބަދަލެއް ހޯދުމެއް ނެތެވެ. އުންމީދުކުރަންވީ ﷲ ތަޢާލާ ދެއްވަވާނެ ބަދަލަށެވެ. 

މެދުވެރިވާ ކަމެއް އޮވެއެވެ. އެއީ މީހަކު ތިމާއަށް ގެއްލުމެއް ދީފައިވާނަމަ އޭނާއަށް މާފުކުރިނަމަވެސް އެކަން ހަނދާން ނައްތައިނުލެވޭ ކަމެވެ. ހަނދާނުގައި އެކަން ހަރުލައި ހުންނަ ކަމެވެ. އެހާލަތުގައިވެސް އެކަމުގެ އެއްވެސް ޝަކުވާއެއް ނުކުރާށެވެ. އެފަދަ ކަމެއް ހަނދާނަށް އަތުވެއްޖެނަމަ އެއީ މާކުރިން ވެނިމިފައި އޮތް ކަމެއްކަން ހިތްމައްޗަށް ގެންނާށެވެ. މާފުކުރެވުނުކަމަށްވާނީ އެއިރުންނެވެ. ނޫންނަމަ އެއީ މާފުނުކުރެވެނީއެވެ. 

އެހެންކަމާއިއެކުގައިވެސް ސަމާލުކަންދޭންޖެހޭނެ ކަމެއް އެބައޮތެވެ. އެއީ އޭނާ އާއިމެދު ސަމާލުވެގެން ހުރުމަށެވެ. އެހެނީ ޙަދީޘްފުޅުގައި އޮތީ މުއުމިނެއްގެ ގައަށް އެއް ހޮރަކުން ދެފަހަރަށް ކަށިޖެހިޔަ ދިނުމެއް ނެތް ކަމަށެވެ. 

މިޘާލަކަށް ބުނާނަމަ މީހަކު ދަރަންޏަށް ފައިސާ ނަގާފައި އަނބުރައި ނުދިނީއެވެ. ނުވަތަ އެއްބަސްވުމާއި ޚިލާފްވީއެވެ. ދެން އެމީހާއަށް އިތުރަށް ފައިސާ ނުވަތަ މުދައު ދޭންވާނީ އެލަނޑު އަލުން ނުދެވޭނެ ގޮތަކަށެވެ. އޭނާއަތުން ރަޙުނު ބެހެއްޓުމަށްފަހުގައެވެ. އެއީ ކުރިން ދިންފަދަ ގެއްލުމެއް އަލުން ދިނަނުދިނުމަށްޓަކައެވެ. އެގޮތަށް އެކަން ކުރުމަކަށް ދީނުގައި އެއްވެސް ހުރަހެއް ނެތެވެ. 

ހަމަ އެގޮތަށް މީހެއްގެ ސަބަބުން ތިމާގެ ޢާއިލީ ދިރިއުޅުމަށް ހުރަސްތަކެއް ކުރިމަތިވީއެވެ. އޭނާއަށްވެސް މާފުކުރާށެވެ. ނަމަވެސް ދެން އޭނާ ބަހައްޓަންވާނީ އެފަދަ ދެރައެއް އަލުން ނުދެވޭނެ ހިސާބުގައެވެ. އެމިނަށްވުރެ ގާތްކޮށްގެން ނުވާނެއެވެ. 

ކަންމިހެން އޮތް ނަމަވެސް މީހަކަށް ކުރެވުނު ކުޑަކުޑަކަމަކަށް މާފުކުރުމަށްފަހު އެކަމާއިމެދު ނުވެސް ވިސްނާށެވެ. އެއީ ވީކަމެއްކަމަށްވެސް ނުހަދާށެވެ. ސަމާސައަށްވެސް އެކަމުގެ ވާހަކަނުދައްކާށެވެ. މާފުކުރިކަމަށްވާނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން