ކޮންމެ ކުއްޖެއްގެވެސް މަންމައަކީ އެކުއްޖާ ވިހެއި އަންހެނެކެވެ. ބައްޕައަކީ ހަމަ އެކުއްޖާގެ ބައްޕައެވެ. ނަމަވެސް ކައިވެނި ރޫޅި ދެމަފިރިން ވަކިވުމުން އެދަރިފުޅަށް އެހެން މީހަކަށް މަންމަ ނުވަތަ ބައްޕަކިޔަން އެބަޖެހެއެވެ.
ސަބަބަކަށްވަނީ ބައްޕަ ދަރިފުޅު ދޫކޮށްލުމުން އެހެން މީހަކަށް އެދަރިފުޅުގެ ބައްޕަގެ ދައުރު އަދާކުރަންޖެހޭތީއެވެ. އަދި މަންމަ ދަރިފުޅު ދޫކޮށްލައިފިނަމަ އެހެން އަންހެނަކަށް އެދަރިފުޅުގެ މަނަމަގެ ދައުރު އަދާކުރަންޖެހޭތީއެވެ.
މިފަދަ ކަމެއް ކުރިމަތިވުމުން ހިތުގައި ޖެހުނު އަންހެނަކު އޭނާގެ ކުރީގެ ފިރިމީހާ އާއި ސުވާލުކުރިއެވެ. "އަހަރެންގެ ތުއްތު ދަރިފުޅު ކަލޭގެ އަންހެނުންނަށް މަންމަ ކިޔަނީ ހެއްޔެވެ؟" ޖަވާބުގައި އާނއެކެވެ ބުނުމުން އެއީ ކީއްވެގެންތޯ ސުވާލުކުރިއެވެ. ޖަވާބުގައި އޭނާ ބުނީ އެއީ ކަލޭ ނެތް ތަނުގައި މަންމަގެ ލޯބިދޭން އޭނާއަށް ޖެހޭތީއެވެ. އަދި މަންމައަކު ފަދައިން ލޯބިދީގެން ދަރިފުޅު ބަލާތީއެވެ.
އެހިސާބުން މަންމައަށް ޖެހުނީ އަމާންދޭށެވެ! މިކަން މިގޮތަށް މެދުވެރިވީ ތިމާގެ ސަބަބުން ކަމަށް ޤަބޫލުކުރާށެވެ! ކައިވެނި ރޫޅުމުން ދަރިފުޅު ނުބަލައި ބައްޕަ އާއި ޙަވާލުކުރެވުނީތީ ހިތާމަކުރާށެވެ!
މިކިޔައިދިނީ ދަރިފުޅު ނުބެލި މަންމައެއްގެ ވާހަކައެވެ. ބައްޕައަކުވެސް ދަރިން ނުބަލާނަމަ މިމައްސަލަ ހަމަ މިގޮތަށް ކުރިމަތިވާނެއެވެ. ކުރިމަތިވުމުން ޖެހޭނީވެސް އަމާންދޭށެވެ.
ތިމާ ބަލަންޖެހޭ ތިމާގެ ތުއްތު ދަރިފުޅު ތިމާ ނުބެލުމުން އެދަރިފުޅު ބަލައިދޭ މީހާއަށް މަންމަ ނުވަތަ ބައްޕަ ކިޔާކަން އެނގުމުން އެކަމަށް ދެރަވެ ހިތްފަޅައިގެން ދިއަޔަސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ސަބަބަކީ އެކަން ބަދަލުނުކުރެވޭނެތީއެވެ.
ދަރިން ލިބޭފަހުން ކައިވެނި ރޫޅައިލުމުގެ ކުރިން ފުރަތަމަވެސް ވިސްނަންޖެހޭނީ ދަރިންނަށް ކުރިމަތިވާނެ މިމައްސަލައަށެވެ. އެކަމަށް ނުވިސްނައި ކައިވެނި ރޫޅާލައި ދަރިންގެ ބެލެނިވެރިކަންވެސް ދޫކޮށްލުމަށްފަހު ދެން ހިތާމަކުރިޔަސް ކަންކަން ބަދަލުވާނެކަން އެއީ ޤަބޫލުކުރަންޖެހޭނެ ކަމެކެވެ.