ރަޖަބްމަހު "ކުރަންޖެހޭ ހަނގުރާމަ" ކުރެވިއްޖެނަމަ ރަމަޟާންމަސް ކާމިޔާބުކުރަން ބޮޑުތަނުން ފަސޭހަވެގެންދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރަޖަބްމަހު "ކުރަންޖެހޭ ހަނގުރާމަ" ކުރެވިއްޖެނަމަ ރަމަޟާންމަސް ކާމިޔާބުކުރަން ބޮޑުތަނުން ފަސޭހަވެގެންދާނެ! އިން ޝާ ﷲ

ރަޖަބްމަހަކީ ޙުރުމަތްތެރިވެގެންވާ 4 މައްސަރުގެ ތެރެއިން އެއް މަހެވެ. އެހެންވެ އެމަހުގައި ހަނގުރާމައެއް ނުކުރާނެއެވެ. އަދި މީހަކު ތިމާގެ މުދަލަށް އަރައިގަތަސް ބަދަލުހިފަން އަނިޔާވެރި ޢަމަލެއް ނުކުރާނެއެވެ. އެއީ އެމަހުގައި ހަނގުރާމަކޮށް ލޭއޮހޮރުވުން ޙަރާމްކުރައްވަވާފައިވާތީއެވެ. 

އަހުރެމެން މިއަދު ހަނގުރާމައެއް ނުކުރަމެވެ. މިބުނަނީ ކަނޑިބަޑީން ކުރާ ހަނގުރާމައިގެ ވާހަކައެވެ. ނަމަވެސް އަހުރެން ދެކޭ ގޮތުގައި ރަޖަބްމަހު ކުރަންޖެހޭ ހަނގުރާމައެއް އެބައޮތެވެ. އެއީ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކޮށް ހުންނަން އަމިއްލަ ނަފްސާއި ކުރަންޖެހޭ ހަނގުރާމައެވެ. 

އެކަމަށް ރަޖަބް މަހު ހަނގުރާމަކުރެވިއްޖެނަމަ ރަމަޟާން މަސް އަންނަންވާއިރަށް އެމީހެއްގެ ތަޤްވާވެރިކަން ވަރަށް ބޮޑަށް އިތުރުކުރެވިގެންދާނެއެވެ. އިން ޝާ ﷲ. އެކަމުގެ ސަބަބުން ރަމަޟާން މަހުގެ ރޯދަހިފަން ވަރަށް ބޮޑުތަނުން ފަސޭހަވެގެންދާނެއެވެ. 

މިބުނާ ވާހަކައަކީ ރަމަޟާން މަހު ވީހާ ގިނަ އަޅުކަންކުރަން ވަރަށް ބޮޑުތަނުން ފަސޭހަވެ އެކަމަށް މަގުފަހިވެގެންދާނެ ވާހަކައެވެ. ތިމާގެ ޢަމަލުތައް ﷲ ތަޢަލާގެ މަގުގައި ޘާބިތުކުރަން ފަސޭހަވެގެންދާނެ ވާހަކައެވެ. 

ގޮތްބަލަންވެސް ރަޖަބްމަހުގެ ބޭނުން މިބުނި ގޮތަށް ހިފައިބަލާށެވެ! ރަމަޟާން މަހުގެ ކުރިއަށް އޮތް ޝަޢްބާން މަހުގައިވެސް ގިނައިން ރޯދަހިފަން ޝައުޤުވެރިވެވޭނެއެވެ. އަހުރެމެންނަށް ސުންނަތް ރޯދަތައްވެސް ނުހިފެނީ ޝައިޠޯނާގެ ސަބަބުންނެވެ. ޝައިޠޯނާ އާއި ދުރުހެލިވެވުމުން ހުރިހާ ކަމަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން