ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"އެއީ އެއުރެން، ﷲ ބާވައިލެއްވި ފޮތަށް ނުރުހުމުގެ ސަބަބުންނެވެ. ދެން އެކަލާނގެ އެއުރެންގެ ޢަމަލުތައް ބާޠިލް ކުރެއްވިއެވެ." (މުޙައްމަދު: 9)
ކީރިތި ޤުރްއާނުގައި މިހާސާފުކޮށް އެކަން ބަޔާންކުރައްވަވާފައިވާއިރުވެސް މިއަދު އެއްބައަކު ކީރިތި ޤުރްއާނުގައިވާ ﷲ ތަޢާލާގެ ޙުކުމްފުޅުތައް ޤަބޫލެއް ނުކުރެއެވެ. ޢަމަލެއް ނުކުރެއެވެ. ސުންނަތަށް ތަބޢަވާން ޤުރްއާނުގައި އޮތްއިރުވެސް އަނެއް ބައަކު ސުންނަތް ޤަބޫލެއް ނުކުރެއެވެ. އަނެއް ބައަކު މިބުނަނީ އިސްލާމް ދީނުގައި އިޞްލާޙްކުރަންޖެހޭ ކަންކަން އެބަހުރިކަމަށެވެ. މިދެއްކެނީ ކޮންފަދަ ނުބައިކަން ބޮޑު ވާހަކަތަކެއް ހެއްޔެވެ؟
މީސްތަކުންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ އިޚްތިޔާރުތަކުގެ ބޭނުން އެމީހަކު ހިތްއެދޭގޮތަކަށް މިއަދު ހިފިދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ނިކަމެތިކަމާއިއެކު ހުއްޓިހުންނަން ޖެހޭ ދުވަހު އެކަމުގެ ރަހަ އެމީހަކު ދެކޭނެތެވެ. މިއަދު އެކަމަށް ބިރުވެތިނުވެވި އެދުވަހަކުން ސަލާމަތެއް ނުވެވޭނެއެވެ!
އެބައަކު ދުނިޔޭގައި ތިބެ ކިތަންމެ ގިނައިން ހެޔޮ ޢަމަލުތައް ކޮށްފައިވީނަމަވެސް އެބައެއްގެ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ މީހުންގެ ތެރޭގައި ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތައް ޤަބޫލުނުކުރާ މީހުން ހިމެނިގެންވެއެވެ. އެކަން އެނގެނީ މިބަޔާންކުރި އާޔަތުންނެވެ. ސަލާމަތްކަން ލިބިގަތުން އޮތީ ހަމަ އެމީހެއްގެ އަތްމަތީގައެވެ.
- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން