"ރަވާތިބު ސުންނަތް ނުކުރުމަކީ ނަމާދުން ލިބެންވާ ދަރުމަ އުނިވާ ކަމެއް ނޫނެވެ. ނަމަވެސް ނަމާދުގައި ކުރެވިފައި ހުންނަ ކުދިކުދި ގޯސް ކަންތައްތަކުގެ ކައްފާރާއަކަށް ފުދޭ އެއްޗެކެވެ. މީގެ އިތުރުން ރަވާތިބު ސުންނަތުގެ 12 ރަކްޢަތަށް ރައްކާތެރިވެއްޖެ މީހަކަށް ސުވަރުގެއިން ގަނޑުވަރެއް ދެއްވާނެކަން ޙަދީޘްގައި ވާރިދުވެފައިވެއެވެ."
އަހުރެމެންނަށް ކުރެވޭ ނަމާދުތަކަށް ބަލައިފިނަމަ ފުރިހަމަކުރެވުމާއި ގާތަކަށްވެސް ނަމާދެއް ނުކުރެވެއެވެ. ކުރެވެނީ އެތައް ބައިވަރު އުނިކަންތައްތަކަކާއިއެކުގައެވެ. އިސްވެ ބަޔާންކުރި ބަސްފުޅުން އެނގެނީ ރަވާތިބް ސުންނަތް ކުރާނަމަ ފަރުޟް ނަމާދުގައި ކުރެވޭ ކުދިކުދި ކުށްތަކުގެ ކައްފާރާއަކަށް ފުދޭކަމެވެ.
ދެން ބަލައިލަންވީ ސުވަރުގެއިން ޖާގައެއް ލިބުމުގެ ބަދަލުގައި ސުވަރުގެއިން ގަނޑުވަރެއް ދެއްވަވާނެ ކަމެވެ.އެކަމަށް ބޭނުން ނުވާނީ ކާކުހެއްޔެވެ؟ ހަމަ ކޮންމެ މީހަކުވެސް އެކަމަށް އެދޭނެއެވެ. ވީމާ ހަމައެކަނި މި 2 ސަބަބަށްޓަކައިވެސް ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވެ ކުރަމުން ގެންދިއުމުގެ މުހިންމުކަމުގެ ބޮޑުކަން ފާހަގަކުރެވެއެވެ.
ރަވާތިބް ސުންނަތް ކުރުން މޮޅުއިތުރުވެގެންވަނީ ގޭގައެވެ. ނަމަވެސް ގޭގައި އިހު ސުންނަތް ކޮށްގެން މިސްކިތަށް ދިއުމުން ފުރަތަމަ ސަފު ނުލިބޭނަމަ މިސްކިތަށްގޮސް ސުންނަތްކުރާށެވެ!
ފަހު ސުންނަތް ގޭގައި ކުރާނީއެވެ.
- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް